Roadha Mihaaru
މާފުށީގައި ގްރާންޑޭގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ:ނާދު

މާފުށީގައި ގްރާންޑޭގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ: ނާދު

19 ޖެނުއަރީ 2022

ޕްރެޒިޑެންޓްސް ކަޕްގައި ބޭނުންވާ، ނަތީޖާ ނުހޯދުނަސް ގްރާންޑޭ ސްޕޯޓްސް ކްލަބުން މާފުށީގައި ހިންގާ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ބޭނުންވާ، ނަތީޖާ ނުހޯދުނަސް ގްރާންޑޭ ސްޕޯޓްސް ކްލަބުން މާފުށީގައި ހިންގާ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މޮޅެއް ނުލިބި ގްރާންޑޭ އަށް ވަނީ ޕްރެޒިޑެންޓްސް ކަޕް ނިމިފަ އެވެ. އެ ޓީމަށް ލިބުނީ އެއް ޕޮއިންޓެވެ. އެކަމަކު ނާދު ބުނީ ސީޒަން ކުރިއަށްދާ ވަރަކަށް އެޓީމުގެ ހާލަތު ރަނގަޅު ވަމުންދާނެ ކަމުގެ އުންމީދު އޭނާ އަށް އެބައޮތް ކަމަށެވެ. ގްރާންޑޭގެ ގިނަ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަނަށް އާ ކުޅުންތެރިންނެވެ. އެޓީމުގައި ގިނައީ މާފުށީގެ ކުޅުންތެރިންނެވެ. ނާދު ބުނީ މަދު މެޗުތަކެއް ކުޅެގެން މިހާރު ވެސް އޭނާގެ ޓީމުން ކުރިއެރުން ފެންނަން ފަށައިފި ކަމަށެވެ.

"މިހާރު ވަކިގޮތަކަށް ގޭމެއް ކުޅެން އުޅޭ. މުޅިން އާ ކުޅުންތެރިން ވީމަ، ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ކުޅުންތެރިންނާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅެން އުނދަގޫވިތަން ފެނިގެން ދިޔައީ،" ނާދު ބުންޏެވެ.

"ކުޅުންތެރިން އެއަށް ހޭނެންވީ. ތަންކޮޅެއް ބިރުގަނެފައި ތިބޭތީ މެޗުތައް ދޫވެގެން ދަނީ. މާފުށީގެ އެކިތަންތަނުގައި ވަޒީފާގައި އުޅެފައި އަންނަ ކުޅުންތެރިން ވިޔަސް ވަރަށް ރަނގަޅަށް ކުޅެން މަސައްކަތް ކުރޭ."

ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗގެ ތެރެއިން --- ފައިލް ފޮޓޯ | މިހާރު

ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗގެ ތެރެއިން --- ފައިލް ފޮޓޯ | މިހާރު

މާލޭގައި ޕްރެކްޓިސް ކުރާ އަށް ޓީމަށް އޮތީ ދެ ދަނޑެވެ. ފުލް ޕިޗްގައި ޕްރެކްޓިސްކޮށްލަން ލިބެނީ މަދުފަހަރަކު އެވެ. ބައެއް ކުޅުންތެރިން ދިރިއުޅެނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ހަމަޖައްސާފައިވާ އެކޮމެޑޭޝަން ބްލޮކްގަ އެވެ.

އެކަމަކު މާފުށީގައި ހާލަތު ތަފާތެވެ. ގްރާންޑޭ ބޭނުން ކުރަން އެރަށުގެ ފުލް ޕިޗް އެބައޮތެވެ. ކްލަބްގެ ސީނިއާ ޓީމަށް ގެންނަ ޒުވާން ކުޅުންތެރިން ޑިވެލޮޕް ކުރާނެ ފުރުސަތު އެ ޓީމަށް ހޯދޭނެ އެވެ. ނާދު ބުނީ ކުރިމަގަށް ވިސްނައިގެން މަސައްކަތްތަކެއް ކުރުމުގެ ޕްލޭންތަކެއް މެނޭޖުމެންޓުން ގެންގުޅޭ ކަމަށެވެ.

"މި ޕްރޮޖެކްޓް ކާމިޔާބު އެއްޗަކަށް ހެދޭނެ. ކާމިޔާބު ލިބެން ފަށާ ހިސާބުން މާފުށީގައި ވެސް މިކަން ވައިގައި ހިފާނެ. އޭރުން ކްލަބް ހިންގަން ވެސް އެހީތެރިކަން ހޯދޭނެ،" ވިކްޓަރީ އާއި ވެލެންސިއާ އަދި ސަސްގައި ކުރިން މަސައްކަތް ކުރި ކޯޗް ބުންޏެވެ.

މާފުށީ ކައިރީގައި އޮންނަ ކ. ގުރައިދޫގެ ޒުވާނުންގެ ޖަމިއްޔާގެ ޓީމަކީ ކުރިން މާލޭގައި ކުޅޭ މުބާރާތްތަކުގައި ކުޅެފައިވާ ޓީމެކެވެ. ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބަކީ ދިވެހި ލީގުގެ ޗެމްޕިއަނެކެވެ. އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލު ކުރި އެވެ. އެ ޓީމުތައް ވެސް ކާމިޔާބު ހޯދީ އެއް ރަށެއްގައި ތިބެގެން ކުރި މަސައްކަތުންނެވެ.

ދިވެހި ޕްރިމިއާ ލީގު ހޯޯމް އެންޑް އަވޭ އުސޫލުގެ ފޯމެޓް އެކުލަވައިލުުމުގައި އެންމެ އިސްކޮށް އުޅުނު މުހައްމަދު އާދަމް ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި ޓީމެއް ނިސްބަތްވާނެ ވަކި ތަނެއް އޮވެފައި އެތަނުގައި ތިބެގެން މަސައްކަތް ކުރެވޭ ނަމަ ކާމިޔާބު ހޯދޭނެ އެވެ.

"މިހާރު އެ ޓީމު ނިސްބަތްވާނެ ތަނެއް އެބައޮތް. މުޅިން އާ ކުޅުންތެރިންތަކަކާ ބަލާފައި އަހަންނަށް ގްރާންޑޭގެ ކުޅުން ގޯހެއް ނޫން،" މުހައްމަދު ބުންޏެވެ. "ޕްރިމިއާ ލީގު ފެށިގެން ގިނަ މެޗުތަކެއް ކުޅޭ ވަރަކަށް އެޓީމު ރަނގަޅުވާނެ ކަމަށް އަހަންނަށް ގަބޫލު ކުރެވޭ."