Roadha Mihaaru
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި

ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި

22 ޖުލައި 2024

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިތުރު ދެ ވަޒީރަކު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިތުރު ދެ ވަޒީރަކު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި މިނިސްޓަރު ޒަމީރު އިސްކޮށް ހުންނަވާއިރު، ދެން ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ ސްޓޭޓް ހައުސްގައި ވަންގް ޔީއާ އެކު، ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަގީންކަން ދެ ގައުމުން ވެސް އާ ކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހި ވަފުދުން ޗައިނާއާއެކު ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

ދިވެހި ވަފުދުން ޗައިނާއާއެކު ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

މި ބައްދަލުވުމުގައި ޒަމީރު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ތާރީހު ފާހަގަކުރައްވައި، ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަމަށް ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ވެސް ޒަމީރު ދެއްވި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ މާލީ އިސްލާހުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓަރު ޝަފީގު ޗައިނާއާ ހިއްސާކުރައްވައި، އެކަމަށް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންގޕިން އަށް ފޮނުއްވެވި ދެ ސިޓީފުޅެއް ވެސް ރައްދު ކޮށްދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.