Roadha Mihaaru
ދެ ކޮމަންޑޫ ގުޅާލަން ބިން ހިއްކަން ފަށައިފި

ދެ ކޮމަންޑޫ ގުޅާލަން ބިން ހިއްކަން ފަށައިފި

31 ޖެނުއަރީ 2022

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތް ރޭ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތް ރޭ ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ދިނުމާ ގުޅިގެން، މަހާ ޖައްރާފަށް ވެލި ބަރުކޮށްގެން އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ނެތީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަޝްރޫއު އިއުލާން ކުރެއްވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާއެއްގައި އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މި މަހުގެ 12 ވަނަ ދުވަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއު އަށް 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދު ކުރެ އެވެ. މި މަސައްކަތް ހަވާލުކުރިތާ ދެ ދުވަސް ތެރޭގައި އަމަލީ މަސައްކަތް ވެސް ފެއްޓި އެވެ.

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރަން ރޭވިފައިވާ ގޮތް.

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރަން ރޭވިފައިވާ ގޮތް.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫން ބިން ހިއްކުމާ އެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެ އެވެ. އަދި ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ގުޅާލަން ޕްލޭންކޮށްފައި ވަނީ ކޮންކްރީޓް ފާލަމަކުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރުން އެ ދާއިރާގެ ރަށްތަކުގައި ވަރަށް ގިނަ މަޝްރުއޫތައް އިއުލާންކޮށް އަދި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވެ އެވެ.

ދެ ކޮމަންޑޫ ގުޅާލުމަކީ އޭގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި މަޝްރޫއެވެ. މި މަޝްރޫއު އަކީ ސީދާ ކެމްޕެއިނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އޭސީސީ އަށް ވެސް ހުށަހެޅި އެވެ.

އެމްޑީޕީގެ ފަރާތުން މި ގޮނޑި އަށް ރާޝިދު ވާދަކުރާއިރު، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އަދި މީގެ ހަތަރު މަސް ކުރިން އުފެއްދި، އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ވާދަކުރެ އެވެ.