Roadha Mihaaru
އެންޓަނާ އަށް އެރި ކުއްޖާ ދެ މީހަކު ވެގެން ބާލައިފި

އެންޓަނާ އަށް އެރި ކުއްޖާ ދެ މީހަކު ވެގެން ބާލައިފި

15 ޑިސެމްބަރ 2016

ށ. ފުނަދޫގައި ހުރި ދިރާގުގެ 280 ފޫޓުގެ ދިގު އެންޓަނާ އަށް އަރައި، ނުފައިބައި ހަތަރު ގަޑިއިރު ވަންދެން ހުރި 12 އަހަރުގެ ފިރިހެން ކުއްޖާ، ދެ މީހަކު ވެގެން ދާދި ދެންމެއަކު ބާލައިފި އެވެ.

ށ. ފުނަދޫގައި ހުރި ދިރާގުގެ 280 ފޫޓުގެ ދިގު އެންޓަނާ އަށް އަރައި، ނުފައިބައި ހަތަރު ގަޑިއިރު ވަންދެން ހުރި 12 އަހަރުގެ ފިރިހެން ކުއްޖާ، ދެ މީހަކު ވެގެން ދާދި ދެންމެއަކު ބާލައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ސިކުނޑީގެ އުނިކަމެއް ހުންނަ އެ ކުއްޖާ އެންޓަނާ އަށް އެރީ މިއަދު ހަވީރު ހައެއް ޖަހާކަން ހާއިރު ބަނދަރުމަތީގައި ހުރެ ޕެޓްރޯލް ފުޅިއަކުން ވަސް ބަލަން ފެށުމުން އެކަން ފުލުހުންނަށް އަންގާނެ ކަމަށް ބަޔަކު ބުނުމުން ކަމަށެވެ.

އޭގެ ފަހުން އޭނާ އެންޓަނާގެ އެންމެ ކޮޅަށް ވެސް އެރި އެވެ. އެކަމަކު ފަހުން ހުރީ އެންޓަނާގެ މެދަށް ފައިބައި، ހުރަސް ދަގަނޑުތައް މަތީގަ އެވެ. ބައެއް ފަހަރު އިށީދެގެން ވެސް އިނެވެ.

އޭނާ ބޭލީ މިރޭ 10:40 ހާ އިރު، އުރީދޫގެ ޓެކްނީޝަނަކާއި ފުލުހުންގެ މީހަކު އެންޓަނާ އަށް އަރަ އެވެ. އެތަނުން ނުފައިބަން އެ ކުއްޖާ ނޫޅޭ ކަމަށް، ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކުއްޖާ ބާލައިގެން ފުރަތަމަ ގެންދިޔައީ އެ ރަށު ޕޮލިސް ސްޓޭޝަނަށެވެ.

ކުއްޖާ އެންޓަނާ އަށް އެރުމާ އެކު ރަށުގެ ވަރަށް ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި އެވެ. ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ވަށައިގެން ފާރު ރާނާ، ދޮރެއް ހަރުކޮށްފައި ހުންނަ އެންޓަނާ އަށް އޭނާ އަށް އެރޭ ގޮތް ވީ އޭރު އެ ދޮރު ހުޅުވާފައި ހުރުމުންނެވެ.

ކުއްޖާ ބާލަންވެގެން އެންޓަނާ އަށް އަރަން ނުކެރިފައި ތިބީ، އޭނާ ހަދާނެ ގޮތާ މެދު އުފެދިފައި އޮތް ބިރުގެ ސަބަބުން ކަމަށް ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެކަމަކު އެންމެ ފަހުން ނިންމީ އެންޓަނާ އަށް އަރައިގެން ކުއްޖާ ސަލާމަތްކުރެވޭތޯ މަސައްކަތް ކުރާށެވެ.

ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓުގެ އެންޓަނާ: މި އެންޓަނާ އަށް އެރި ކުއްޖާ ހަތަރު ގަޑިއިރު ވަންދެން ނުފައިބައި މަޑުކުރި

ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓުގެ އެންޓަނާ: މި އެންޓަނާ އަށް އެރި ކުއްޖާ ހަތަރު ގަޑިއިރު ވަންދެން ނުފައިބައި މަޑުކުރި

ފުލުހުންނާ ހަވާލުކުރާނަމޭ ބުނުމުން ބިރުގަތީބާ؟

ކުއްޖާ އެންޓަނާ އަށް އެރީ ފުލުހުންނާ ހަވާލުކުރާނަމޭ ބުނުމުން ބިރުން ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ލަފާކުރެ އެވެ.

"ބަނދަރުމަތީގައި ތިބި ބަޔަކު ބުނީ އެކަން [ޕެޓްރޯލް ފުޅިން ވަސް ބަލާކަން] ޕޮލިހަށް އަންގާނެ ކަމަށް. އެހެން ބުނުމާ އެކު ދުވެފައި ގޮސް އެންޓަނާ އަށް އެރީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

އެންޓަނާގެ ކޮޅަށް އަރާފައި މެދާ ހަމައަށް ފޭބި ގޮތަށް އޭނާ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހުރީ އެތަނުގަ އެވެ.

"އެންޓަނާ ހުރި ސަރަހައްދު އަނދިރިވުމުން އެ ކުއްޖާ އެހާ ރަނގަޅަކަށް ނުފެނޭ. ދޭތެރެ ދޭތެރެއިން ތަންކޮޅެއް ތިރިއަށް ފޭބުމަށް ފަހު މައްޗަށް އަރާ ތަން ވެސް ފެނޭ،" ކުއްޖާ ބޭލުމުގެ ކުރިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.