Roadha Mihaaru
ކަވަރާ ހެދި ނިރުވާނާ އަށް ކުރި ދައުވާ ބޭރުކޮށްފި

އަލްބަމެއްގެ ކަވަރާ ހެދި ނިރުވާނާ ބޭންޑަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްފި

06 ޖެނުއަރީ 2022

މީގެ 31 އަހަރު ކުރިން، އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް ނިރުވާނާ އިން ނެރުނު އަލްބަމް "ނެވަމައިންޑް" ގެ ކަވަރުގައި އިން ކުއްޖާ އޭގެ މައްސަލާގައި ބޭންޑަށް ކުރި ދައުވާ ކޯޓުން ހޯމަ ދުވަހު ބޭރުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 31 އަހަރު ކުރިން، އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް ނިރުވާނާ އިން ނެރުނު އަލްބަމް "ނެވަމައިންޑް" ގެ ކަވަރުގައި އިން ކުއްޖާ އޭގެ މައްސަލާގައި ބޭންޑަށް ކުރި ދައުވާ ކޯޓުން ހޯމަ ދުވަހު ބޭރުކޮށްލައިފި އެވެ.

ސެޕްޓެމްބަރު 24، 1991 ގައި ނެރުނު އަލްބަމްގެ ކަވަރުގައި ހިމަނާފައި އިނީ ބަރަހަނާކޮށް އޮތް ކުއްޖަކު ފެންގަނޑެއްގެ ތެރޭގައި އެއް ޑޮލަރުގެ ނޫޓަކާ ދިމާލަށް ދާ ތަނެވެ. އެ ކުއްޖާ އަކީ މިހާރު 30 އަހަރުގެ ސްޕެންސާ އެލްޑެން އެވެ. ކަވަރުގެ މައްސަލާގައި ބޭންޑަށް ދައުވާކުރީ އެ ފޮޓޯއަކީ ޖިންސީ ގޮތުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރީގެ ގޮތުން ބޭނުންކުރި ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

ކަވަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ވެސް ނަގައިދޭން 17 މީހެއްގެ މައްޗަށް ދައުވާކުރީ އޭގެ ތެރެއިން ކޮންމެ މީހެއްގެ އަތުން ބަދަލަށް 150،000 ޑޮލަރު ވެސް ނަގައިދޭން އެދި އެވެ.

ނަމަވެސް މައްސަލަ ކޯޓުން ބޭރުކުރީ ދައުވާގައި އޮއްޓަރެއް ނެތް ކަމަށް ބުނެ އެވެ. ކޯޓުން ބުނި ގޮތުގައި ދައުވާކުރަން ޖެހޭ ވަރުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ވެސް އެއްވެސް ވަރަށް ފާހަގަވާކަށް ނެތެވެ. އަދި އެކަމާ ގުޅިގެން ޖަވާބުދާރީވާން ސްޕެންސާގެ ގާނޫނީ ޓީމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ދިން ސުންގަޑީ ހަމަވި އިރު ވެސް، އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.

އެހެންވެ ކޯޓުން މައްސަލަ ބޭރުކުރީ އަލުން މައްސަލަ ހުށަހަޅަން ބޭނުން ނަމަ، މި މަހުގެ 13 ވަނަ ދުވަހާ ހަމަ އަށް އެ ފުރުސަތު ދިނުމަށް ފަހު އެވެ. އަދި އެ ދުވަހު އަލުން މައްސަލަ ހުށަހަޅައިފި ނަމަ، ލިޔެކިޔުންތައް ދިރާސާކޮށް އެއީ ބެލޭވަރުގެ މައްސަލައެއްތޯ ނޫންތޯ މި މަހުގެ 20 ގައި ކަނޑަަޅާނެ އެވެ.

ކޯޓުން މައްސަލަ ބޭރުކޮށްލުމުން ނިރުވާނާ އިން ބުނީ އެކަމުން ދައްކުވައި ދިނީ ޖިންސީ ގޮތުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރީގެ ގޮތުން ބޭނުން ނުކުރާކަން ކަމަށެވެ.

ސްޕެންސާގެ ފޮޓޯ ޖެހި އަލްބަމް "ނެވަމައިންޑް" އަކީ ނިރުވާނާގެ ދެވަނަ އަލްބަމެވެ. ޖުމްލަ 12 ލަވަ ހިމެނޭ އެ އަލްބަމަކީ 30 މިލިއަން ކޮޕީ ވިކުނު އެއްޗެކެވެ.