Roadha Mihaaru
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި

07 ޖެނުއަރީ 2022

މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަށް މަރުހަބާ ދެންނެވުމަށްޓަައި ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަށް މަރުހަބާ ދެންނެވުމަށްޓަައި ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

އދ. ގެ ރައީސްގެ މަގާމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިހާބުކުރި ފަހުން، އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅުއްވަމުން ގެންދަވާ ޝާހިދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ ގައުމު ފަދަ ދެވަނަ ތަނެއް ނެތް ކަމަށާއި އަނބުރާ ގައުމަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އދ. ގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އެ މަގާމުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވާފައިވާއިރު، މި ފަހަރު މި ވަޑައިގަތީ އޭގެ ހަތަރު މަސް ފަހުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ ޝާހިދުގެ ދައުވަތަކަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ މެންދުރުފަހު ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބާއްވާއި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ އެެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު، ދެ މިނިސްޓަރުން ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ޗައިނާއާ އެކު ރާއްޖެ އިން ހާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 50 އަހަރު ފުރޭއިރު އެ ގައުމުން އަންނަނީ ރާއްޖެ އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކޮވިޑްގެ ތެރޭގައި ބަލިން ރައްކާތެރިވުމަށް އެ ގައުމުން އުފެއްދި ވެކްސިންގެ އިތުރުން ފްރޮންޓްލައިން މަސައްކަތްކުރާ މުވައްޒަފުންނަަށް ބޭނުންވާނެ ސިއްހީ ގިނަ ސާމާނު ފޯރުކޮށްދިނެވެ.