Roadha Mihaaru
ކޮޕަ ޑެލް ރޭ: ބާސެލޯނާ ކަޓައިފި، ރެއާލް ކުއާޓާ އަށް

ކޮޕަ ޑެލް ރޭ: ބާސެލޯނާ ކަޓައިފި، ރެއާލް ކުއާޓާ އަށް

21 ޖެނުއަރީ 2022

ބިލްބާއޯ (ޖެނުއަރީ 21) – މެންޗެސްޓާ ސިޓީން ބާސެލޯނާއަށް ބަދަލުވި ފެރާން ޓޮރޭޒް އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ މުބާރާތުން ބާސެލޯނާ ކެޓިއިރު، ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބިލްބާއޯ (ޖެނުއަރީ 21) – މެންޗެސްޓާ ސިޓީން ބާސެލޯނާއަށް ބަދަލުވި ފެރާން ޓޮރޭޒް އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ މުބާރާތުން ބާސެލޯނާ ކެޓިއިރު، ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ބާސެލޯނާ ބަލިވީ މުބާރާތުގެ ގަދަ 16 ގައި ރޭ އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް 3-2 އިންނެވެ. ސްޕެނިޝް ސުޕަ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ބާސެލޯނާ ލީގުގައި މި ވަގުތު އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 17 ޕޮއިންޓް ފަހަތުން، ޓޭބަލްގެ ހަވަނައިގަ އެވެ. ލީގުގެ އިތުރުން ދެން އެޓީމަށް މި ސީޒަނުގައި ބާކީ އޮތީ ޔޫއެފާ ޔޫރޮޕާ ލީގެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބިލްބާއޯ އިންނެވެ. މެޗުގެ ދެވަނަ މިނިޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އިކާ މުނިއައިން އެވެ. ނަމަވެސް 20 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ ބާސާއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށްވެފައި ވަނިކޮށް ބިލްބާއޯ އަށް ލީޑު ނަގައިދިނީ އިނީގޯ މާޓިނޭޒް އެވެ. މި ގޯލާ އެކު ބާސެލޯނާ މެޗުން ބަލިވާން ދަނިކޮށް 90 މިނިޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޑެނީ އަލްވޭސް އޯވަހެޑަކުން ގޯލު ކުރިމައްޗަށް ދިން ބޯޅަ ގޯލަށް ފޮނުވާލައިގެން ބާސެލޯނާ އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ.

ބިލްބާއޯ މޮޅުވީ ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހި ލަނޑުންނެވެ. މި ހާފުގެ އިތުރު ވަގުތުގައި ބިލްބާއޯ އިން ހުރަސް ކޮށްދިން ބޯޅައެއް ބާސެލޯނާގެ ޖޯޑީ އަލްބާ އަތުގައި ޖެހުމުން ވީއޭއާރު ބަލައި ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެޕްޓަން މުނިއައިން އެވެ.

ރެއާލް މެޑްރިޑް ވަނީ ރޭ އެލްޗޭއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްގެން ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން މި މެޗުގައި ވެސް ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގޮންޒާލޯ ވާޑޫގެ ލަނޑުން އެލްޗޭ ކުރި ހޯދާފައި ވަނިކޮށް ރެއާލުން ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ. ފަހު ހާފުގެ ތިންވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް އިސްކޯ އެއްވަރު ކޮށްދިންއިރު، މެޗު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް ރެއާލް މޮޅުކޮށްދިނީ އެޑެން ހަޒާޑެވެ.

ރެއާލް ސޮސިއެޑާޑް ވެސް ވަނީ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށް، ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހު އެވެ.