Roadha Mihaaru
ރައީސްގެ ރައްދު: ފޮޓޯއަށް ރީތި، ދިރިއުޅެން ކަމުނުދޭ

ރައީސްގެ ރައްދު: ފޮޓޯ އަށް ފްލެޓްތައް ރީތި، ދިރިއުޅެން ކަމަކު ނުދޭ!

23 ޖޫން 2020

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯ އިރޮއްސޭ މަންޒަރާ އެކު ކިތަންމެ ރީއްޗަސް އެތެރެ ހުރި ގޮތުން ދިރިއުޅެން ކަމުނުދާ ކަމަށް ވިދާޅުވެ، 7،000 ފްލެޓް ދިނުން ލަސްވާ މައްސަލައިގައި އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯ އިރޮއްސޭ މަންޒަރާ އެކު ކިތަންމެ ރީއްޗަސް އެތެރެ ހުރި ގޮތުން ދިރިއުޅެން ކަމުނުދާ ކަމަށް ވިދާޅުވެ، 7،000 ފްލެޓް ދިނުން ލަސްވާ މައްސަލައިގައި އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކުލި ނުދެއްކި ގިނަ ބަޔަކަށް ދަތި ހާލު ޖެހި އެއް ބަޔަކު މަގުމަތިވާ އިރު ވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުދީ ހިފަހައްޓަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީކަން ސިފަކުރައްވައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ދާދި ފަހުން ވަނީ އިރުއޮއްސުނު ގަޑީގައި ނަގާފައިވާ ފްލެޓްތަކުގެ ހިތްގައިމު ފޮޓޯއަކާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް، ފްލެޓްތަކުގެ ފޮޓޯ އާއްމުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައި.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ "އެއީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޭކާރު ހަރަދެއް" ކަމަށެވެ. އެ ހަރަދު ކުރުމަށް ފަހުގައި ވެސް އެ ފްލެޓްތައް ހަވާލުކުރާ ގޮތަށް ކުރީ ސަރުކާރުން ނިންމާފައި އޮތީ ދޮރުތައް ހަރުނުކޮށް، ޓައިލްސް ވެސް ނުޖަހައި ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަވަހަށް ފްލެޓްތައް ބޭނުންވެގެން އުޅޭތީ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތައް ގާތްގަނޑަކަށް ނިމެމުން އަންނައިރު ބާކީ ހުރީ މަދު މަސައްކަތްތަކެކެވެ. ކުރީ ސަރުކާރުން ރާވާފައިވާ ގޮތަށް އެ ފްލެޓައް ނިމޭއިރު ދޮރުތަކާއި ޓައިލްސް ވެސް ޖެހުމެއް ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވިސްނުމަކަށް ވީ އިތުރަށް ފައިސާ ހޯދައިގެން ފިނިޝިން ވެސް ނިންމުމެވެ. އެކަން ކުރަން އިތުރަށް 43 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށް ލޯނެއް ނަގަން ވެސް ނިންމި އެވެ.

"އެކަން ކުރާ ނަމަ ވަގުތު ނަގާނެ. އަޅުގަނޑުމެން މިހާރު ވިސްނީ އެ ހުރި ގޮތަށް [ކުރިއެކޭ އެއްގޮތަށް ފިނިޝިން ނުނިންމައި] ހައްގުވާ ފަރާތްތަކަށް ދިނުން،" ރައީސް ވިދާޅުވި އެވެ.

އަވަހަށް އެތަނަށް ވަންނަން ގިނަ ބަޔަކު ބޭނުންވެފައި ތިބުމުން ސަރުކާރުން އެގޮތަށް ނިންމީ ކަން ފާހަގަކުރައްވައި އެތަނުގައި ދޮރެއް ނުހުންނާނެ ކަމާއި ތަޅުމަކު ޓައިލްސް ވެސް ނުހުންނާނެ ކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވި އެވެ.

