Roadha Mihaaru
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން

ބަރަހަނާ ޗެނަލްތަކަށް ސަބްސްކްރައިބްކުރި މީހުންނަށް ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނަން: ފުލުހުން

12 ސެޕްޓެމްބަރ 2024

އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކި ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކި ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދިން ޖަވާބުގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތުގެ ގާނޫނީ ފްރޭމްވާކެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނަން އެފަދަ ފަރާތްތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް،" އޭނާ ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަޒީފް ވިދާޅުވީ މި ޗެނަލްތަކަށް ސަބްސްކްރައިބްކުރި މީހުންނާއި އެ ފޮޓޯތައް ޝެއާކުރި މީހުންނަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ނަހަމަ ގޮތުގައި ހޯދާފައިވެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އޭގެ ތެރެއިން ބައެއް ކުދިންގެ ވަނަވަރު ވެސް އެނގޭ ގޮތަށެވެ. އަދި އެޑިޓްކޮށްގެން ވެސް "އޮރިޔާން މަންޒަރު" ހަދައި، ކުދިންގެ ފޭކް ފޮޓޯތައް އެ ޗެނަލްތަކުގައި އާންމުކޮށްފައިވެ އެވެ. ކުދިންގެ ފޮޓޯތައް ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް އެމީހުން ހިންގި އެވެ.

ބަރަހަނާ މަންޒަރު ވިއްކާ އެ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުއްޓެވެ.

އެ ޓެލެގްރާމް ޗެނަލްތައް ހިންގައި، އެއިން މާލީ މަންފާ ހޯދި ތިން މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހު އެވެ. އެ ތިން މީހުން ބަންދަށް ކޯޓުން އެންމެ ފަހުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.