Roadha Mihaaru
އުމުރަކީ ނުވަ އަހަރު، އެކަމަކު އާއިލާގެ އިސް ތަނބު!

އުމުރަކީ ނުވަ އަހަރު، އެކަމަކު އާއިލާގެ އިސް ތަނބު!

19 ޑިސެމްބަރ 2016

ނުވަ އަހަރުގެ ކުއްޖަކު އާއިލާގެ ބޮޑެތި ޒިންމާތަކާ ހަވާލުވެގެންނެއް ނޫޅޭނެ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ވިސްނޭ އުމުރެއް ވެސް ނޫނެވެ. ނަމަވެސް ޗައިނާގެ ނުވަ އަހަރުގެ ލީ ޗުންޔަން ގެންދަނީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަމުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ނުވަ އަހަރުގެ ކުއްޖަކު އާއިލާގެ ބޮޑެތި ޒިންމާތަކާ ހަވާލުވެގެންނެއް ނޫޅޭނެ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ވިސްނޭ އުމުރެއް ވެސް ނޫނެވެ. ނަމަވެސް ޗައިނާގެ ނުވަ އަހަރުގެ ލީ ޗުންޔަން ގެންދަނީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަމުންނެވެ.

ޕްރައިމަރީ ސްކޫލްގައި ކިޔަވާ ޗުންޔަންގެ މަންމަ ވަނީ މީގެ ހަ އަހަރު ކުރިން ކެންސަރު ބަލީގައި މަރުވެފަ އެވެ. އަދި އެކްސިޑެންޓެއްގައި 2012 ގައި ބައްޕަ ވަނީ ވާގިނެތިފަ އެވެ. އޭރުއްސުރެ ބައްޕަ ބެލެހެއްޓުމުގެ ޒިންމާ ނަގަނީ ކުޑަކުޑަ ޗުންޔަން އެވެ.

ޗައިނާގެ ޕީޕަލްސް ޑެއިލީ އޮންލައިންގައިވާ މި ކުއްޖާގެ ރިޕޯޓު ބުނާ ގޮތުން ޗުންޔަން އަކީ ހިތްވަރުގަދަކަމާއި ނުގުޑާ އަޒުމުގެ ނަމޫނާއެކެވެ. އޭނާގެ ބަލި ބައްޕައަށް އަތުން ކާން ދިނުމާއި ބައްޕަ ގޮވައިގެން ހިނގާލަން ދިއުން އަދި ބައްޕަ ފެންވެރުވުމާއި ބައްޕައާ އެކު ވަގުތު ހޭދަކުރުމަކީ އެ ކުއްޖާ އުފަލުން ކޮށްދޭ ކަންތައްތަކެވެ. އަދި އޭނާ ކޮންމެ ފަހަރަކު ވެސް ސްކޫލުން އެންމެ މަތީ ވަނަ ހޯދަ އެވެ.

ޗުންޔަންގެ މަންމަ މަރުވިއިރު އޭނާއަށް އެންމެ ހަތަރު އަހަރެވެ. އޭނާގެ ބައްޕަ ލީ ލޫ އަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެކެވެ. އޭނާ މަސައްކަތު ދަނީ ޗުންޔަން އޭނާގެ މާމަ ކައިރީގައި ބަހައްޓާފަ އެވެ. ޗުންޔަންގެ މަންމަ މަރުވިތާ ދެ އަހަރު ފަހުން 2012 ގައި އޭނާގެ ބައްޕަ ލީ މަސައްކަތުގައި އުޅެނިކޮށް އިމާރާތެއްގެ މަތިން ވެއްޓި މުޅި ހަށިގަނޑުން ވާގި ނެތުނީ އެވެ. ގޭތެރޭގައި ވެސް އޭނާ މިހާރު ގެންގުޅެން ޖެހިފައިވަނީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

ޗުންޔަން ބައްޕައަށް ކާންދެނީ

ޗުންޔަން ބައްޕައަށް ކާންދެނީ

ޗުންޔަން މިހާރު ދިރިއުޅެނީ ބަލި ބައްޕަ އާއި 70 އަހަރު ވެފައިވާ މުސްކުޅި މާމައާ އެކުގަ އެވެ. އެކަމަކު އާއިލާގެ ހަރު މީހަކީ އަދި މުހިއްމު ތަނބަކީ ވެސް މިހާރު ކުޑަކުޑަ ޗުންޔަން އެވެ. ގޭގެ މަސައްކަތްތަކުގައި ޗުންޔަން އޭނާގެ މާމަ އެހީތެރިވެ އެވެ. އަދި ބައްޕަ ބެލުމުގައި ވެސް މާމަ އުޅެ އެވެ.

