Roadha Mihaaru
ރަންވީރު ދެން ބަޔޮޕިކް ފިލްމެއް ނުކުޅޭނެ

ރަންވީރު ދެން ބަޔޮޕިކް ފިލްމެއް ނުކުޅޭނެ

09 ޖެނުއަރީ 2022

މިދިޔަ މަހު ރިލީޒްކުރި ބަޔޮޕިކް ފިލްމު "83" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ، އޭގައި ބަތަލުގެ ރޯލު ކުޅުނު ރަންވީރު ސިންގް ދެން ބަޔޮގްރެފިކަލް ޑްރާމާތައް ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި ބަޔޮޕިކް ފިލްމު "83" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ، އޭގައި ބަތަލުގެ ރޯލު ކުޅުނު ރަންވީރު ސިންގް ދެން ބަޔޮގްރެފިކަލް ޑްރާމާތައް ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ބެލުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭނެ ކަމަށް ޚުދު ރަންވީރު އަމިއްލަ އަށް ވެސް އުންމީދުކުރި ފިލްމަށް ލިބުނު ތަރުހީބާ ދޭތެރޭ އޭނާ އެހާ ހިތްހަމައެއްނުޖެހެ އެވެ. އެހެންވެ އޭނާ މިހާރު ނިންމައިގެން ހުރީ ދެން ބަޔޮގްރެފިކަލް ޑްރާމާތަކަށް ކައިރި މުސްތަގުބަލެއްގައި އެއްބަސްނުވާށެވެ.

ކަބީރު ޚާން ޑައިރެކްޓްކޮށް ގެނެސްދިން ސްޕޯޓްސް ބަޔޮގްރެފިކަލް ޑްރާމާ "83" އަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ޓީމްގެ ކެޕްޓަނަކަށް ހުރެގެން 1983 ގެ ކްރިކެޓް ވޯލްޑް ކާމިޔާބުކުރަން ކުރި މަސައްކަތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އޭގައި ރަންވީރު ކުޅުނީ ކަޕިލްގެ ރޯލެވެ. އަދި ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލު، ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯން ކުޅުނެވެ.

ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބުނު ފިނި ތަރުހީބާ ހެދި ރަންވީރު ހުރީ ވަރަށް މާޔޫސްވެފައި ކަމަށާއި "83" ގެ ޑައިރެކްޓަރު ކަބީރު ވެސް ހުރީ އެކަމާ ވަރަށް ދެރަވެފައި ކަމަށް މީޑިއާތަކުން ބުންޏެވެ.

ރަންވީރު މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ހަގީގީ ކެރެކްޓާތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އާއި "ޕަދުމާވަތު" އަކީ އިންޑިއާގެ ކުރީގެ ތާރީހީ ކެރެކްޓާތަކެއް ރަންވީރު ކުޅުނު ވަރަށް ކާމިޔާބު ފިލްމުތަކެކެވެ.

މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ކަމަށްވާ ރަންވީރުގެ ދެ ފިލްމެއް މި އަހަރަށް ތާވަލުކޮށްފައިވެ އެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއީ ޖޯރުދާރު" އާއި ރޯހިތު ޝެޓީގެ "ސާކަސް" އެވެ.

ރަންވީރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އިތުރުން ދެކުނުގެ ޑައިރެކްޓަރު ޝަންކަރާ އެކު މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމެއް ވެސް ހިމެނެ އެވެ.