Roadha Mihaaru
ފުޖެއިރާ އެއާ ނެވިގޭޝަންގެ އިސް މަގާމުތަކަށް ދިވެހިން

ޔޫއޭއީގެ ފުޖެއިރާ އެއާ ނެވިގޭޝަންގެ އިސް މަގާމުތަކަށް ދިވެހިން!

13 ޖެނުއަރީ 2022

ޔޫއޭއީގެ ފުޖެއިރާގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ހާއްސަ، ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސް (ފޭންސް)ގެ އިސް މަގާމުތަކުގައި ގިނަ ދިވެހިން ހިމެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫއޭއީގެ ފުޖެއިރާގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ހާއްސަ، ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސް (ފޭންސް)ގެ އިސް މަގާމުތަކުގައި ގިނަ ދިވެހިން ހިމެނިއްޖެ އެވެ.

އޭވިއޭޝަންގެ ތަމްރީނުތައް ވެސް ހިންގާ މަރުކަޒުގައި 50 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން އެންމެ އިސް މަގާމުތަކުގައި މި ވަގުތު ހަތް ދިވެހިން އެބަތިއްބެވެ.

އެތަނުން އެއް ބޭފުޅަކީ ފޭންސްގެ ހެޑް އޮފް ޓްރެއިނިންގައި ހުންނެވި އަހުމަދު އިސާމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ އެކި މަގާމުތަކުގައި 14 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އިސާމް ޔޫއޭއީ އަށް ބަދަލުވެވަޑައިގަތީ ކުރިއަށް ދިއުމަށް ރަނުގެ ފުރުސަތެއް ފަހިވުމުން، 2015 ވަނަ އަހަރު އެވެ.

ތަފާތު ތަމްރީނުތައް ހިންގުމުގެ ތަޖުރިބާ ހުންނެވި އިސާމް ފުޖެއިރާ އަށް ބަދަލުވެ، އޭރު ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުންނެވި ހަސަން އިބްރާހިމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު އެޕްރޫޑް ޓްރެއިނިން އޯގަނިޒޭޝަން (އޯޓީއޯ) އެއް އުފެއްދުމުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ވެލާނާ އެއާޕޯޓުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ހަސަން މި ވަގުތު ހުންނެވީ އެސެސާ، އިންސްޓްރަކްޓާގެ ސީނިއާ އޮފިސާގެ މަގާމުގަ އެވެ.

"ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ [ޖީސީއޭއޭ] އެޕްރޫވްޑް ކޮމްޕްލަޔަންސް މެނޭޖަރަކަށް އޭރު ހަމަޖެއްސީ. ފަހުން ފުޖޭރާ އެއާ ނެވިގޭޝަން ސާވިސަސް ޕްރޮވައިޑާ [އޭއެންއެސްޕީ] އުފައްދައި މި ތަން ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ލިބުނީ މުޅި އޯގަނިޒޭޝަންގެ ޓްރެއިނިންތައް ލީޑްކުރުމަށް،" އޭ ލެވެލް ނިންމުމަށް ފަހު އެއާޕޯޓަށް ގުޅިވަޑައިގެން، އެއާ ޓްރެފިކްގެ ދާއިރާ އިން އެކި ތަމްރީންތައް ފުރިހަމަ ކުރައްވާފައިވާ އިސާމް ވިދާޅުވި އެވެ.

ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސްގެ އިސް މަގާމުގައި ހުންނެވި އިސާމް (ވ)

ފުޖެއިރާ އެއާ ނެވިގޭޝަން ސާވިސަސްގެ އިސް މަގާމުގައި ހުންނެވި އިސާމް (ވ)

ފުޖެއިރާ އެއާ ނެވިގޭޝަން އުފެއްދީ 2019 ވަނަ އަހަރެވެ. އޭގެ ކުރިން އެ މަސައްކަތްކުރީ ފުޖެއިރާ އެއާޕޯޓުގެ ދަށުންނެވެ. އެކަމަކު މިހާރު އެ ތަން ހިންގަމުން އަންނަނީ ފުޖެއިރާގެ ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ ދަށުން، މިނިވަން ބޮޑީއެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އޭޓީސީގެ ދާއިރާ ކުރިއަރައިގެންދާ ތަން ފެނިވަޑައިގަންނަވަ އެވެ. ނަމަވެސް ހަރުދަނާ ގޮތެއްގައި އެކަން ކުރިއެރުވުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އޭޓީސީ އަށް އިތުރު ރިކޮގްނިޝަނާއި ސްޓެންޑަޑައިޒޭޝަން އަދި ރެގިއުލޭޝަން އެބަ ބޭނުންވޭ،" އިސާމް ވިދާޅުވި އެވެ.

އިސާމާއި ހަސަންގެ އިތުރުން ފޭންސްގެ އިސް ސަފުގައި މި ވަގުތު މަސައްކަތްކުރައްވާ ދިވެހިންނަކީ؛

- މުހައްމަދު ސަބާހު: ސީނިއާ އެސެސާ އިންވެސްޓިގޭޓާ އޮޑިޓާ

- އަލީ ސަލީމާއި ހަސަން އަލީމާއި ހާމިދު އަލީ: ސީނިއާ ކޮންޓްރޯލާސް ވިތު އިންސްޓްރަކްޓާ

- އަބްދުﷲ ޒަކަރިއްޔާ: ހެޑް އޮފް އޮޕަރޭޝަންސް

އެ ހުރިހާ ބޭފުޅުން ވެސް މީގެ ކުރިން މަސައްކަތް ކުރެއްވީ ވެލާނާ އެއާޕޯޓުގެ އެކި މަގާމުތަކުގަ އެވެ.

ދިވެހިން ވެސް އިސް ދައުރެއް އަދާކުރާ ފޭންސް އިން، އޭވިއޭޝަން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ސަވަޔަލަންސް ސާވިސް އާއި އެޕްރޫޑްޓް ޓްރެއިނިން އޯގަނިޒޭޝަނެއް އުފެއްދުން ހިމެނެ އެވެ.

"މިހާރު ކުރިމަތިވެފައިވާ އެންމެ ޗެލެންޖިން ކަމަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަދި އޭޓީސީ ހިދުމަތް އާ ސާވިސް އަކަށް ބަދަލުކުރުން،" އިސާމް ވިދާޅުވި އެވެ.

އާއިލާއެކު މި ވަގުތު ޔޫއޭއީގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް އަނބުރާ ރާއްޖެ ވަޑައިގެން، ދަސްވި އެއްޗެހީގެ ބޭނުން ހިފައި ގައުމަށް ހިދުމަތް ކުރައްވަން އިސާމް ބޭނުންވެ އެވެ.