އެހާ ކުޑައިރު ދިމާވި ބޮޑެތި ހިތާމަތަކާ އެކު ވެސް ޗުންޔަން ރޮއި ނުހަދަ އެވެ. ކިތަންމެ ބަދުނަސީބު ކަންތައްތަކެއް ދިމާވަމުން ދިޔަ ނަމަވެސް މުސްތަގްބަލާ ދޭތެރޭ އޭނާ ދެކެނީ ވަރަށް އުންމީދީ ގޮތަކަށެވެ.

ޗުންޔަންގެ ބައްޕަ އެކްސިޑެންޓް ވުމާ އެކު އޭނާ މަސައްކަތްކުރި ކޮންސްޓްރަކްޝަން ކުންފުނީގެ ބޮޑުމީހާ ވަނީ ފިލާފަ އެވެ. އެހެންވެ ލީގެ ފަރުވާއަށް ކުރަން ޖެހޭ ޚަރަދުތަކުގެ ސަބަބުން ފައިސާގެ ގޮތުން އާއިލާއަށް ވަނީ ދަތިވެފަ އެވެ. އެ އާއިލާއަށް ޗައިނާ ސަރުކާރުން އެހީތެރިވެ އެވެ. އެގޮތުން ލީ އާއި އޭނާގެ މަންމައަށް މަހަކު 400 ޔުއާން (71 ޑޮލަރު) ލިބެ އެވެ. އަދި ޗުންޔަން އަށް ސަބްސިޑީގެ ގޮތުގައި 600 ޔެން (107 ޑޮލަރު) ލިބެ އެވެ.

ނަމަވެސް ޗުންޔަންގެ ހިތާމައަކީ އެކްސިޑެންޓަށް ހަތަރު އަހަރު ވީއިރު ވެސް އޭނާގެ ބައްޕަގެ ގައިގައި އަޅާ ވޭނަށް ލުޔެއް ނުލިބޭތީ އެވެ. ޗުންޔަންގެ ބައްޕަ ބައެއް ފަހަރަށް ތަދުވާތީ ކެތްނުކުރެވިގެން ރޯ ހަޅޭއްލަވަ އެވެ. އެކަހަލަ ވަގުތުތަކުގައި ބައްޕަގެ ގައިގައި ފިރުމަމުން ހިތްވަރުކުރަން ނަސޭހަތްދެީ ޗުންޔަން އެވެ.

ޗުންޔަން މާމައަށް ބަދިގޭގައި އެހީތެރިވަނީ

ޗުންޔަން މާމައަށް ބަދިގޭގައި އެހީތެރިވަނީ

އޭނާ ކިތަންމެ ކުޑަޔަސް އޭނާގެ ހިތްވަރަށް އާއިލާގެ މީހުންނާއި އަވަށްޓެރިން ވެސް ތައުރީފުކުރެ އެވެ. ޗުންޔަން ދެރަވިޔަސް އޭނާ ކަރުނަތައް އޮއްބާލައިގެން ހުންނަނީ އޭނާ ރޯތަން ފެނިއްޖިއްޔާ ބައްޕަ އާއި މާމަ ދެރަވާނެވަރު ވިސްނޭތީ އެވެ. އަދި އޭނާއަށް އެހީތެރިވާ އެންމެންނަށް ޗުންޔަން ޝުކުރު އަދާކުރެ އެވެ. ބޮޑުވެގެން އެ ހުރިހާ އެންމެންނަށް އޭގެ ބަދަލުދޭނެ ކަމަށް ވެސް ޗުންޔަން ބުންޏެވެ.