Roadha Mihaaru
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

ފުވައްމުލަކު ފަރަށް ބޯޓު އެރުމުން ލިބުނު ގެއްލުންތައް ބަލަން ފަށައިފި

17 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ސިންގަޕޫރުގެ ސެލްވޭޖް ކުންފުނިން ބަލަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ސިންގަޕޫރުގެ ސެލްވޭޖް ކުންފުނިން ބަލަން ފަށައިފި އެވެ.

މީގެ މަހަކަށްވުރެ ކުރިން، ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. ނަމަވެސް ފަރުމައްޗަށް އުކާލި ހިލަތައް ނެގުމުގެ މަސައްކަތް އަދި ނުފަށަ އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި އުޅުނު އިސް މީހަކު ބުނީ މިދިޔަ ބުރާސްފަތި ދުވަހު ބޯޓު ފުން ކުރުމަށްފަހު، ފަރަށް ލިބުނު ގެއްލުންތައް ސެލްވޭޖް ކުންފުނީގެ ބަޔަކު ބަލަމުން އަންނަ ކަމަށެވެ.

"ޑައިވްކޮށްގެން އެ މީހުން މަސައްކަތް ކުރާތާ މިއަދަށް ދެ ވަނަ ދުވަސް މިއީ،" އެ މީހާ ބުންޏެވެ.

ފަރަށް ލިބުނު ގެއްލުންތައް އީޕީއޭ އިން ބަލަން ފެށީ މިއަދު، އީޕީއޭގެ ހާއްސަ ޓީމެއް ފުވައްމުލަކަށް ގޮސްގެންނެވެ.

ބޯޓުގައި ތިބި މީހުންނާ ހަވާލާދީ އެމީހާ ބުނި ގޮތުގައި ފަރަށް އެރިތާ މަސް ދުވަސް ފަހުން ފުންކުރި ބޯޓުގެ ހާލަތު ރަނގަޅެވެ. ބޯޓުން ތެޔޮ ލީކްވުމެއް ކުރިން އުޅުނު ނަމަވެސް، އެކަން ހައްލުކޮށްފައިވާ ކަމަށްވެ އެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓުގެ ހާލަތު ރަނގަޅު ކަމަށް ބޯޓުގައި ތިބި މީހުން ބުނޭ. - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓުގެ ހާލަތު ރަނގަޅު ކަމަށް ބޯޓުގައި ތިބި މީހުން ބުނޭ. - ފޮޓޯ: އެމްއެންޑީއެފް

ދިގު މިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ޖޫރިމަނާކުރާނެ ކަމަށް ބެލެވެ އެވެ. އުޅަނދުތައް ފަރަށް އަރައިގެން ލިބޭ ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އީޕީއޭއިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ. ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.

މި ބޯޓު ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހުސްކުރާށެވެ. ބޯޓު ފުން ކުރިޔަސް، ސަރަހައްދަށް ލިބިދާނެ ގެއްލުމަކާ މެދު ފުވައްމުލަކުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.