Roadha Mihaaru
އެއްބަސްވުމާ ހިލާފަށް ފްލެޓު ވިއްކާތީ ޕެޓިޝަނެއް

ސީލައިފް ފްލެޓަށް ފައިސާ ދެއްކި މީހުންގެ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް ފްލެޓު ވިއްކާތީ ޕެޓިޝަނެއް

13 ޖެނުއަރީ 2022

ސީލައިފް ގްލޯބަލްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް "ވިނަރެސް" ފްލެޓު ވިއްކާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސީލައިފް ގްލޯބަލްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް "ވިނަރެސް" ފްލެޓު ވިއްކާތީ އެކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.

އެ މައްސަލައިގައި އޭރު ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ކޯޓުން ބޭރުގައި މައްސަލަ ނިންމި އެވެ.

އޭގެ ފަހުން އެޗްޑީސީން ވަނީ ސީ ލައިފްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ "ވިނަރެސް" ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެ މީހުންގެ ކަންބޮޑުވުމަކީ، ސީ ލައިފްގެ ފްލެޓަށް ވުރެ ވިނަރެސްގެ ފްލެޓުގެ އަގު ބޮޑުވުމެވެ.

އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް 122 މީހުން ސޮއިކޮށް މިިދިޔަ ނޮވެމްބަރު މަހު ފޮނުވި ސިޓީގައި ބުނީ އެޗްޑީސީން އަމަލުކުރަމުން ދަނީ ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް ކަމަށެވެ. އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ އެޕޮއިންޓްމަންޓް ދެއްވުމަށް އެދިފައިވެ އެވެ.

ސީ ލައިފް ގްލޯބަލްގެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބަޔަކު މިއަދު ރައީސް އޮފީސް ކައިރީގައި މަޑުކޮށްލައިގެން.

ސީ ލައިފް ގްލޯބަލްގެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބަޔަކު މިއަދު ރައީސް އޮފީސް ކައިރީގައި މަޑުކޮށްލައިގެން.

ނަމަވެސް އެ ސިޓީއަށް ޖަވާބެއް ނުލިބުމުން، ސީ ލައިފް ފްލެޓުތަކަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ރައީސް އޮފީސް ދޮށަށް އެއްވެފަ އެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. އެ ތަންތަނުގައި މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެޕާޓްމަންޓް ހުރެ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ކުރިން ވިދާޅުވީ ސީ ލައިފުން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ދޫކުރާނީ އެ މަޝްރޫއު ހިންގި އަގުގައި ކަމަށާއި އެ ތަންތަނުގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށެވެ.

"އެ ފުރުސަތު އެ މީހުން [ސީ ލައިފްގެ ފްލެޓް ލިބުނު މީހުން] ނުނަގާ ނަމަ، ދެން އަންނަ ޕްރޮޖެކްޓަކުން ވެސް އެ މީހުންނަށް ފުރުސަތު ލިބޭނެ. މި ޕްރޮޖެކްޓް [ވިނަރެސް ހައުސިން] ނެތް މިހާރު މި ވިއްކާ ވަރަށް ވުރެ އަގު ހެޔޮ ކުރެވޭކަށް. މިއީ އަޅުގަނޑުމެން ލޯނެއް ނަގައިގެން ހިންގި ޕްރޮޖެކްޓެއް،" ސުހައިލް ވިދާޅުވި އެވެ.

ސީ ލައިފުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަންނަން ހުޅުވާލީ 2.2 މިލިއަން ރުފިޔާއަށެވެ. އެކަމަކު ވިނަރެސް އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.