Roadha Mihaaru
އޮމިކްރޯންގެ ސަބަބުން އިންޑިއާގެ ޖީޑީޕީ މިއަހަރު ދަށަށް

އޮމިކްރޯންގެ ސަބަބުން އިންޑިއާގެ ޖީޑީޕީ މިއަހަރު ދަށަށް

26 ޖެނުއަރީ 2022

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ހަލުވިކަމާއެކު އިންޑިއާގައި ފެތުރި ގިނަ ބަޔަކަށް ކޮވިޑް ޖެހެމުން ދާތީ، އެގައުމުގެ ޖީޑީޕީ ކުރިއަރާ ނިސްބަތް، މިއަހަރު ދަށަށް ދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފި އެވެ.

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ހަލުވިކަމާއެކު އިންޑިއާގައި ފެތުރި ގިނަ ބަޔަކަށް ކޮވިޑް ޖެހެމުން ދާތީ، އެގައުމުގެ ޖީޑީޕީ ކުރިއަރާ ނިސްބަތް، މިއަހަރު ދަށަށް ދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފި އެވެ.

އެ އިދާރާ އިން މިދިޔަ އޮކްޓޫބަރު ލަފާކުރި ގޮތުގައި، މިއަހަރުގެ ތެރޭގައި އިންޑިއާގެ ޖީޑީޕީ 9.5 ޕަސެންޓްގައި ކުރިއަރާނެ އެވެ. ނަމަވެސް، އޮމިކްރޯންގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް ބުރޫއަރާފައިވާތީ، މިހާރު އެ އިދާރާ އިން ލަފާކުރަނީ، އިންޑިއާގެ ޖީޑީޕީ ކުރިއަރާނީ 9 ޕަސެންޓްގައި ކަމަށެވެ.

ދުނިޔޭގެ މާލީ އެހެން ބައެއް އިދާރާތަކުން ލަފާކޮށްފައިވާ ގޮތުގައި އިންޑިއާގެ ޖީޑީޕީ 2023 ވަނަ އަހަރުގެ ތެރޭގައި 9 ޕަސެންޓަށް މައްޗަށް ދާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ތެރޭގައި 7.1 ޕަސެންޓަށް މައްޗަށް ދާނެ އެވެ.

އައިއެމްއެފުން ނެރުނު ވޯލްޑް އިކޮނޮމިކް އައުޓްލުކްގެ އެންމެ ފަހުގެ ރިޕޯޓްގައި އަންދާޒާކޮށްފައިވާ ގޮތުގައި، މިއަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ ޖީޑީޕީ ކުރިއަރާނީ 4.4 ޕަސެންޓްގަ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު އެ އިދާރާ އިން ނެރުނު ރިޕޯޓްގައި އަންދާޒާކޮށްފައިވަނީ މިއަހަރުގެ ތެރޭގައި 4.9 ޕަސެންޓްގައި ދުނިޔޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށެވެ.

ކުރީގެ އަންދާޒާ ފަހުގެ ރިޕޯޓްގައި ބަދަލުވެގެން ދިޔައީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް މުޅި ދުނިޔެއަށް ފެތުރި، ބައެއް ގައުމުތަކުގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށް އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައުމުންނެވެ.

އައިއެމްއެފުން ބުނި ގޮތުގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެން ފެށުމާއެކު، ދުނިޔޭގެ އިގްތިސާދު މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރި އާއި އިގްތިސާދަށް ބުރޫ އަރާފައިވާއިރު، ގިނަ ގައުމުތަކުގައި އަސާސީ ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.

ބްރެޓަން ވުޑްސް އިންސްޓިޓިއުޓުން ބުނި ގޮތުގައި 2021 ގައި ދުނިޔޭގެ އިގްތިސާދު ކުރިއެރި ނިސްބަތް 5.9 ގައި ހުރުމަށް ފަހު، މިހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި އެ ނިސްބަތް 4.4 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އޭގެ ސަބަބެއް ކަމަށް އެ އިދާރާ އިން ބުނަނީ، އެމެރިކާ އާއި ޗައިނާގެ އިގްތިސާދު އެކަށީގެންވާ ގޮތެއްގައި މިއަހަރުގެ ތެރޭގައި ކުރިއަރާނެ ކަމަށް ނުބެލެވުމެވެ.