Roadha Mihaaru
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ

ޗައިނާގެ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ: ޝާހިދު

29 ޑިސެމްބަރ 2018

ޗައިނާގެ ސިލްކް ރޯޑު އެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާގެ ސިލްކް ރޯޑު އެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޒިންހުއާ ނޫހަށް މިިދިޔަ ބުރާސްފަތިދުވަހު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުން ސިލްކް ރޯޑުގެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. ރާއްޖެ އާއި ޗައިނާ އިން އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ.

ސިލްކް ރޯޑަކީ އޭޝިޔާ އާއި ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކުގެ ތަރައްގީއަށް ޗައިނާއިން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2013 ވަނަ އަހަރު ކަޒަކިސްތާނު އަދި އިންޑޮނޭޝިއާގަ އެވެ. އޭގެ ފަހުން ޔޫރަޕާއި އެފްރިކާގެ އެކި ގައުމުތަކުގައި ވަނީ ފަށައިފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އާ ސަރުކާރުގެ ސިޔާސަތަކީ، ރާއްޖެ އާއި ދިވެހިންނަށް އިހްތިރާމްކޮށް، ހުރިހާ ގައުމުތަކަކާއެކު ގުޅުން ބަދަހި ކުރުމެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ރާއްޖެ އަކީ މުހިއްމު ބައިވެރިއެއް ކަމަށާއި މި ސަރަަހައްދާއި އެހެންވެސް ސަރަހައްދުތަކުގައި ހިމެނޭ ގައުމުތަކާ ވެސް ގުޅުން ބަދަހިކުރާނެ ކަމަށާއި އަދި އެ ސިޔާސަތު ދަމަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އިގުތިސޯދެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާއި ދުނިޔޭގައި އެންމެ ބޮޑު އިގުުތިސޯދީ ގައުމުތަކުން ވެސް ޗައިނާއާއެކު މަސައްކަތް ކުރަމުން އަންނަ ކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް އެކަމުގައި ބާކީއެއް ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއަ ޗުންޔިންގް އިއްޔެ ވިދާޅުވީ ސިލްކް ރޯޑު މަޝްރޫއު ކުރިއަށްގެންދަން ނިންމުމަކީ ދެ ގައުމުގެ ގުޅުން ވަރުގަދަކުރަން ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމެއް ކަމަށެވެ. އެކަން ބަލައިގަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.