Roadha Mihaaru
ދީޕިކާގެ ލަވައިން އަޖޭ ވެސް ފެންނާނެ

ރަންވީރުގެ "ސާކަސް" ގެ ދީޕިކާގެ ލަވައިން އަޖޭ ވެސް ފެންނާނެ

17 ސެޕްޓެމްބަރ 2021

ރަންވީރު ސިންގްއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދާ ފިލްމު "ސާކަސް" ގެ ހާއްސަ ލަވައެއް، ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދޭން ހަމަޖެހިފައި އިރު އެ ލަވައިން އަޖޭ ދޭވްގަން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަންވީރު ސިންގްއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދާ ފިލްމު "ސާކަސް" ގެ ހާއްސަ ލަވައެއް، ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދޭން ހަމަޖެހިފައި އިރު އެ ލަވައިން އަޖޭ ދޭވްގަން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ވަރަށް ގްރޭންޑްކޮށް އަދި ދެކުނު އިންޑިއާގެ ސްޓައިލްގައި ގެނެސްދޭން ހަމަޖެހިފައިވާ ލަވައިގެ ޝޫޓިން ނޮވެމްބަރު މަހުގެ ތެރޭގައި އޫޓީގައި ނަގައި ނިންމާނެ އެވެ. މި ލަވައާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނީ ދީޕިކާގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ އަކީ އޭނާ ކުޅުނު ރޯހިތުގެ 2013 ގެ ފިލްމު "ޗެންނައި އެކްސްޕްރެސް" ގެ ކެރެކްޓާ މީނައްމާގެ ސްޓައިލްގައި ގެނެސްދޭ "ވަރަށް ލައުޑް" ލަވައަކަށް ވާނެ ކަމަށެވެ.

މި ލަވައިގައި އަޖޭގެ ފެނިލުމެއް ވެސް ހިމަނަން ނިންމާފައި އިރު، އޭނާ އަކީ ރޯހިތުގެ ބެސްޓްފްރެންޑެވެ. ރޯހިތު މިހާތަނަށް ހެދި ގިނަ ފިލްމުތައް ކުޅުނީ ވެސް އަޖޭ އެވެ. "ސާކަސް" ގެ ލަވައެއްގައި އަޖޭ ބައިވެރިވާ އިރު، މިއީ ދީޕިކާއާ އެކު އޭނާ މިގޮތަށް ފެންނާނެ ފުރަތަމަ ފަހަރެވެ.

އަޖޭ މި ވަގުތު ހުރީ ޑިސްކަވަރީ ނެޓްވޯކްގެ ޝޯ "އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން އަށް ރާއްޖޭގަ އެވެ.

"ސާކަސް" ގެ ހާއްސަ ފެނިލުމެއްގައި އަޖޭ ބައިވެރިވާ އިރު، ރިލީޒްކުރުން ފަސްކޮށްފައި އޮތް ރޯހިތުގެ "ސޫރިޔަވަންޝީ" ގެ ކެމިއޯއަކުން ވެސް އަޖޭ ފެންނާނެ އެވެ. އަކްޝޭ ކުމާރު ލީޑް ރޯލު ކުޅެފައިވާ އެ ފިލްމުން އަޖޭ ފެންނާނީ އޭނާގެ "ސިންގަމް" ކެރެކްޓާއިންނެވެ. އަދި އެ ފިލްމުގެ ކެމިއޯއަކުން ރަންވީރު ފެންނާނީ އޭނާގެ "ސިމްބާ" ގެ ކެރެކްޓާ އިންނެވެ. "ސިންގަމް" އާއި "ސިމްބާ" އަކީ ވެސް ރޯހިތުގެ ފިލްމުތަކެވެ.

ޝޭކްސްޕިއާގެ ޕްލޭ "ދަ ކޮމެޑީ އޮރް އެރާސް" އަށް ބިނާކޮށް ހަދާ "ސާކަސް" ގެ މައިގަނޑު ތަރިންނަކީ ރަންވީރާއި ވަރުން ޝަރުމާ އާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ. މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރު 31 ގަ އެވެ.