Roadha Mihaaru
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަނީ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަން ބަޔަކާ ހަވާލުކޮށްފި

15 ޑިސެމްބަރ 2016

ފުވައްމުލަކު ފަރަށް މިދިޔަ އޯގަސްޓް މަހު އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލުމުން ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުވައްމުލަކު ފަރަށް މިދިޔަ އޯގަސްޓް މަހު އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލުމުން ގޮނޑުދޮށަށް ލެއްގި ހިލަތައް ނަގަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ ބޯޓުގެ ޕީ އެންޑް އައި ކްލަބްގެ އެޖެންޓް ރާއްޖޭގެ ސެންޗޫރިއަން އިން ބުނީ ހިލަތައް ނަގަން ހަވާލުކުރީ ފުވައްމުލަކަށް ނިސްބަތްވާ ފަހި ބިޒް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ގެންދާނީ އެ ރަށުގެ ތިމާވެއްޓަށް އިތުރު ގެއްލުމެއް ނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް ސެންޗޫރިއަން އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ކުރިޔަށްދާނީ އެފަދަ ކަންތައްތަކުގައި ލަފާދޭ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އައި ޓޮޕް އާއި ދިވެހި ކޮންސަލްޓެންޓުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާއިރު ރަށު ކައުންސިލް އާއި އީޕީއޭގެ ލަފާ ވެސް ހޯދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސެންޗޫރިއަން އިން ބުނި ގޮތުގައި އެ ކުންފުނިން ދަނީ ފަރުމަތީގައި ހުރި ހިލަތައް ނެގުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ. އަދި އެ ރަށުގެ ފަރަށް ލިބުނު ގެއްލުންތައް ދިރާސާކުރުމަށް ފަހު ޖޫރިމަނާއަށް ވާ ފައިސާ ދެއްކުން އަންނަ ހަފުތާގައި ހަމަޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ "އެމްވީއެންޖީއޯސީ ސަން" ފަރަށް އެރުމުން ލިބުނު ގެއްލުމުގެ އަގު 633.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބޯޓުގެ ވެރިފަރާތުން އެންގީ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށެވެ.

‎އެ ބޯޓު ފަރަށް އެރިތާ މަހެއްހާ ދުވަސް ފަހުން ފުންކުރަން، ބޯޓުގައި ހުރި 5،700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި އުކާލީ މޫދަށެވެ.

ފުންކޮށްގެން ބޯޓު ދަތުރުކުރަނިކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.