Roadha Mihaaru
ކޮފީއަކަށް ފޯކައިދުއަށް ދިޔަ ޒުވާނަކު ސީރިއަސްހާލަތުގައި

ކޮފީއަކަށް ފޯކައިދު އަށް ދިޔަ ޑިންގީގެ އިންޖީނު ހަލާކުވެ ޒުވާނަކު ސީރިއަސް ހާލަތުގައި

17 ޑިސެމްބަރ 2016

ށ. ފީވަކުން ފުރައިގެން ކޮފީއެއް ބޯލުމަށް މިއަދު ހަވީރު އެ އަތޮޅު ފޯކައިދު އަށް ދަނިކޮށް ޑިންގީގެ އިންޖީނު ހަލާކުވެ، ހިނގި އެކްސިޑެންޓެއްގައި ފީވަކުގެ ޒުވާނެއްގެ ހާލު ސީރިއަސްވެ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ފީވަކުން ފުރައިގެން ކޮފީއެއް ބޯލުމަށް މިއަދު ހަވީރު އެ އަތޮޅު ފޯކައިދު އަށް ދަނިކޮށް ޑިންގީގެ އިންޖީނު ހަލާކުވެ، ހިނގި އެކްސިޑެންޓެއްގައި ފީވަކުގެ ޒުވާނެއްގެ ހާލު ސީރިއަސްވެ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ޑިންގީގެ އިންޖީނުގެ ތެރޭގައި ވަށްބުރެއްހެން ތޫނުކޮށް އިން ފްލައިވީލް ނައްޓައިގެން ބަނޑުގައި ޖެހި ޒަހަމްވީ ފީވަކު، އޯކިޑްމާގޭ އަބްދުﷲ ފަޒީލް 32، އެވެ.

ޑިންގީ ދުއްވަން ހުއްޓާ އިންޖީނުގެ ފްލައިވީލް ނައްޓައިގެން ގޮސް ޖެހި އޭނާގެ ބަނޑު ހަ އިންޗި އަށް ކަފައިގެން ގޮސްފައިވާ ކަމަށް ފީވަކު ކައުންސިލުން ބުންޏެވެ.

"ބަނޑު ވަރަށް ބޮޑަށް ކަފައިގެން ގޮސް ގޮހޮރު ވެސް ބޭރަށް ނުކުމެފައި ވަނީ،" ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވި އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނިގޮތުގައި ފަޒީލުގެ އޮޕަރޭޝަނެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިހާރު އަންނަނީ ކުރަމުންނެވެ.

އަލީ ރިޒާ ވިދާޅުވި ގޮތުގައި ޑިންގީގައި ފީވަކުން ގާތްގަނޑަކަށް 15 މިނެޓު ތެރޭގައި ފޯކައިދު އަށް ދެވެ އެވެ.

ފީކަވު ސްކޫލްގެ ޓީޗަރަކަށް އުޅޭ ފަޒީލް ފޯކައިދު އަށް ދަތުރުކުރީ އޭނާގެ ގާތް ރަހުމަތްތެރިޔަކާ އެކުގައި ކަމަށްވެ އެވެ. އެކްސިޑެންޓުގައި ރަހުމަތްތެރިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބުނީ ޑިންގީގެ ކުރީކޮޅުގައި އޭނާ އިނުމުން ކަމަށް ވެ އެވެ.

"ޑިންގީ ދުއްވަން އިނީ ފަޒީލް. ދުއްވަން އިންދައި ފްލައިވީލް ނައްޓައިގެން އައިސް ބަނޑު ކަފައިގެން ދިޔައީ އިންޖީނުގެ ކަވަރު ފަޅިއެއް ވެސް ފަޅާލާފައި ނިކުމެގެން ގޮސް ކަމަށް ވަނީ. އެކަމަކު އެކަން ހިނގީ ކިހިނެއް ކަމެއް އަދި ނޭނގޭ،" ރިޒާ ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ހިނގަން މެދުވެރި ގޮތް ތަހުގީގުކުރަމުންނެވެ.