Roadha Mihaaru
މުސާރައިގެ މައްސަލާގައި ދާލު އެއާޕޯޓްގައި އިހުތިޖާޖު!

މުސާރައިގެ މައްސަލާގައި ދާލު އެއާޕޯޓްގައި އިހުތިޖާޖު ކުރަނީ

05 ފެބުރުއަރީ 2022

މުސާރަ ބޮޑު ނުކުރާ ކަމަށް ބުނެ، ދާލު އެއާޕޯޓުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަަށް ފަހު އިހުތިޖާޖްކުރަން ފަށައިފި އެވެ. އެކަމަކު، މުސާރަ ބޮޑު ނުކުރާ ކަމަށް މުވައްޒަފުން ބުނާ ވާހަކަ، އެ އެއާޕޯޓް ހިންގާ ކުންފުނިން ދޮގު ކުރެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މުސާރަ ބޮޑު ނުކުރާ ކަމަށް ބުނެ، ދާލު އެއާޕޯޓުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަަށް ފަހު އިހުތިޖާޖްކުރަން ފަށައިފި އެވެ. އެކަމަކު، މުސާރަ ބޮޑު ނުކުރާ ކަމަށް މުވައްޒަފުން ބުނާ ވާހަކަ، އެ އެއާޕޯޓް ހިންގާ ކުންފުނިން ދޮގު ކުރެ އެވެ.

ދާލު އެއާޕޯޓްގެ މުވައްޒަފަކު "މިހާރު" އަށް ބުނީ މުސާރަ ބޮޑުކޮށްދޭން އެދޭތާ ވަރަަށް ގިނަ ދުވަސްވެއްޖެ ކަމަށާއި ނަމަވެސް މެނޭޖްމަންޓުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. ފަސް އަހަރުވި އިރު ވެސް މުސާރަ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެއާޕޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި އޮޕަރޭޝަން އޮފިސަރުންނަށް ވެސް ލިބެނީ 7،500ރ. އެވެ. ބެގެޖް މުވައްޒަފުންގެ މުސާރައަކީ 5،500ރ. އެވެ.

މިދިޔަ މަހުން ފެށިގެން މިނިމަމް ވޭޖް ދޭން ޖެހޭއިރު އެ ބަދަލު ވެސް ގެނެސްފައި ނުވާ ކަމަށް މުވައްޒަފަކު ބުންޏެވެ. އޭނާ ބުނިގޮތުގައި މިނިމަމް ވޭޖާ އެކު ވެސް މުސާރައިގެ ކުރިއެރުން ލިބެން ޖެހެ އެވެ.

"މިނިމަމް ވޭޖު ނުދޭތީއެއް ނޫން އަޅުގަނޑުމެން މިއުޅެނީ. މިތާ އެބަތިބި އެއްގޮތަކަށް ވެސް މުސާރަ ބޮޑު ނުވާ މީހުން. މިހާރު މިނިމަމް ވޭޖް ލިބޭ މީހުންނަކީ އަސްލު އެއަށްވުރެ ބޮޑު މުސާރައެއް ލިބެން ޖެހޭ މީހުން. އެކަމަކު ފަސް އަހަރު މިވީ އެއްގޮތަކަށް ވެސް މުސާރަ ބޮޑު ނުކުރާތާ. އިތުރަށް މަސައްކަތް ކުރިއަސް އެލަވެންސެއް ވެސް ނޯވޭ. އޯޓީއެއް ނޯވޭ،" ނަން ހާމަ ނުކުރުމަށް އެދޭ މުވައްޒަފު ބުންޏެވެ.

"މި މަހު ވެސް މުސާރަ އަށް ބަދަލު ނާންނަތީ އެޗްއާރަށް އެންގީމަ ޖަވާބުގައި ބުނީ ކުޑަ ބަދަލެއް ގެނެސްފައޭ ހުންނާނީ. މިނިމަމް ވޭޖް ކަންތައް ކުރަމުންނޭ މިދަނީ."

