Roadha Mihaaru
"އިސްލާމް ޕޭޕަރު ހެދި ޓީޗަރުން މަކަރެއް ނުހަދާ"

އިސްލާމް ޕޭޕަރު ހެދި ޓީޗަރުން މަކަރެއް ނުހަދާ: އެޑިއުކޭޝަން

28 އޮކްޓޯބަރ 2017

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި އިސްލާމް މާއްދާގެ ކަރުދާސް ތައްޔާރުކުރި ޓީޗަރުންގެ މައްސަލައެއް ނެތް ކަމަށް ބުނެ ޓީޗަރުންގެ ދިފާއުގައި އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި އިސްލާމް މާއްދާގެ ކަރުދާސް ތައްޔާރުކުރި ޓީޗަރުންގެ މައްސަލައެއް ނެތް ކަމަށް ބުނެ ޓީޗަރުންގެ ދިފާއުގައި އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

އިމްތިހާން ކަރުދާސް ތައްޔާރު ކުރި ޓީޗަރުން، އޭގައިވާ ސުވާލުތައް ދަރިވަރުންނަށް ކިޔައިދިން ކަމަށް ބުނެ ފޭސްބުކްގައި ހިޔާލުފާޅުކުރި ހަތަރު ޓީޗަރެއްގެ ފޯނު ފުލުހުން މިދިޔަ އަންގާރަ ދުވަހު ވަނީ ހިފަހައްޓާފަ އެވެ. އަދި އެ ޓީޗަރުން ވަނީ މަސައްކަތުން އެކަހެރި ވެސް ކޮށްފަ އެވެ. ޓެސްޓަށް އައި ސުވާލުތައް ޓީޗަރުން ދަރިވަރުންނަށް ކިޔައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ޓީޗަރުންތަކެއްގެ މައްސަލަ ބަލަމުން ދާއިރު، ކަރުދާސް ތައްޔާރު ކުރީ އެކަމަށް ކުރިމަތިލި ޓީޗަރުން ކަމަށާއި ސުވާލުތައް ދަރިވަރުންނަށް ކިޔައިދީ އެކަމުގައި ޓީޗަރުން މަކަރު ހަދާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ޓީޗަރުންގެ މައްސަލަ ޖައްސާފައިވަނީ، އިމްތިހާނު ހެދުމަށް ނެގި ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ޓީޗަރުން، އޭގައިވާ ސުވާލުތައް ބިނާކޮށް، ދަސްކުރަންވާ ފިލާވަޅުތައް ދަރިވަރުންނަށް ކިޔައިދީފައިވާ ކަމަށް ބުނެ އެވެ. އަދި އެ ޓީޗަރުން އެހެން ސްކޫލުތަކަށް ގޮސް ވެސް، އިމްތިހާނުގައި ހުރި ބައެއް ސުވާލުތައް ދަރިވަރުންނަށް ކިޔައިދީފައިވާ ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މީގެ ކުރިން އިމްތިހާނު ކަރުދާސް ހަދަނީ ކަމާގުޅޭ އިލްމުހުރި، ޓީޗަރުން ނޫން މީހުންނާ ހަވާލުކޮށްގެން ކަމަށާއި އެކަމަކު އޭގެ ސަބަބުން ބައެއް ފަހަރަށް އެ މީހުންނަށް، ދަރިވަރުންގެ ފެންވަރާ އެއްގޮތްވާ ގޮތަށް ސުވާލުތައް ގެނެސްދޭން ނޭނގޭ ކަމަށެވެ. އަދި މި އަހަރު އިމްތިހާން ކަރުދާސް ހެދުން އިސްލާމް ޓީޗަރުންނާ ހަވާލު ކުރީ ޕޭޕަރު ހެދުމުގައި ކޮންމެ އަހަރަކު ޖެހޭ މައްސަލަތައް ކުޑަކޮށް، ތަކުރާރުވިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން އެކަމަށް ވަކި އުސޫލެއް ކަނޑައަޅައި، އިމްތިހާން ކަރުދާސް ހެދުމަށް ޓީޗަރުން ހޯދުމަށް އިއުލާނެއްކޮށް، އެއަށް ކުރިމަތިލި މީހުން މި ޕޭޕަރުތައް ތައްޔާރުކޮށްފައިވަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމް ކިޔަވައިދޭ ހުރިހާ ޓީޗަރުން ވެސް، އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، އެކި ވޯކްޝޮޕްތައް ބާއްވައި ދަރިވަރުން ތަމްރީނު ކުރުވާ ކަމަށާއި އެއީ އެންމެ ކުރިއްސުރެ ކަންހިނގާ ގޮތް ކަމަށެވެ.

"އެހެންވެ، އިމްތިހާނު ކަރުދާސް ތައްޔާރު ކުރި ޓީޗަރުން ދަރިވަރުންނަށް ވޯކްޝޮޕްތައް ހިންގުމަކީ މަސްލަހަތު ފުށުއަރާނެ ކަމަށް ބުނެ ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން،" ނަޒީރު ވިދާޅުވި އެވެ.

މި މައްސަލައިގައި ފޭސްބުކްގައި ހިޔާލު ފާޅުކޮށްގެން، ފޯނު ހިފެހެއްޓި ޓީޗަރަކު ބުނީ އިމްތިހާނު ކަރުދާސް ތައްޔާރުކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީން އަމަލު ކުރިގޮތުން ގިނަ ޓީޗަރުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށާއި ޕޭޕަރު މާކުކުރަން ދެކޮޅު ހަދައި ގިނަ އަދަދެއްގެ ޓީޗަރުން ސޮއިކޮށް، ޕެޓިޝަނެއް ވެސް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.