Roadha Mihaaru
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު

ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު

25 އޯގަސްޓް 2022

މިފަހުގެ އިންސާނީ ތާރީޚުގައި މުސްލިމުންގެ ބައިމަދު ޖަމާއަތަކާ ދެކޮޅަށް ގައުމެއްގެ ސަރުކާރުން ހިންގި އަދި ހިންގަމުންދާ، ނަސްލު ނައްތައިލުމުގެ އެންމެ ލާއިންސާނީ އަމަލުތައް ހިނގަމުން ދަނީ މިޔަންމާގަ އެވެ. އެ ގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން އެ ގައުމުން ފައްސާލައި ނެތިކޮށްލުމަށް، މިޔަންމާ ސަރުކާރުގެ ސިފައިން ފާޅުގައި ގަތުލު އާންމެއް ފެށީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިފަހުގެ އިންސާނީ ތާރީޚުގައި މުސްލިމުންގެ ބައިމަދު ޖަމާއަތަކާ ދެކޮޅަށް ގައުމެއްގެ ސަރުކާރުން ހިންގި އަދި ހިންގަމުންދާ، ނަސްލު ނައްތައިލުމުގެ އެންމެ ލާއިންސާނީ އަމަލުތައް ހިނގަމުން ދަނީ މިޔަންމާގަ އެވެ. އެ ގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން އެ ގައުމުން ފައްސާލައި ނެތިކޮށްލުމަށް، މިޔަންމާ ސަރުކާރުގެ ސިފައިން ފާޅުގައި ގަތުލު އާންމެއް ފެށީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އޮގަސްޓް 25، 2017 ގައި މިޔަންމާ ސިފައިން ފެށި ގަތުލު އާންމަށް މިއަދު ފަސް އަހަރު ފުރިގެން ދިޔަ އިރު، މިލިއަނެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި އެ ގައުމު ދޫކޮށް ހިނގައްޖެ އެވެ. އަވައްޓެރި ބަނގްލަދޭޝްއަށް އެކަނި ވެސް 740000 ރެފިއުޖީން ގޮސްފައިވާ އިރު، ގައުމު ދޫކޮށް ކަނޑު މަގުން އެހެން ގައުމުތަކަށް ދަތުރުކުރި ކިތަންމެ ބަޔަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

މިޔަންމާ ސިފައިން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތައް، އދ. މަޖިލީހުން ސިފަކޮށްފައިވަނީ ގަސްދުގައި ހިންގި ގަތުލު އާންމެއްގެ ގޮތުގަ އެވެ. ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ގަތުލުއާންމު ފެށީ، މިޔަންމާ ސަރުކާރުގެ އަނިޔާތަކަށް ބަދަލު ހިފުމުގެ ގޮތުން، މުސްލިމުންގެ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާތަކެއްގެ ބަދަލުގަ އެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ނިސްބަތްވާ، އަރްކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްއެސްއޭ)ގެ ހަނގުރާމަވެރިން، އޮގަސްޓް 25، 2017 ގައި، ރަކީން ސްޓޭޓްގެ ފުލުހުންގެ މަރުކަޒަކަށް ހަމަލާދީ 12 ފުލުހުން މަރައިލި އެވެ. އެ ހާދިސާއާ ވިދިގެން އޭއާރްއެސްގެ ހަނގުރާމަވެރިން ނައްތައިލުމުގެ ނަމުގައި، މިޔަންމާ ސިފައިން ހަމަ އެދުވަހު، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ އަވަށްތަކަށް އަރައިގަނެ، ގޮތެއް ފޮތެއް ނުބަލައި މީހުންގެ ގަޔަށް ބަޑި ޖަހައި ގެދޮރުގައި ހުޅުޖެހި އެވެ.

އެ ހަމަލާތަކުގައި އޭއާރްއެސްއޭގެ ހަނގުރާމަވެރިން 400 މީހުން މަރައިލެވުނު ކަމަށް، މިޔަންމާ ސިފައިން ބުންޏެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ހަމަލާތަކުގައި މަރުވި ގިނަ މީހުންނަކީ އާންމުންނެވެ. އދ. މަޖިލީހުން ބުނާ ގޮތުގައި މިޔަންމާ ސިފައިން ފެށި އަސްކަރީ ހަރަކާތުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރޮހިންޖާ ދަރިކޮޅުގެ 1000 އަށް ވުރެ ގިނަ މުސްލިމުން މަރައިލި އެވެ.

މިޔަންމާ ސިފައިންގެ އެ ހަމަލާތަކުން ސަލާމަތްވުމަށް، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އޭރު އޮތް ހަމައެކަނި ގޮތަކީ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމަކަށް ދިއުމެވެ. އެ ގޮތުން ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، 120000 އަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝް އަށް އެތެރެވި އެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރު ސިފައިން ފާޅުގައި ގަތުލުއާންމު ހިންގަމުން ދިޔަ އިރު، އެ ގައުމުގެ ވެރިއަކަށް ހުންނެވީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެން ހުންނެވި، އަންގް ސަން ސޫކީ އެވެ. ނަމަވެސް މުޅި ދުނިޔެ އެ އަމަލުތައް ކުށްވެރިކުރަމުން ދިޔަ އިރު ވެސް، ސިފައިންގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ސޫކީ އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.