25 މެއި 2023
ރާއްޖޭގެ ހަތަރު އަތޮޅެއްގައި އާބާދީގެ 90 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމުން ޑައިބެޓީސް ސޮސައިޓީ ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގައި އާބާދީގެ 90 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމުން ޑައިބެޓީސް ސޮސައިޓީ ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާއިން އިސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހާ ހަމައަށް މުޅި ރާއްޖޭގައި ގެންދިޔަ ސްކްރީނިންގައި 16 އަހަރުން މަތީގެ 10،023 ދިވެހިން ބައިވެރިވި އެވެ. ގައުމީ ޔުނިވާސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ދިރާސާގެ ރިޕޯޓު ނެރެފަ އެވެ.
ސްކްރީނިންގައި ހަކުރު ޓެސްޓުކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރާއި ބީއެމްއައި އަދި އުނަގަނޑުގެ ވަށަމިން ހުރި މިންވަރާއި ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނެގަތުން ހިމެނެ އެވެ.
ޑައިބެޓީސް ސޮސައިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނީ ސްކްރީނިންގައި ބައިވެރިވި މީހުންގެ ތެރެއިން 84.9 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް ހުރީ މަތީގައި ކަމަށެވެ. ބައެއް އަތޮޅުތަކުގެ އާބާދީގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމަކީ ވަރަށް ނުރައްކާތެރި އަދި މުސްތަގުބަލިގައި ގައިންގަޔަށް ނާރާ ބަލިތައް މިހާރަށް ވުރެ ވެސް އިތުރުވެދާނެ ކަމުގެ ނިޝާނެއް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަށިގަނޑުގައި ކޮންމެހެން ފެޓް ޕަސެންޓޭޖު ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެއްޖެ ނަމަ ސިއްހީ އިތުރު މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮވެ އެވެ. ހަކުރު ބަލި ޖެހުމާއި ލޭ މައްޗަށް ދިއުން އަދި ހިތުގެ މައްސަލަތައް ޖެހުމަކީ ވެސް ބޮޑީ ފެޓް ޕަސެންޓޭޖު މަތިވުމުން ދިމާވެދާނެ ކަމެކެވެ.
އެ ސޮސައިޓީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އާބާދީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖު މައްޗެވެ. އޭގެ ތެރެއިން، ހަތަރު އަތޮޅެއްގެ ހާލަތު ގޯސްވިއަސް، އެ ތަންތަނުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ސްކްރީނިން އިން ފާހަގަވި އަނެއް ކަމަކީ، އާއިލާތަކުގައި ހަކުރު ބަލީގެ މީހުން ގިނަ ކަމެވެ.
ހަކުރު ބަލީގެ މީހަކު އިންސިއުލިން އިންޖެކްޝަން ޖަހަނީ.
އާއިލާގައި، ހާއްސަކޮށް މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ މީހުން އަދި އުފަން ދަރިންގެ ގައިގައި ހަކުރު ބަލި ހުރުމަކީ، މުސްތަގުބަލުގައި ޓައިޕް 2 ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ. އެގޮތުން، ސްކްރީން ކުރި ކުދި އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހެއްގެ އާއިލާގައި ހަކުރު ބަލި ހުންނަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ.
ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ 32 ޕަސެންޓަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދު އުޅެނީ 68 ޕަސެންޓުގަ އެވެ. ޓެސްޓުކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ 36-45 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 25.3 ޕަސެންޓް މީހުންނެވެ.
- ސްކްރީނިންގައި ބައިވެރިވީ 16 އަހަރުން މަތީގެ 10،023 މީހުން
- ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އާބާދީގެ 70 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތި
- ހަކުރު ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ޒުވާނުންނަށް
- ބަލި ޖެހިފައި ހުރިކަން އެނގުނަސް 15 ޕަސެންޓް މީހުން އެއްވެސް ބޭހެއް ބޭނުމެއް ނުކުރޭ
ޑައިބެޓީސް ސޮސައިޓީން ބުނީ ސްކްރީނިންގައި ބައިވެރިވި 11.8 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ހުންނަކަން ކުރިން ވެސް އެނގޭ މީހުން ކަމަށެވެ. އަދި އެ ބަލީގެ ގޮތް ނޭނގޭ ކަމަށް 10.2 ޕަސެންޓް މީހުން ބުނި ކަމަށް ރިޕޯޓުގައި ވެ އެވެ. ސްކްރީން ކުރި އަންހެނުންގެ ތެރެއިން ހަކުރު ބަލި ހުރިކަން ކުރިން އެނގޭ ކަމަށް 12.1 ޕަސެންޓް މީހުން ބުނެފައިވާއިރު، ފިރިހެނުންގެ ތެރެއިން ހަކުރު ބަލި ހުންނަކަން އެނގޭ ކަމަށް ބުނެފައިވަނީ 11.4 ޕަސެންޓް މީހުންނެވެ.
"ނިސްބަތުން ބަލާއިރު އަންހެނުންނަށް [9.2 ޕަސެންޓް] ވުރެ ބޮޑަށް ފިރިހެނުންނަށް [12.1 ޕަސެންޓް] ބަލީގެ ހާލަތު ނޭނގޭ ކަމަށް ފާހަގަކުރެވުނެވެ. މިކަމުން ވެސް ފިރިހެނުން މި ފަދަ ސްކްރީނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މުހިއްމުކަން ހާމަވި އެވެ." އެ ރިޕޯޓުގައި ވެ އެވެ.
