Roadha Mihaaru
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި

އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަ ބަލައިފި

12 ޖުލައި 2023

އެމެރިކާ އިން ކޮރެއާ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން، އުތުރު ކޮރެއާ އިން މިއަދު ބެލެސްޓިކް މިސައިލެއް އަޖުމަ ބަލައިފި ކަމަށް، ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެފި އެވެ.

އެމެރިކާ އިން ކޮރެއާ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން، އުތުރު ކޮރެއާ އިން މިއަދު ބެލެސްޓިކް މިސައިލެއް އަޖުމަ ބަލައިފި ކަމަށް، ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނެފި އެވެ.

ޖަޕާނުން ބުނި ގޮތުގައި މިއަދު ހެނދުނު އުތުރު ކޮރެއާ އިން ފޮނުވައިލި ބެލިސްޓިކް މިސައިލް ޖަޕާނުގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް ވެއްޓުމުގެ ކުރިން، އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ވައިގެ ތެރޭގައި ދަތުރުކުރި އެވެ. ނަމަވެސް މި މިސައިލްގެ ސަބަބުން ޖަޕާނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި، މިސައިލްގެ އެއްވެސް ބައެއް ޖަޕާނުގެ ސަރަހައްދު ތެރެއަށް ނުވެއްޓޭ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް މި އަޖުމަ ބެލީ، އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް އުތުރު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތުކޮށް، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް އުތުރު ކޮރެއާގެ ސަރަހައްދަށް ވަނީ ކޮން އިރަކު ކަމެއް ނުބުނެ، އުތުރު ކޮރެއާ އިން ބުނީ އެފަދަ ކަމެއް ދެން ތަކުރާރުވެއްޖެ ނަމަ، އެފަދަ ކޮންމެ އުޅަނދެއް ވައްޓައިލާނެ ކަމަށެވެ.

ނަމަވެސް އެމެރިކާ އިން ބުނީ އުތުރު ކޮރެއާ އިން ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި، އެމެރިކާގެ މަތިންދާބޯޓުތައް ދަތުރުކުރީ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އުތުރު ކޮރެއާ އިން އަލަށް އުފެއްދި މިސައިލްތަކެއް މިއަހަރުގެ ތެރޭގައި އަޖުމަބެލުމާ ގުޅިގެން، އެމެރިކާ އާއި އުތުރު ކޮރެއާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ވެސް އުތުރު ކޮރެއާ އިން ރެކޯޑް އަދަދަކަށް މިސައިލް އަޖުމަ ބެލި އެވެ. އޭގެ ތެރެއިން ބައެއް މިސައިލަކީ އެމެރިކާއާ ހަމައަށް ފޯރާ ވަރުގެ ދުރު ރާސްތާ މިސައިލެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެއާ އާއި އެމެރިކާ އިން ވަނީ، ކޮރެއާ ސަރަހައްދުގައި ބާއްވާ އަސްކަރީ ތަމްރީންތައް އިތުރުކޮށްފަ އެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން ބުނި ގޮތުގައި މިއަދު ހެނދުނު 10:00 ހާއިރު އުތުރު ކޮރެއާ އިން ފޮނުވައިލި މިސައިލް އިރުމަތީ ފަރާތަށް ދަތުރުކޮށް، ޖަޕާންގެ ހުޅަނގު ފަރާތު ކަނޑު ތެރެއަށް ވެއްޓުނީ މިއަދު ހެނދުނު 11:15 ހާއިރެވެ. ވަރަށް އުހުން ދަތުރުކުރި އެ މިސައިލް 1000 ކިލޯމީޓަރު ކަޑައްތުކުރި ކަމަށް ވެސް ޖަޕާނުން ބުނެ އެވެ.