Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި

އިންސްޓޯލްމަންޓުގެ މުއްދަތު އިތުރުކޮށް، ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭވަރު 5،300ރ. އަށް ކުޑަކޮށްފި

28 އެޕްރީލް 2023

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުގެ އިންސްޓޯލްމަންޓުގެ މުއްދަތު ދިގުކޮށް، މަހު ފީ 5،300ރ. އަށް ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުގެ އިންސްޓޯލްމަންޓުގެ މުއްދަތު ދިގުކޮށް، މަހު ފީ 5،300ރ. އަށް ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އެކަން "މިހާރު" އަށް މިރޭ ކަށަވަރު ކޮށްދެއްވި ނަމަވެސް އަދި ތަފުސީލެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ، ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ބަލައި ކުޑަކޮށްދިނީ ކަމަށެވެ.

އެ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދިނީ ހަތް އަހަރުގެ މުއްދަތެކެވެ. ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައި އޮތީ 25 އަހަރެވެ. އޭގެ ތެރެއަށް ހަތް އަހަރު އިތުރު ކޮށްދިނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ނިންމުން ނިންމީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނަމަވެސް އާބަންކޯ އިން ބުނީ ހިޔާ ފްކެޓްތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް އެ ކުންފުންޏާއި ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

"މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރި އުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ،" އާބަންކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުއްޔަކީ މިހާރު 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު އެޗްޑީސީ އަށް ނަގަ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި މި ސަރުކާރުން ކުޑަކޮށްދިނީ ފްލެޓްތައް ލިބުނު މީހުން އެ ކަމަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުންނެވެ. ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެ ތަނުގައި ދިރިއުޅޭ މީހުން އެކި ފަހަރު މަތިން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ހިޔާ ރައްޔިތުންގެ ގުޅުން" އާ މިދިޔަ މާޗު މަހު ބައްދަލުކުރެއްވުމަށް ފަހު، އެ ޖަމިއްޔާގެ އިސްބޭފުޅުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ހިޔާ ރައްޔިތުންގެ ގުޅުން" އާ މިދިޔަ މާޗު މަހު ބައްދަލުކުރެއްވުމަށް ފަހު، އެ ޖަމިއްޔާގެ އިސްބޭފުޅުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ މި އަހަރުގެ މާޗު މަހު ބައްދަލުކުރައްވައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް މެމްބަރުންނާ މަޝްވަރާ ކުރެއްވި އެވެ.

އެ މަޝްވަރާގައި "ހިޔާ ރައްޔިތުންގެ ގުޅުން" އިން ހުށަހެޅި އެއް ކަމަކީ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ކުލި ކުޑަކޮށްދިނުމެވެ. ދެން ހުށަހެޅީ ސާވޭއަކަށް ފަހު ކޮންމެހެން ކުލި ކުޑަކޮށްދޭން ޖެހޭ މީހުންނަށް އެކަން ސަރުކާރުން ކޮށްދިނުމާއި އެންމެންނަށް ސަރުކާރުން ކުލި ކުޑަކޮށްދިނުމެވެ.