Roadha Mihaaru
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް

ދުނިޔެ ވަށާ ބުރެއްޖަހައިގެން ޒުވާން ޕައިލެޓަކަށް ރިކޯޑެއް

22 ޖެނުއަރީ 2022

އޭވިއޭޝަންގެ ދާއިރާގެ ތާރީހުގައި ވެސް މިހާތަނަށް އެކަނިމާ އެކަނި މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރެއް ޖަހައިގެން އެންމެ ޒުވާން އަންހެނާގެ ރިކޯޑެއް ހަދަން މިދިޔަ އަހަރު ނުކުތް ބެލްޖިއަމްގެ ފުރާވަރުގެ އަންހެން ކުއްޖާ އަށް އެ ރިކޯޑް ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭވިއޭޝަންގެ ދާއިރާގެ ތާރީހުގައި ވެސް މިހާތަނަށް އެކަނިމާ އެކަނި މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރެއް ޖަހައިގެން އެންމެ ޒުވާން އަންހެނާގެ ރިކޯޑެއް ހަދަން މިދިޔަ އަހަރު ނުކުތް ބެލްޖިއަމްގެ ފުރާވަރުގެ އަންހެން ކުއްޖާ އަށް އެ ރިކޯޑް ކަށަވަރުވެއްޖެ އެވެ.

އިނގިރޭސިވިލާތާއި ބެލްޖިއަމްގެ ރަށްވެހިކަން އޮންނަ ޒާރާ ރަދަޕޯޑް މި ރިކޯޑް ހަދަން ނުކުތީ އޮގަސްޓް 18، 2021 ގަ އެވެ. އޭނާ އެ ރިކޯޑް ހެދީ 199 ދުވަހުގެ ތެރޭގައި ދުނިޔެ ވަށައި ބުރެއް ޖަހައިގެންނެވެ. އަދި އެކަން ކާމިޔާބުކުރެވުނީ ބުރާސްފަތި ދުވަހު އެވެ.

މި ރިކޯޑް ޒާރާ އަށް ލިބުނުކަން ގިނިސް ވޯލްޑް ރެކޯޑުން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އުމުރުން 14 އަހަރުން ފެށިގެން މަތިންދާބޯޓް ދުއްވަން ފެށި ޒާރާގެ މި ރިކޯޑާ އެކު އޭނާ ވެފައި ވަނީ ކުޑަ މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ސޯލޯ ބުރެއް ޖެހި އެންމެ ޒުވާން އަންހެނާ އަށެވެ. މިކަން އޭނާ ކާމިޔާބުކުރި އިރު، އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން ގްރޫޕުން އެ ދަތުރު ސްޕޮންސަ ވެސް ކުރި އެވެ.

ރިކޯޑް ހަދަން ކުރި 199 ދުވަހުގެ ދަތުރުގެ ތެރޭގައި ފަސް ބައްރެއްގެ 52 ގައުމެއް ޒާރާ ކަޑައްތުކުރި އެވެ. އޭނާ ބުނި ގޮތުގައި ރެކޯޑް ހަދަން ނުކުތް ދަތުރު ހުއްޓާލައި ކުރިއަށް ގެންގޮސް ނިންމާލައި ކާމިޔާބުވުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި މިކަމުން ދައްކުވައި ދޭން ބޭނުންވީ އަންހެނުންނަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމެވެ.

"ހާއްސަކޮށް އޭވިއޭޝަނާއި ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި ހިސާބުގެ ދާއިރާގައި ދެ ޖިންސްގެ މެދުގައި އޮތް ފަރަގު ނައްތާލުމާއި އަންހެނުންނަކީ އެ މީހުން ކުރަން ނުކުތް ކޮންމެ ކަމެއް ވެސް ކާމިޔާބުކުރާނެ ބައެއްކަން ސާބިތުކޮށް ދޭން އަހަރެން ބޭނުންވީ،" ޕައިލެޓް ދެމަފިރިއަކަށް ލިބުނު ޒާރާ ބުންޏެވެ.

އެކަނި މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރެއް ޖެހި އެންމެ ޒުވާން އަންހެނާގެ ރިކޯޑް ޒާރާ އަށް ލިބުނު އިރު، އެކަނި ދުނިޔެ ވަށައި ބުރެއް ޖެހި އެންމެ ޒުވާން ފިރިހެނަކީ މިދިޔަ އަހަރު އެ ރިކޯޑް ހެދި އިނގިރޭސިވިލާތުގެ ޓްރާވިސް ލުޑްލޯ އެވެ.