Roadha Mihaaru
އުތުރު ކޮރެއާ އިން ދެ މިސައިލެއް އަޖުމަބަލައިފި

އުތުރު ކޮރެއާ އިން އަނެއްކާވެސް ދެ މިސައިލެއް އަޖުމަބަލައިފި

27 ޖެނުއަރީ 2022

އުތުރު ކޮރެއާ އިން އަނެއްކާވެސް ކުރު ރާސްތާގެ ބެލެސްޓިކް ދެ މިސައިލެއް މިއަދު އަޖުމަބަލައިފި ކަމަށް ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެފި އެވެ.

އުތުރު ކޮރެއާ އިން އަނެއްކާވެސް ކުރު ރާސްތާގެ ބެލެސްޓިކް ދެ މިސައިލެއް މިއަދު އަޖުމަބަލައިފި ކަމަށް ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެފި އެވެ.

އެ ދެ ގައުމުން ބުނި ގޮތުގައި އުތުރުކޮރެއާ އިން ދެ މިސައިލެއް އަޖުމަބެލީ މިއަދު ހެނދުނު އެވެ. އެ ދެ މިސައިލް ވެސް ފޮނުވައިލީ ކަނޑުގެ ސަރަހައްދަށް ކަމަށާއި، އެ ދެ މިސައިލް ފޮނުވައިލީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރި ރަށެއް ކަމަށްވާ ހަމްހުންގުން ކަމަށް ވެސް އެ ދެ ގައުމުން ބުންޏެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ވިދާޅުވި ގޮތުގައި މިއީ އުތުރު ކޮރެއާ އިން މި މަހުގެ ތެރޭގައި މިސައިލް އަޖުމަބެލި ހަ ވަނަ ފަހަރެވެ. މިއަދު ހެނދުނު ފޮނުވައިލި ދެ މިސައިލް ވެސް 20 ކިލޯމީޓަރު މަތިން 190 ކިލޯމީޓަރަށް ދަތުރުކުރި ކަމަށް ވެސް ޖަޕާނާއި ދެކުނު ކޮރެއާ އިން ބުންޏެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވީ އުތުރު ކޮރެއާ އިން އަޖުމަބެލި ދެ މިސައިލާ ބެހޭ އިތުރު މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި، އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް އަޖުމަބެލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އުތުރު ކޮރެއާގެ މި އަމަލަކީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ދެކޮޅު އަމަލެއް ކަމަށް ވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން މި މަހުގެ ތެރޭގައި އަޖުމަބެލި މިސައިލްތަކުގެ ތެރޭގައި ކްރޫޒް މިސައިލާއި ބެލެސްޓިކް މިސައިލާއި އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްތައް ހިމެނެ އެވެ. މީގެ ކުރިން އުތުރު ކޮރެއާ އިން އަޖުމަބެލި ހަތިޔާރުގެ ތެރޭގައި ނިއުކްލިއާ ހަތިޔާރާއި ދުރު ރާސްތާގެ މިސައިލް ހިމެނެ އެވެ.

ނިއުކްލިއާ އަދި ފަނާކުރަނިވި ހަތިޔާރު އުފެއްދުމާއި އަޖުމަބެލުން ހުއްޓައިލުމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަދި އެމެރިކާ އިން މީގެ ކުރިން ފެށި މަޝްވަރާތައް މެދުކެނޑިފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖިންގް އުންއާ ދެމެދު ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމުންނެވެ. އެ މަޝްވަރާތައް ނާކާމިޔާބުވީ، ހަތިޔާރު އުފެއްދުން ހުއްޓައިލުމުގެ ބަދަލުގައި، އެމެރިކާ އިން އުތުރު ކޮރެއާ އަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް އުތުރު ކޮރެއާ އިން ހުށަހެޅި ހުށަހެޅުމަށް ޓްރަމްޕު ދެކޮޅު ހެއްދެވުމުންނެވެ.

އެ ވާހަކަތައް ނާކާމިޔާބު ވިޔަސް، އެމެރިކާ އާއި ދެކުނު ކޮރެއާ އިން އުތުރު ކޮރެއާ އަށް ބާރުއަޅަމުން ދަނީ ނުރައްކާތެރި ހަތިޔާރުގެ ބާވަތްތައް އުފެއްދުން ހުއްޓައިލުމަށެވެ. ނަމަވެސް އުތުރު ކޮރެއާ އިން އެކަމަށް ފަރުވާލެއް ނުބަހައްޓަ އެވެ.