Roadha Mihaaru
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ

މާސްކް ނޭޅުމުން އެއާލައިނަކުން ދެ މީހަކު އުމުރަށް ސަސްޕެންޑްކޮށްފި

13 ސެޕްޓެމްބަރ 2021

އެމެރިކާގެ ޖެޓްބްލޫ އެއާލައިންގައި ދަތުރުމަތީގައި ފޭސް މާސްކް އަޅަން މަޖުބޫރުކޮށްފައި އޮއްވައި މާސްކް ނާޅައި އަދި އެކަން ކުރަން ދެކޮޅުހަދައި ކެބިން ކްރޫއަކާ ހުތުރު ބަހުން ޒުވާބުކުރި އެމެރިކާގެ ދެމަފިރިއަކު އެ އެއާލައިނުން ދަތުރުކުރުން އުމުރަށް މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޖެޓްބްލޫ އެއާލައިންގައި ދަތުރުމަތީގައި ފޭސް މާސްކް އަޅަން މަޖުބޫރުކޮށްފައި އޮއްވައި މާސްކް ނާޅައި އަދި އެކަން ކުރަން ދެކޮޅުހަދައި ކެބިން ކްރޫއަކާ ހުތުރު ބަހުން ޒުވާބުކުރި އެމެރިކާގެ ދެމަފިރިއަކު އެ އެއާލައިނުން ދަތުރުކުރުން އުމުރަށް މަނާކޮށްފި އެވެ.

ޒުވާބުކުރާ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވެ އެވެ. މާސްކް އަޅަން ތަކުރާރުކޮށް އެދުމުން ވެސް މާސްކް ނާޅައި، ފިރިހެން މީހާ ކްރޫއާ ޒުވާބުކޮށް، މޫނާ ދިމާއަށް އިނގިލި ދިއްލިކޮށް ގަޔަށް އަތްލަން އުޅޭ ތަން ވެސް ފެނެ އެވެ. އޭނާ ދުރުކުރަނީ ފްލައިޓްގެ އެހެން ކްރޫއެކެވެ. ތިމަންނަމެން ތިބީ ވެކްސިން ޖަހައިގެންނޭ އެހެންވެ މާސްކް އަޅަން އިންޒާރު ނުދެވޭނޭ ބުނާ އަޑު ވެސް އިވެ އެވެ.

ޖެޓްބްލޫން ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައިވާތީ އެ މީހުން ބޯޓުން ބޭލި ކަމަށެވެ. އަދި އުސޫލުތަކަށް ތަބާ ނުވެ، ކްރޫންނާ ޒުވާބުކޮށް މާރާރީ ހިންގަން މަސައްކަތްކޮށްފައިވާ އެ ދެމަރިންނަށް ދެން ދުވަހަކު ވެސް ޖެޓްބްލޫގެ އެއާލައިނުގައި ދަތުރުނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ބުންޏެވެ.

"މާސްކް އަޅަން އެތައް ފަހަރަކު އެދުމުން ވެސް ޒުވާބުކޮށް ކްރޫންނާ މާރާމާރީ ހިންގަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އެއާލައިނުން ބުންޏެވެ.

ވީޑިއޯ އިން ކެޕްޗަކޮށްފައިވާ މަންޒަރެއް.

ވީޑިއޯ އިން ކެޕްޗަކޮށްފައިވާ މަންޒަރެއް.

ކޮވިޑް-19 ފެތުރޭތީ މިހާރު މަތިންދާބޯޓް ދަތުރުމަތީގައި ފަސިންޖަރުން މާސްކް އަޅައިގެން ތިބުމަކީ އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީީޑީސީ) އިން މަޖުބޫކޮށްފައި އޮތް ކަމެކެވެ. އަދި އެގޮތަށް އަމަލުނުކުރާ މީހުން ބޮޑު އަދަދުތަކުން ޖޫރިމަނާ ވެސް ކުރާ ގޮތަށް އުސޫލުތައް ހަދާފައިވެ އެވެ.

ދަތުރުމަތީގައި މާސްކް މަޖުބޫރުކުރި ފަހުން އެމެރިކާގެ އެއާލައިންތަކުގައި މާސްކް ނޭޅުމުގެ ހާދިސާތައް އިތުރުވެ، އެކަމާ ގުޅިގެން ކްރޫންނާ ފަސިންޖަރުންނާ ދެމެދު މައްސަލަޖެހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މި އަހަރުގެ ފެބްރުއަރީގެ ފަހުން އެފަދަ 4،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) އިން ބުންޏެވެ.