Roadha Mihaaru
ގްރާންޑޭ މޮޅުވާން ޓީނޭޖުން ފުރުސަތެއް ނުދިން

ގްރާންޑޭ މޮޅުވާން ޓީނޭޖުން ފުރުސަތެއް ނުދީ މެޗު އެއްވަރުކޮށްފި

25 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފް ބުރުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، ކްލަބް ޓީނޭޖުން ފަހަތުން އަރައި 2-2 ން މެޗު އެއްވަރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފް ބުރުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، ކްލަބް ޓީނޭޖުން ފަހަތުން އަރައި 2-2 ން މެޗު އެއްވަރުކޮށްފި އެވެ.

ދިވެހި ލީގު ފުލަށް ދިޔަ ދެ ޓީމާއި ދެވަނަ ޑިވިޝަންގެ ގަދަ ދެ ޓީމުގެ ދެމެދުގައި ލީގު އުސޫލުން ކުޅޭ ޕްލޭއޮފް ބުރުގައި މިހާރު އެއްވަނައިގައި އޮތީ، މިއަދު ހަވީރު ބުރު ސްޕޯޓްސް ބަލި ކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސްސް) އެވެ. ގްރާންޑޭ އާއި ޓީނޭޖަށް އެއް ޕޮއިންޓެވެ.

ގްރޭޓާ މާލެ ޒޯނުން އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނީ މި ހަތަރު ޓީމުގެ ތެރެއިން އެންމެ ގަދަ ދެ ޓީމެވެ. އަދި ކޮންމެ ޓީމަކަށް ވެސް ދެ މެޗު އެބައޮތެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރާންޑޭއިން ލީޑް ނެގި އެވެ. މެޗުގެ 40 ވަނަ މިނެޓްގައި ޓީނޭޖުގެ އޭރިއާގެ އަރިމަތިން މުޝްރިފް މޫސާ ނަގައިދިން ބޯޅަ ހޫގޯ ނިކޮލަސް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޓީނޭޖުގެ ކީޕަރު މިސްރުގެ މުހައްމަދު ހަސަން އަބްދުލް ހާމިދުގެ އަތުގައި ޖެހިފަ އެވެ.

އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ޖެހީ މުހައްމަދު ޝާރިހް އެވެ. މުހައްމަދު އުސާމާ ހަސަން މަޖީދު އާއި ދެ ކުޅުންތެރިން ޕާސްކޮށް ބޯޅަ ބަދަލު ކުރަމުން އައިސް އުސާމާ ދިން ތުރޫ ބޯޅައިގައި އޭރިއާ ތެރެއަށް ވަދެ ޝާރިހް ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

އޭގ ދެ މިނެޓް ފަހުން، ޓީނޭޖަށް ލަނޑު ޖަހައިދީ އެ ޓީމު މެޗުގެ ތެރެއަށް އަނބުރާ ގެނެސް ދިނީ ބަހުޖަތު އަބްދުލް އަޒީޒު އެވެ. ޓީނޭޖަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މިސްރުގެ ފޯވާޑް އަހުމަދު އަލޫ އަފީފީ އެވެ.