Roadha Mihaaru
މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނާޅަން އެދެފި

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނާޅަން އަދާލަތުން އެދެފި

18 ޖެނުއަރީ 2022

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދެފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރަށް އިއްޔެ ފޮނުއްވި ސިޓީގައިވަނީ ރާއްޖޭގައި ހެދުން އަޅަން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އަދި ރާއްޖޭގައި ނިސްބަތުން ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ ބައެއް ކަމަށެވެ. އަދި މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށާއި އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.

"މުދައްރިސުންގެ ގޮތުގައި އާއި އެ ނޫން ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ދެއްވަން ބޭނުންފުޅުވާ މޫނު ބުރުގާ ތުރުކުރައްވާ ކަނބަލުންނަށް އެ ފުރުސަތު އޮންނަންވާނެ ކަމަށް މި ޕާޓީން ދެކެމެވެ." ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ ތުއްތު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގަބޫލު ކުރެވޭ ނަމަ، އެކަމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މާހައުލެއް ގާއިމް ނުކުރެވުމަކީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް، އެ ސިޓީގައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖަކޮށްދޭން އެދޭ ކަމަށެވެ. އަދި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.