Roadha Mihaaru
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި

ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި

25 ޖެނުއަރީ 2024

ބިލްބާއޯ (ޖެނުއަރީ 24) - އެތުލެޓިކޯ ބިލްބާއޯ އިން އެޓީމަށް ކުޅޭ ވިލިއަމްސްގެ ދެބެން ކާމިޔާބު ކުރި ގޯލުތަކާ އެކު 4-2 މޮޅުވެ، ބާސެލޯނާ ކޮޕަ ޑެލް ރޭގެ އިން ކަޓުވާލައިފި އެވެ.

ބިލްބާއޯ (ޖެނުއަރީ 24) - އެތުލެޓިކޯ ބިލްބާއޯ އިން އެޓީމަށް ކުޅޭ ވިލިއަމްސްގެ ދެބެން ކާމިޔާބު ކުރި ގޯލުތަކާ އެކު 4-2 މޮޅުވެ، ބާސެލޯނާ ކޮޕަ ޑެލް ރޭގެ އިން ކަޓުވާލައިފި އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ މިނިޓުގައި ބިލްބާއޯ އިން ވަނީ ގޯލެއް ޖަހައި ބާސެލޯނާ ސިއްސުވާލައިފަ އެވެ. ބިލްބާއޯ އަށް ލީޑުން ނަގައިދިން ގޯލު ޖަހައިދިނީ ގޯކާ ގުރުޒޭޓާ އެވެ. ނަމަވެސް ގާތްގާތުގައި ޖެހި ދެ ގޯލުން ބާސެލޯނާ ވަނީ މި ހާފުގައި ލީޑު ނަގައިފަ އެވެ.

ބާސެލޯނާ އިން ނަތީޖާ އެއްވަރު ކުރީ 26 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ ޖަހައިދިން ގޯލުންނެވެ. އޭގެ ފަސް މިނިޓު ފަހުން ލީޑު ނެގީ ލަމީން ޔަމާލް ޖަހައިދިން ގޯލުންނެވެ. މިއާ އެކު ޔަމާލް ވެފައި ވަނީ ކޮޕަ ޑެލް ރޭ ގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ނަމަވެސް ދެވަނަ ހާފު ފެށުނުތާ މާ ގިނައިރެއް ނުވެ އޮއިހާން ސަންކެޓު ޖަހައިދިން ގޯލުން ބިލްބާއޯ އިން ނަތީޖާ އެއްވަރުކުރި އެވެ.

ނަތީޖާ އެއްވަރު ވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެތުލެޓިކޯ ބިލްބާއޯ އިން ގޯލު ޖެހި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފޯވާޑް އިނާކީ ވިލިއަމްސް އެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް މެޗު ޔަގީން ކޮށްދިނީ އޭނާގެ ކޮއްކޮ، ނިކޯ ވިލިއަމްސް އެވެ.

ބާސާ ސެމީ އަށް ނުގޮސް ކެޓުމުން ޓީމުގެ ކުޅުންތެރިން މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

ބާސާ ސެމީ އަށް ނުގޮސް ކެޓުމުން ޓީމުގެ ކުޅުންތެރިން މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

އިނާކީ ވިލިއަމްސް ޓީމާ ގުޅުނީ އިއްޔެގެ ހެނދުނު އެވެ. އޭގެ ކުރިން އޭނާ ހުރީ ގާނާގެ ގައުމީ ޓީމާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގަ އެވެ. ބާސާއާ ދެކޮޅަށް ދެވަނަ ހާފުގައި ކުޅެން އަރައި، ކޮއްކޮ ނިކޯ ވިލިއަމްސް ލަނޑު ކަން އެހީވީ ވެސް އޭނާ އެވެ.

ބާސާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިނާކީ ޓީމާ ގުޅުމަކީ ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް ގޮތުގައި ބިލްބާއޯ ގެ ކޯޗު އާނަސްޓޯ ވަލްވާޑޭ ވަނީ ފާހަގަ ކޮށްފަ އެވެ.

"އިނާކީ ޓީމާ އެކު ހުރުމަކީ ވެސް ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް. އޭނާއަކީ މުޅި ޓީމު ބަރޯސާ ވެވޭ ފެންވަރުގެ ކުޅުންތެރިއެއް، އަދި އިދިކޮޅު ކުޅުންތެރިން ޖެހިލުން ވާނެ އޭނާ ދެކެ،" ކުރިން ބާސެލޯނާއަށް ވެސް ކޯޗު ކޮށްދިން ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، މި މުބާރާތުގައި ތައްޓާ ހަމައަށް ނުދެވުނަސް، ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި އިތުރަށް މަސައްކަތް ކުރަން ޖެހިފައި ވާކަމަށެވެ.

"މިއީ އުނދަގޫ ވަގުތުކޮޅެއް، އެއީ އަހަރެމެންނަށް މި މުބާރާތް މިހާހިސާބުން ނިމުނީ. އެކަމަކު އަދިވެސް މަސައްކަތް ކުރުން އޮތީ ކުރިއަށް. އަދިވެސް ޗެމްޕިއަންސް ލީގު އެބަ އޮތް، ލަ ލީގާ އެބަ އޮތް،" ރޭގެ މެޗަށް ފަހު ބާސާގެ ކޯޗު ޒަވީ ބުންޏެވެ.

ބާސެލޯނާ ކެޓުމުގެ ކުރިން ވަރުގަދަ ރެއާލް މެޑްރިޑް ވެސް ވަނީ ކުއާޓާއާ ހަމައިން މުބާރާތުން ކަޓައިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރެއާލް މެޑްރިޑް ކެޓީ ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 4-2 އިން ބަލިވެގެންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ނަތީޖާ އެއްވަރުވި މި މެޗުގައި އެތުލެޓިކޯ މެޑްރިޑޫން ވެސް މޮޅުވި ދެ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގަ އެވެ.