Roadha Mihaaru
އުކާލި ހިލަތަކުން ފުވައްމުލަކު ގޮނޑުދޮށް ކަޅުވެއްޖެ

ބޯޓުން އުކާލި ހިލަތަކުން ފުވައްމުލަކު ގޮނޑުދޮށް ކަޅުވެއްޖެ

21 ނޮވެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް މި ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް މި ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެއްޖެ އެވެ.

ބޯޓު ފަރަށް އެރި ދިމާލުން، މިއަދު ހެނދުނު ވެސް ރާޅާއެކު އެއްގަމަށް ހިލަތައް ލައްގަމުންދެ އެވެ. މި ރަށުގެ ނަރުދަމާގެ މަސައްކަތަށް ގެނައި ހިލަތައް ގޮނޑުދޮށުގެ ގާތްގަނޑަކަށް ހާހެއްހާ ފޫޓުގެ ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ. އެންމެ ގިނައިން ހިލަ ލައްގާފައި ވަނީ ބޯޓު އެރި ދިމާލަށެވެ. އެ ސަރަހައްދަށް ލެއްގި ހިލަތައް އަކިރި އާއި ގަލާ އެއްވެ، މުޅި ސަރަހައްދު އެއްކޮށްހެން މިހާރު ވަނީ ހަޑިވެފަ އެވެ.

ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުވައްމުލަކު ފަރަށް އަރާފައި.

ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުވައްމުލަކު ފަރަށް އަރާފައި.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފް މިއަދު ވިދާޅުވީ ބޯޓުގައި ހުރި ހިލަތައް ހުސްކުރިއިރު ވެސް ރަށުގެ ރައްޔިތުން ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

"ފަރު މައްޗަށް ހިލަތައް އުކާލިއިރު ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ. ބޯޓުގައި ހުރި ހިލަތައް އުކާލިއިރު ވެސް ސާފުކުރަން އީޕީއޭ އިން އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ފަލާހު ވިދާޅުވި އެވެ.

‎ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓު ފަރަށް އެރިތާ މަހެއްހާ ދުވަސްފަހުން ފުންކުރިއިރު، އެ ބޯޓުގައި 5،700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި މި ރަށުގެ ފަރުމައްޗަށް އުކާލި އެވެ. ބޯޓު ފުންކުރަން ފުރަތަމަ އެ ބޯޓުގައި ހުރި ދެބައިކުޅަ އެއްބައި ހިލަ ފަރުމައްޗަށް އުކައިގެން ވެސް ބޯޓު ފުން ކުރެވޭ ވަރެއް ނުވި އެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓުން އުކާލި ހިލަތައް ގޮނޑުދޮށަށް ލައްގާފައި. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

ފުވައްމުލަކު ފަރަށް އެރި ބޯޓުން އުކާލި ހިލަތައް ގޮނޑުދޮށަށް ލައްގާފައި. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ މި ރަށު ފަރަށް އެރި ބޯޓުން އުކާލި ހިލަތައް ނަގައި ސާފުކުރަން އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވޭ އެ ހިލަތައް ގޮނޑުދޮށަށް މިހާރު ލައްގަމުންދާކަން. އޭގެ ކުރިން އަޅުގަނޑުމެން ބޯޓުގެ އެޖެންޓަށް އެނގިން އެ ހިލަތައް ނަގައި ސާފުކުރަން. މިހާރު މިދަނީ އެކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން،" ނައީމް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބޯޓުގެ އިންޝުއަރެންސް އެޖެންޓް ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން ވިދާޅުވީ ފަރުމައްޗަށް އުކާލި ހިލަތައް ނަގައި ސާފުކުރަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބީއެމްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އެކަންކުރާނެ ގޮތުގެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ލިބިފައި އޮއްވައި މިހާރު އެ ސަރަހައްދަށް ހިލަތައް ލައްގަން ފެށީ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް އުއްމީދުކުރަނީ،" އޭނާ ވިދާޅުވި އެވެ.‎