ހަކުރު ބަލި ނެތް ކަމަށް ބުނި މީހުންގެ ތެރެއިން ޖުމްލަ ގޮތެއްގައި 11.5 ޕަސެންޓް މީހުންގެ ހަކުރު ހުރީ 140mg/dL އަށްވުރެ މަތީގައި ކަމަށް ފާހަގަކުރެ އެވެ. އެއީ އަންހެނުންގެ 9.2 ޕަސެންޓް އަދި ފިރިހެނުންގެ 16.2 ޕަސެންޓެވެ. އުމުރުން 25 އަހަރުން ދަށުގެ 5.6 މީހުން ހަކުރު މަތިކަމަށް ދައްކާ ކަމަށާއި އެއީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ސޮސައިޓީން ބުންޏެވެ.
ހަކުރު ބަލި ހުރިކަން އެނގޭ މީހުންގެ ތެރެއިން ބޭސް ބޭނުންކުރާ ކަމަށް ބުނެފައިވަނީ 84.9 ޕަސެންޓް މީހުންނެވެ. އިންސިއުލިން ބޭނުންކުރަނީ 7.4 ޕަސެންޓް މީހުންނެވެ. ބަލި ހުރިކަން އެނގި ތިބެ، 15.1 ޕަސެންޓް މީހުން އެއްވެސް ބޭހެއް ބޭނުމެއް ނުކުރެ އެވެ. އެއީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޑައިބެޓީސް ސޮސައިޓީން ފާހަގަކުރެ އެވެ.
"ހަކުރު ބަލީގެ މީހުން ބަލި ކޮންޓްރޯލް ވެފައިވާ ކަމަށް ކަނޑައަޅާ އެއް މިންގަނޑަކީ ކައިގެން ހަކުރު ޓެސްޓުކުރާއިރު ހުންނަ މިންވަރު 180mg/dL އަށް ވުރެ ދަށުގައި ހުރުމެވެ. މި މިންގަނޑުގެ ނިސްބަތުން އަންހެނުންގެ ތެރެއިން 27.5 ޕަސެންޓް މީހުން އަދި 32.4 ޕަސެންޓް ފިރިހެނުން ހަކުރު ކޮންޓްރޯލް ނުކުރެވި ހުރިކަމަށް އަންދާޒާކުރެވޭ ކަމަށް ބުންޏެވެ. އޭގެ އިތުރުން، އެންމެ ބޮޑަށް ހަކުރު ކޮންޓްރޯލް ނުވެ ހުރީ ޒުވާނުން ކަމަށާއި އެ ހާލަތު ދެމިގެން ގޮސްފިނަމަ ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ސްކްރީނިންގައި ބަޔަކު ޓެސްޓުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި މައްސަލަތަކުން ރައްކާތެރިވުމަށް ޒުވާން އިރު ހަކުރު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނޫން ނަމަ ހަކުރު ބަލީގެ ސަބަބުން ޒުވާންއިރު ވެސް ކިޑްނީ ފެއިލްވެ، ލޯ އަނދިރިވެ، ހިތުގެ ބަލިތައް ޖެހި، ވާ ބަލި ޖެހުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ." ޑައިބެޓީސް ސޮސައިޓިން ބުންޏެވެ.
މި ސްކްރީނިންގެ ތެރެއިން ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ބަލާފައި ވަނީ ކުރިން އެ ބަލި ނެތް މީހުންގެ ތެރެއިންނެވެ. އެގޮތަށް ސްކްރީން ކުރި އާބާދީގެ 76.6 ޕަސެންޓް މީހުންގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ސޯޅަ އަހަރާއި 25 އަހަރާ ދެމެދުގެ 13.6 ޕަސެންޓް އަދި 26-35 އަހަރާ ދެމެދުގެ 59.8 ޕަސެންޓް މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސްކްރީނިން ދެއްކި ކަމަށް ރިޕޯޓުގައި ބުންޏެވެ.
"ފުރުސަތު ބޮޑު ކަމަށް ފެނުނު މީހުންގެ ތެރޭގައި ލޭގައި ހަކުރު ހުރި މިންވަރު، ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދެއްކި މީހުންނާ އަޅާބަލާއިރު ދެ ގުނަ އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރަން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަވަސް ބަދަލުތަކެއް ނުގެނެވިއްޖެނަމަ ހަކުރު ބަލި އަދި މި ނޫނަސް ގައިންގަޔަށް ނާރާ އެހެން ބަލިތައް ރާއްޖޭގައި މުސްތަގުބަލުގައި އިންތިހާއަށް އިތުރުވެގެންދާނެ އެވެ. އަދި މިހާރު ވެސް ބާރުބޮޑުވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާން ޖެހޭނެ އެވެ." ރިޕޯޓުގައި ވެ އެވެ.
އެ ކަންބޮޑުވުންތަކާ އެކު ޑައިބެޓީސް ސޮސައިޓިން ވަނީ ކަންތައްތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި؛
- އަތޮޅުތެރޭހައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމް އިތުރަށް ހަރުދަނާކުރުން
- ޑައިޓީޝަނުން ފަދަ އެލައިޑް ހެލްތު ޕްރޮފޝަނަލްސް އަށް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން
- ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ބޭނުންވާ ހިދުމަތްތައް އާސަންދައިގެ ދަށުން ލިބިގެންދިއުން
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
"ހަކުރު ބަލީގައި 21 ކުދިން، މިއީ ރަތް ސިގްނަލެއް"
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
ހަކުރު ބަލި: ލުއިކޮށް ނެގޭ ވަރަށްވުރެ މާ ސީރިއަސް
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ހަކުރުބައްޔަށް ސްކްރީން ކުރަން ޓްރީޓޮޕްގެ ޕެކޭޖުތަކެއް
"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ސްޕޮންސަރަކަށް ސްޓެލްކޯ
18 އަހަރަށް ފަހު ޑައިބެޓީސް ކްލިނިކް ހުއްޓާލަނީ