މުސާރައިގެ އިތުރުން އެއާޕޯޓުގައި މުވައްޒަފުން މަދުވުމަކީ ވެސް އެތަނުގައި މަސައްކަތް ކުރަން ދަތިވާ ސަބަބެއް ކަމަަށް އެއާޕޯޓް މުވައްޒަފު ބުންޏެވެ. އަދި އެއާޕޯޓުގައި ބޭނުންވާ އިކުއިޕްމަންޓް ވެސް ނެތް ކަމަށާއި އެކަން ހައްލު ކޮށްދޭން ކިޔާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ އަސްލު ވަރަށް ބިޒީ އެއާޕޯޓެއް. އަބަދު ޓޫރިސްޓުން އެ ތިބެނީ އައިސް. އެކަމަކު ޝިޕްޓެއްގައި ބެގެޖްގައި ވެސް މި ތިބެނީ ދެ ތިން މީހުން" -- މުވައްޒަފެއް

"މިއީ އަސްލު ވަރަށް ބިޒީ އެއާޕޯޓެއް. އަބަދު ޓޫރިސްޓުން އެ ތިބެނީ އައިސް. އެކަމަކު ޝިޕްޓެއްގައި ބެގެޖްގައި ވެސް މި ތިބެނީ ދެ ތިން މީހުން،" ދާލު އެއާޕޯޓުގެ މުވައްޒަފު ބުންޏެވެ.

ދާލު އެއާޕޯޓުގައި ހުރި މައްސަލަތައް ހައްލު ކޮށްދޭން އެދި އެތަނުގެ މުވައްޒަފުން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއި ކުރަމުންނެވެ. މިހާތަނަށް 24 މުވައްޒަފުން މި ޕެޓިޝަނުގައި ސޮއި ކޮށްފައިވާއިރު މަސައްކަތް ފަށާނީ ޕެޓިޝަނުގައިވާ ކަންކަން ހައްލު ކުރުމުން ކަމަށް އޭނާ ބުންޏެވެ.

"މަސައްކަތެއް ނުކުރާނަން މިކަންކަން ހައްލު ނުކުރަނީސް،" އޭނާ ބުންޏެވެ.

ދާލު އެއާޕޯޓަކީ ދާލު އެއާޕޯޓް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުން ހިންގާ ތަނެކެވެ. މުވައްޒަފުންގެ ވާހަަކަތައްް އެ ކުންފުނިން ވަނީ ދޮގުކޮށްފަ އެވެ.

އެ ކުންފުނީގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޚަލީލް ވިދާޅުވީ ކުންފުނީގައި ގިނަ ދުވަސްވީ މުވައްޒަފުންގެ މުސާރަ މިދިޔަ ޖެނުއަރީ މަހު ބޮޑު ކޮށްފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަނަށް ބަލާއިރު މުވައްޒަފުން ވެސް މަދު ނުވާނެ ކަމަށާއި ބޭނުންވާ އިކުއިޕްމަންޓުތައް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީން ފެށިގެން ސެލެރީގެ އިންކްރިމަންޓެއް ގެނެސްފައި ވާނީ. ދެން މިތަނުގައި ސްޓާފުން މަދެކޭ ނުބުނެވޭނެ. އެއާޕޯޓަށް އަންނަ ފްލައިޓުތަކަަށް ބަލާފައި މުވައްޒަފުންގެ އަދަދު ބަލާނީ. އެކަމަކު ސަރުކާރު އެއާޕޯޓުތަކުގައި ތިބޭ ވަރަށް ނުތިބެދާނެ،"

"ޖެނުއަރީން ފެށިގެން ސެލެރީގެ އިންކްރިމަންޓެއް ގެނެސްފައި ވާނީ. ދެން މިތަނުގައި ސްޓާފުން މަދެކޭ ނުބުނެވޭނެ. އެއާޕޯޓަށް އަންނަ ފްލައިޓުތަކަަށް ބަލާފައި މުވައްޒަފުންގެ އަދަދު ބަލާނީ. އެކަމަކު ސަރުކާރު އެއާޕޯޓުތަކުގައި ތިބޭ ވަރަށް ނުތިބެދާނެ،" ޚަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮވިޑް ތެރޭގައި ވެސް މީހުން ނުކަނޑާ ބަރާބަރަށް މުސާރަ ދެމުން އައީ. މިހާރު ވެސް މުސާރަ ދުވަހުން ދުވަހަށް ދެމުން އަންނަ ތަނެއް މިއީ."

ދާލު އެއާޕޯޓް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.