Roadha Mihaaru
ދީޕިކާއަށް ފިރިމީހާގެ ފިލްމުން ފުރުސަތެއް ނެތް

ދީޕިކާއަށް ފިރިމީހާގެ "ބައިޖޫ ބަވްރާ" އިން ފުރުސަތެއް ނެތް

09 އޯގަސްޓް 2021

އެކްޓަރު ރަންވީރު ސިންގް މިހާރު ސޮއިކޮށްފައިވާ ކަމަށް ބުނާ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ބައިޖޫ ބަވްރާ" އިން ރަންވީރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ރަންވީރު ސިންގް މިހާރު ސޮއިކޮށްފައިވާ ކަމަށް ބުނާ، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ބައިޖޫ ބަވްރާ" އިން ރަންވީރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަޑުތައް އަރާފައިވާ ގޮތުން މި ފިލްމު ހަދަން ބަންސާލީ ބޭނުންވީ ރަންވީރުގެ ދެމަފިރިންނާއި އާލިއާ ބަޓާ އެކީގަ އެވެ. އެކަމަކު "ބައިޖޫ ބަވްރާ" އިން ދީޕިކާ އަށް ފުރުސަތު ނުދޭން ނިންމީ، ރަންވީރަށް ފިލްމުން ދޭން ނިންމި އަގު ސީދާ ދީޕިކާ އަށް ވެސް ދޭން ޑީމާންޑްކުރުމުންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރަންވީރަށް ވުރެ ދަށް އަގެއް ނުވަތަ އެއަށް ވުރެ ބޮޑު އަގެއް ވެސް ދީޕިކާ ބޭނުން ނުވާ ކަމަށް ހުށަހަޅި އެވެ. އެކަމަކު އެ ޑިމާންޑް ބަންސާލީ ގަބޫލުނުކޮށް، ދީޕިކާ "ބައިޖޫ ބަވްރާ" ގެ ކާސްޓްގައި ނުހިމަނަން ނިންމީ އެވެ. ނަމަވެސް މި ވާހަކައިގެ ތެދުދޮގު މުޅިއަކުން ސާފެއް ނުވެ އެވެ. އަދި "ބައިޖޫ ބަވްރާ" އިން ރަންވީރަށް ލިބޭ އަގެއް ވެސް ހާމައެއްނުކުރެ އެވެ.

އެކަމަކު ދީޕިކާ ޓައިޓްލްރޯލް ކުޅެ، ރަންވީރު ނެގަޓިވް ރޯލެއް ކުޅުނު 2018 ގެ "ޕަދުމާވަތު" އިން ރަންވީރަށް ލިބުނީ އަންހެނުންނަށް ވުރެ ދަށް އަގެކެވެ. އެ ފިލްމުން ދީޕިކާ އަށް 13 ކްރޯޑް ރުޕީސް ލިބުނު އިރު، ރަންވީރަށް ލިބުނީ 11 ކްރޯޑް ރުޕީސް އެވެ. އަދި ފިލްމުގެ އަނެއް ތަރި ޝާހިދު ކަޕޫރަށް ލިބުނީ 8 ކްރޯޑް ރުޕީސް އެވެ.

ރަންވީރާއި ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ތަރިންނެވެ. އެއީ "ޕަދުމާވަތު" ގެ އިތުރުން 2015 ގެ "ބަޖިރާއޯ މަސްތާނީ" އަދި 2013 ގެ "ރާމް-ލީލާ" އެވެ.

ބަންސާލީ މިހާރު އާލިއާއާ އެކު "ގަންގޫބާއި ކަތިއަވާޅީ" ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، "ބައިޖޫ ބަވްރާ" ގެ މަސައްކަތް ފަށާނީ އެ ފިލްމުގެ ހުރިހާ މަސައްކަތަކުން އަތްދޫކޮށްލުމަށް ފަހު އެވެ.

މި ފިިލްމަކީ 1952 ގައި ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާގެ އާ ވާޝަނެކެވެ.