Roadha Mihaaru

ކިނބިދޫން 25 ހެކްޓަރު 17 މަސް ތެރޭ ހިއްކައިފި

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭން ތ. ކިނބިދޫން 25 ހެކްޓަރުގެ ބިން މި ސަރުކާރުން 17 މަސް ތެރޭގައި ނިންމައި، ރަށަށް އިތުރުވި ސަރަހައްދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ކިނބިދޫން 25 ހެކްޓަރު 17 މަސް ތެރޭ ހިއްކައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 ސެޕްޓެމްބަރ 2025

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭން ތ. ކިނބިދޫން 25 ހެކްޓަރުގެ ބިން މި ސަރުކާރުން 17 މަސް ތެރޭގައި ނިންމައި، ރަށަށް އިތުރުވި ސަރަހައްދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

ކިނބިދޫގެ ބިން ހިއްކުން ބަޖެޓްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރެވެ. އެކަމަކު އެ ވެރިކަން ނިމި، މި ސަރުކާރު ހަވާލުވުމާ ހަމައަށް ވެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތެއް ނުކުރެ އެވެ.

ކިނބިދޫގެ ރައްޔިތުން އެދުނު ގޮތަށް އެ މަސައްކަތް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފެއްޓެވީ އޭޕްރީލް 15، 2024 ގަ އެވެ.

އެމްޓީސީސީއާ ހަވާލުކުރި 25 ހެކްޓަރުގެ ހިއްކުމުގެ މަސައްކަތް އެ ކުންފުނިން މާޗް 24، 2025 ގައި ވަނީ ނިންމައިފަ އެވެ.

ކިނބިދު އާއި ވޭމަންޑޫ ގުޅާލުމުގެ ކޯޒްވޭ ވެސް އަޅަން ނިންމާފައި ވަނީ ހިއްކި ސަރަހައްދުގަ އެވެ. ކިނބުދޫ-ވޭމަންޑޫ ކޯޒްވޭގެ މަޝްރޫއުއަކީ ވެސް ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ރަަށަށް އިތުރުވި ބިމަކީ، އެހެން ރަށްރަށުގެ މީހުން ކިނބިދުއަށް ބަދަލުވާން އޮތް ފުރުސަތެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޯޒްވޭއާ އެކު ކިނބިދު އާއި ވޭމަންޑޫގެ އިގްތިސާދީ ކުރިއެރުމުގެ ފުރުސަތުތައް ފަހިވެ، ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ރައީސް މުއިއްޒު ކިނބިދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ކިނބިދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރޭ ވިދާޅުވީ ކިނބިދު އާއި ވޭމަންޑޫގެ ދެމެދުގައި ހުރި ދުރުމިނަށް ބަލާއިރު ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ސީދާ ޕީއެސްއައި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވުރެ، ފައިދާ ބޮޑުވާނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލު ފަދަ ގޮތަކަށް އެކަން ހިންގުމުން ކަމަށެވެ.

އެހެންވެ، މި މަހުގެ 22 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަމަށް އިއުލާންކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި ދޭތެރޭގައި ދުރުމިން ހުރި ގޮތާއި މި ދެތެރޭގައި ކޯޒްވޭ އެޅުމަށް އެންމެ ފީޒިބަލްވާނެ ގޮތަކީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ސަރުކާރުގެ ބަޖެޓުން ސީދާ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ގެންދިއުމުގެ ބަދަލުގައި މިގޮތަށް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ކިނބިދޫން ހިއްކި ސަރަހައްދު ރައީސް މުއިއްޒު މިއަދު ބައްލަވާލައްވަނީ: ރައްޔިތުން އެދުނު ގޮތަށް އެ ރަށަށް 25 ހެކްޓަރު މިހާރު ވަނީ އިތުރުވެފައި.---ފޮޓޯ: ރައީސް އޮފީސް

ކިނބިދޫން ހިއްކި ސަރަހައްދު ރައީސް މުއިއްޒު މިއަދު ބައްލަވާލައްވަނީ: ރައްޔިތުން އެދުނު ގޮތަށް އެ ރަށަށް 25 ހެކްޓަރު މިހާރު ވަނީ އިތުރުވެފައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި، އެ ދެ ރަށް ދޭތެރޭގައި އޮންނަ އެލާގައި އިންވެސްޓްކުރަން ފުރުސަތު ލިބޭ ގޮތަށެވެ.

އޭރުން އެ މަޝްރޫއު ނަގާ ފަރާތަކަށް ކޮރޮސް ސަބްސިޑީ މޮޑެލަކަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށާއި އެ ކުރާ އިންވެސްޓްމަންޓް ރިިކަވާ ކުރުމަށް އެހެން މޮޑެލްސްތައް ޕްރޮޕޯސްކުރެވޭ ގޮތަށް އިންވެސްޓާ ލޯން ފައިނޭންސް އާއި ކޮންޓްރެކްޓާ ފައިނޭންސް ފަދަ ކަންކަމަށް ވެސް ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.