Roadha Mihaaru
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ

ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދިއުމަށް ޗައިނާގެ އެހީ ހޯދަނީ

08 އޯގަސްޓް 2022

ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝް އަށް އައިސް ތިބި މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން އަނބުރާ މިޔަންމާ އަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް، ބަނގްލަދޭޝް އިން ޗައިނާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝް އަށް އައިސް ތިބި މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީން އަނބުރާ މިޔަންމާ އަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް، ބަނގްލަދޭޝް އިން ޗައިނާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މިކަމުގައި ބަނގްލަދޭޝް އިން ޗައިނާގެ އެހީތެރިކަމަށް އެދުނީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ އެކު، ބަނގްލަދޭޝް ސަރުކާރުން ބޭއްވި ބައްދަލުވުންތަކުގަ އެވެ. މި ބައްދަލުވުންތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ ދެގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން ބަނގްލަދޭޝްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި ވެސް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެއްބަސްވެވަޑައިގަތެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހުރަސްކުރުމުގައި އެހީވެރިވެދިނުމުގެ ގޮތުން، ޗައިނާގެ އިންވެސްޓްމެންޓްތައް ބަނގްލަދޭޝްގައި ގާއިމުކުރުމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު އެއްބަސްވެވަޑައިގަތެވެ.

މީގެ ކުރިން ވެސް ޗައިނާ އިން ވަނީ، ބަނގްލަދޭޝްގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ބަނގްލަދޭޝްގައި ތިބި ރޮހިންޖާ ދަރިކޮޅުގެ 70000 އަށް ވުރެ ގިނަ މުސްލިމް ރެފިއުޖީން އަނބުރާ މިޔަންމާ އަށް ގެންދިއުމަށް އެ ގައުމުން އެއްބަސްވީ، ޗައިނާގެ ނުފޫޒުގައި މިޔަންމާ ސަރުކާރާއި ބަނގްލަދޭޝް ސަރުކާރާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވުމަށް ބަނގްލަދޭޝް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، މިޔަންމާ އަށް އެނބުރި ދިއުމަށް އެމީހުން ބޭނުމެއް ނުވެ އެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގެނައި ބަޣާވާތާއެކު ސިފައިންގެ އަސްކަރީ ވެރިކަމެއް މިހާރު އޮތުމުން، ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވާ ނުރައްކާތައް ކުރިއަށް ވުރެ މާ ބޮޑު ކަމަށް އެމީހުން ދެކެ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ އިއްޔެ ވަނީ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މުއުމިންއާ ބައްދަލުކުރައްވައިފަ އެވެ.

ބަނގްލަދޭޝް އާއި ޗައިނާއާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އޮވެ އެވެ. ދެ ގައުމުގެ ދެމެދުގައި ރޯމެޓީރިއަލްގެ ވިޔަފާރީގެ ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، ބަނގްލަދޭޝް ސަރުކާރުން އިންޑިއާ އާއި އެމެރިކާއާ އެކުގައި ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ޗައިނާގެ ހިތްހަމަނުޖެހުން އޮވެ އެވެ. އިންޑިއާ އާއި އެމެރިކާއަކީ، ހުރިހާ ދާއިރާއަކުން ވެސް ޗައިނާގެ އެންމެ ބޮޑު ވާދަވެރި ދެ ގައުމެވެ.

ބަނގްލަދޭޝްގައި މިހާރު ވެސް ޗައިނާގެ 500 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނި ހިންގަ އެވެ. އޭގެ އިތުރުން ބަނގްލަދޭޝްގެ އިންފްރާސްޓްރަކްޗާގެ މައިގަނޑު މަޝްރޫއުތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ކަނޑުގެ ބަނދަރު ތަރައްގީކުރުމާއި ކޯރުގެ އަޑިން ހަދާ ބިންގަރާސް މަގުތަކާއި ހައިވޭތަކާއި، ޕަދްމާ ކޯރުގެ މަތިން ހަދަމުންދާ، 3.6 ބިލިއަން ޑޮލަރުގެ އަގުހުރި ބްރިޖްގެ މަސައްކަތް ހިމެނެ އެވެ.

ޗައިނާ އާއި ތައިވާނާ ދެމެދު މިހާރު އުފެދިފައިވާ ކޯޅުމާ ގުޅިގެން ބަނގްލަދޭޝް އިން ވަނީ ޗައިނާގެ ސިޔާސަތަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ. ބަނގްލަދޭޝް އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ދަމަހައްޓާނީ "ވަން ޗައިނާ" ސިޔާސަތެވެ.