Roadha Mihaaru
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ

ތިން ވަނަ ޑިވިޝަނުގެ އިންޓަސިޓީ އަތުން ބާސެލޯނާ އަށް އުނދަގޫ މޮޅެއް

05 ޖެނުއަރީ 2023

އެލިސަންޓޭ (ޖެނުއަރީ 5) - ސްޕެނިޝް ކަޕުގައި ރޭ އެ ގައުމުގެ ތިން ވަނަ ޑިވިޝަނުގެ އިންޓަސިޓީ އަތުން ބާސެލޯނާ 4-3 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެލިސަންޓޭ (ޖެނުއަރީ 5) - ސްޕެނިޝް ކަޕުގައި ރޭ އެ ގައުމުގެ ތިން ވަނަ ޑިވިޝަނުގެ އިންޓަސިޓީ އަތުން ބާސެލޯނާ 4-3 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އިންޓަސިޓީ އިން މެޗުގައި ޖެހި ތިން ލަނޑު ވެސް ކާމިޔާބު ކުރީ، ކުރިން ބާސެލޯނާގެ އެކަޑަމީ އިން ތަމްރީނު ހޯދި، 21 އަހަރުގެ ސްޕެއިން މިޑްފީލްޑަރު އޮރިއޮލް ސޮލްޑެވިލާ ޕުއިގް އެވެ.

ސޮލްޑެވިލާ ފާއިތުވި ދެ ސީޒަނުގައި ކުޅުނީ އިންގްލެންޑުގެ ބާމިންހަމްގެ އެކަޑަމީގަ އެވެ. ބާމިންހަމް އިން ދޫކޮށްލުމުން އިންޓަސިޓީ އަށް ބަދަލުވޭ އޭނާގެ ސީނިއާ ކެރިއަރު ފެށީ މި ސީޒަނުގަ އެވެ.

އޮސަވޯލްޑޯ (ވ) ބާސާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޮސަވޯލްޑޯ (ވ) ބާސާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފު ބާސެލޯނާ ނިންމާލީ، މެޗުގެ ހަތަރު ވަނަ މިނިޓުގައި ރޮނާލްޑް އަރައުހޯގެ ގޯލުންނެވެ. އިންޓަސިޓީ އަށް މެޗުގައި ފުލް ކޮށް ކުޅުނު ސޮލްޑެވިލާ ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖެހީ 59 ވަނަ މިނިޓުގަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ 66 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ޖަހައިދިން ގޯލުންނެވެ. ނަމަވެސް 74 ވަނަ މިނިޓުގައި އަނެއްކާ ވެސް ގޯލެއް ޖަހައި ސޮލްޑެވިލާ އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. އޭގެ ތިން މިނިޓު ފަހުން ތިން ވަނަ ފަހަރަށް ބާސެލޯނާ އަށް ލީޑު ހޯދައިދިނީ ރަފީނިއާ އެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ސޮލްޑެވިލާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، މެޗު އިތުރު ވަގުތާ ހަމައަށް ގެންގޮސްދީފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، 103 ވަނަ މިނިޓުގައި ބާސެލޯނާ މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންސޫ ފާޓީ އެވެ.

މި މޮޅާ އެކު ބާސެލޯނާ ވަނީ ސްޕެނިޝް ކަޕުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

ރެއާލް މެޑްރިޑް ވެސް ގަދަ 16 އަށް ދިޔައީ ހަތަރު ވަނަ ޑިވިޝަނުގެ ކެސަރީނޯއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ޖަހައިދިނީ ރޮޑްރިގޯ އެވެ.