Roadha Mihaaru
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި

ރޮހިންޖާ ރެފިއުޖީ ފޭލިގޭގައި ރޯވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ

10 ޖެނުއަރީ 2022

ބަނގްލަދޭޝްގެ އިރުއުތުރު ސަރަހައްދުގައި، މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅެމުން އަންނަ ފޭލިގެ އަވަށުގެ ބޮޑު ބައެއްގައި ރޯވެ، ގިނަ އަދަދެއްގެ ފޭލިގެތައް އެނދުމުގެ ސަބަބުން، އެތައް ހާސް ރެފިއުޖީންނެއް ހާލުގައި ޖެހިއްޖެ އެވެ.

ބަނގްލަދޭޝްގެ އިރުއުތުރު ސަރަހައްދުގައި، މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅެމުން އަންނަ ފޭލިގެ އަވަށުގެ ބޮޑު ބައެއްގައި ރޯވެ، ގިނަ އަދަދެއްގެ ފޭލިގެތައް އެނދުމުގެ ސަބަބުން، އެތައް ހާސް ރެފިއުޖީންނެއް ހާލުގައި ޖެހިއްޖެ އެވެ.

މިޔަންމާގެ ސިފައިން އެ ގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް 2017 ވަނަ އަހަރު ހިންގި ގަތުލު އާންމުން ސަލާމަތްވެގެން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދިޔަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 850،000 މީހުން ދިރިއުޅެމުން އަންނަނީ، ބަނގްލަދޭޝްގެ އިރު އުތުރުގައި އޮންނަ ކޮކްސް ބާޒާރު ކިޔާ ސަރަހައްދުގައި ހަދާފައިވާ ފޭލިގެ އަވަށުގަ އެވެ.

އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ފުލުހުންގެ ތަރުޖަމާނު ކަމްރާން ހުސައިން ވިދާޅުވި ގޮތުގައި ފޭލިގެ އަވަށުގެ 1،200 އަށް ވުރެ ގިނަ ގެ ވަނީ އަނދައި ހުލިވެފަ އެވެ. ފޭލިގެ އަވަށުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ 16 ނަންބަރު ކޭމްޕުގަ އެވެ. އޮނާއި ސަތަރިން ހަދާފައި ހުރި ފޭލިގެތަކުގައި ރޯވެ އެނދުމުގެ ސަބަބުން، 5،000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ބޯހިޔާވަހިކަމެއް ނެތިފަ އެވެ.

އިއްޔެ ހަވީރު 4:40 ހާއިރު ރޯފި އަލިފާންގަނޑު، އިރު އޮއްސި 6:30ގެ ފަހުން ނިއްވައިލެވުނު އިރު، އެތައް ހާސް ބަޔަކު ތިބީ ގޮތް ހުސްވެފަ އެވެ. ފޭލިގެތައް އަނދައިގެން ދިއުމުގެ އިތުރުން، އެމީހުންގެ އަންނައުނުތަކާއި ކާބޯތަކެތި ވެސް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ފޭލިގެތަކުގައި ރޯވި ސަބަބެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ފޭލިގެތައް އެނދުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބަނގްލަދޭޝް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ފޭލިގެތަކުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި، މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވެގެން ދަތި ހާލުގައި ދިރިއުޅެމުން އަންނަތާ ފަސް އަހަރުވާން ކައިރިވެފައިވާ އިރު، މިކުރިމަތިވި ކާރިސާގެ ސަބަބުން އެމީހުންގެ ދިރިއުޅުން ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. އަދި ބައެއް މީހުންގެ އަމިއްލަ ފުރާނަ އާއި ލައިގެން ތިބި އަންނައުނު ފިޔަވައި އެހެން އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ފޭލިގެ އަވަށުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެ ސަރަހައްދުގައި އަލިފާން ނިއްވާނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ އިތުރުން، ފަސޭހައިން ފެން ލިބޭނެ ގޮތެއް ނެތުމުން ވެސް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ.

ރެފިއުޖީން ދިރިއުޅޭ ފޭލިގެ ސަރަހައްދުގައި ހުންނަ، ކޮވިޑަށް ފަރުވާ ދޭ މަރުކަޒެއްގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

މިޔަންމާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުތް ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ދިނީ ބަނގްލަދޭޝް އިންނެވެ. ނަމަވެސް ބަނގްލަދޭޝް ސަރުކާރުން ވެސް ވަނީ އެމީހުންނަށް ދާއިމީ ގެދޮރު ހަމަޖައްސައިދިނުމަށް ދެކޮޅު ހަދައިފަ އެވެ.

ރެފިއުޖީންގެ ގޮތުގައި މިޔަންމާ އިން ނުކުންނަ މުސްލިމުން، ބަނގްލަދޭޝްގެ އިތުރުން މެލޭޝިޔާ އާއި ތައިލޭންޑާއި އިންޑޮނީޝިޔާ އަށް ވެސް ދަތުރުކުރެ އެވެ. ނަމަވެސް އެ ގައުމުތަކަށް ފޯރަނީ އެތައް މަސްތަކެއް ވަންދެން ކަނޑުގައި ދަތުރުކުރުމަށް ފަހުގަ އެވެ. އެފަދަ ދަތުރުތަކުގައި ހާލުގައި ޖެހިގެން ވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ.