Roadha Mihaaru
ނައިފަރުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ނައިފަރުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

03 ފެބުރުއަރީ 2022

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއްޔެ އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއްޔެ އާންމުކޮށްފި އެވެ.

ނައިފަރު ކައުންސިލުން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން މި ފްލެޓްތަކަށް 700 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ދާއިމީ ލިސްޓާ އެކު އޭގެ ތެރެއިން އެންމެ މަތިން ޕޮއިޓް ލިބުނު 100 މީހުންނަށް މިހާރު ވަނީ ފްލެޓް ކަށަވަރުވެފަ އެވެ.

ތޮއްޖެހުން ބޮޑު ނައިފަރަށް ވެސް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެ ރަށުން، ދިރިއުޅެން ގޯތި ދޫނުކުރާތާ 10 އަހަރުވީ ފަހުން، މި މައްސަލަ ހައްލުކުރަން ސަރުކާރުން އެ ރަށުގައި އިމާރާތްކޮށްފައިވާ މި ފްލެޓުތަކަށް، މި މަހު މީހުން ބަދަލުވާން ފަށާނެ އެވެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ނައިފަރު ކައުންސިލުން ލަފާކުރާ ގޮތުގައި، މި ފްލެޓުތަކަށް އެ ރަށުގެ 600 އަށް ވުރެ ގިނަ މީހުން ބަދަލުވާނެ އެވެ.

ސަރުކާރުން އެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތުކޮށް އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ނައިފަރުގައި ހިންގި ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރީ އާރުސީސީންނެވެ. ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރުސީސީއާ ހަވާލުކުރީ ޖެނުއަރީ 2020 ގައި، 72.2 މިލިޔަން ރުފިޔާ އަށެވެ.

މި ފްލެޓުތައް ހަދާފައި ވަނީ ހަތަރު އިމާރާތެއްގަ އެވެ. އޭގެ ތެރެއިން ތިން އިމާރާތެއް ތިން ފުލޯ އަށް ނެގިއިރު، އަނެއް އިމާރާތް ނެގީ ހަތަރު ފުލޯ އަށެވެ.

ކޮންމެ ފްލެޓެއްގައި 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހަދާފައިވެ އެވެ. އޭގެ އިތުރުން ސިޓީން ރޫމަކާއި ބަދިގެއެއް ހުންނާނެ އެވެ. އަދި އިމާރާތްތަކުގެ ގޯތިތެރޭގައި ޕާކިން ޒޯނަކާއި ކުޑަކުދިންގެ ޕާކަކާއި ކޮންމެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ބަޔަކަށް ގަސް އިންދާނެ ބެލްކަނީ ޖާގައެއް ވެސް އޮވެ އެވެ.

މި ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާ އެވެ.