ހައްގުވެރިންނަށް ފްލެޓް ދިނުމުގައި ލަސްވަނީ، ބޭއިންސާފުން އެ ފްލެޓްތައް ބަހާލާފައި ހުރެގެން އެކަން ބަލަންވެގެން ކަމަށް މިއަދު ވެސް ރައީސް ވިދާޅުވި އެވެ. ފޯމުގައި ހަމައެކަނި ނަން ޖަހާލާފައި ހުރި މީހުންނަށް ވެސް ފްލެޓް ދީފައި ހުރި ކަމަށާއި ފޯމު ނުލާ ފަރާތްތަކަށް ވެސް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން ފަދަ އެތައް އޮޅުވާލުމެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަންކަން ސާފުކުރަމުން ގޮސް މަސައްކަތުގެ 90 ޕަސެންޓް ގާތްގަނޑަކަށް ނިމިފައި އޮއްވައި ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނީ. މިހާރު އެ ކުރާ މަސައްކަތަކީ ގޭގެއަށް ގޮސް ފްލެޓް ހައްގުވާ މީހެއްތޯ ބެލުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ފްލެޓްތައް ހަވާލުކުރެވޭނެ ވަކި ތާރީޚެއް ވިދާޅުނުވެ ރައީސް ޔަގީންކަން ދެއްވީ ވީހާވެސް އަވަހަކަށް އެ ފްލެޓްތައް ހައްގުވެރިންނަށް ދޫކޮށްލާނެ ކަމެވެ.

އަޅުގަނޑުގެ ހިތެއް ނުބުނޭ އެތަނަށް ވަދެފައި އޭގެތެރެއިން 80 ޕަސެންޓް މީހުން ވެސް އެއީ ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލުކުރާނެއޭ. އެހެންވެ އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން، ތިބޭފުޅުންނަށް ދައްކާލަން ގެންދާނަން، ބޭރަށް ވަރަށް ރީތި، ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސިފައި އޮންނަ ގަޑީގައި. --ރައީސް ވިދާޅުވި އެވެ.

ޖެހިޖެހިގެން ޓަވަރުތައް ހުރި ގޮތާއި އެތެރެ ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 5،000 އަށް ވުރެން ގިނަ މީހުން ދިރިއުޅޭއިރު އަރައި ފައިބަން ހުރީ އެންމެ ތިން ލިފްޓް ކަމަށެވެ. އޮފީހާއި ސްކޫލް ގަޑިތަކުގައި އެއިން ޓަވަރަކުން ތިރިއަށް ފައިބައިން ކިހާ ވަގުތެއް ހޭދަވާނެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

ހިތްހަމަނުޖެހިވަޑައިގެން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން ބޮޑު ކިއޫއެއް ލިފްޓް ކައިރީގައި ހަދަން ޖެހޭނެ އެވެ.

އަނެއްކާ އެ ވިދާޅުވަނީ އަގު ވެސް 6،000-7،000ރ. އަށް ދޭނަމޭ. މިހާރު އެ ހުރި ގޮތަށް ކޮސްޓް ޕްރައިޒްގައި ދޭ ކަމަށް ވަންޏާ ވެސް މަހަކަށް 11،000ރ. އެބަ އަރާ. ކިހިނެއްތޯ އެއަށް މީހުން ފައިސާ ދައްކާނީ. --ރައީސް

ރައީސް ވިދާޅުވި ގޮތުގައި ފްލެޓްތައް ހިފަހައްޓައިގެން ތިބޭކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. ކުރީގެ ސަރުކާރުގައި އެ ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަށް ފިނިޝިން ނުނިންމައި ވީހާވެސް އަވަހަަކަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން. --ފޮޓޯ/މިހާރު

ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން. --ފޮޓޯ/މިހާރު

މިހެން ވިދާޅުވުމަށް ފަހު ވެސް ރައީސް ކަންބޮޑުވުންފާޅުކުރައްވައި ވިދާޅުވީ އެތަން ހުރި ހާލަތު ނޫސްވެރިންނަށް ދައްކާލާނެ ކަމަށެވެ. ފްލެޓްތައް ދިނުން ލަސްވެގެން މި ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ވަޑައިގެން ބެއްލެވި ކަމަށާއި ހުރި ހާލަތު އެނގިވަޑައިގަތީ އެ ހިސާބުން ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.