Roadha Mihaaru
ސައިކަލަކުން ޖެހި ކުޅުދުއްފުށީ މީހެއްގެ ހާލު ސީރިއަސް

ސައިކަލުން ޖެހުނު މީހާގެ ހާލު ސީރިއަސް: ކުޅުދުއްފުށީ ހޮސްޕިޓަލް

23 ނޮވެމްބަރ 2016

ހދ. ކުޅުދުއްފުށީގައި އިއްޔެ ރޭ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ގައިގައި ޖެހި، އެ ރަށުގެ ދުވަސްވީ މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީގައި އިއްޔެ ރޭ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ގައިގައި ޖެހި، އެ ރަށުގެ ދުވަސްވީ މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ރަށު ގުލްދަސްތާގޭ ހުސެން ޔޫސުފް، 74، ގެ ބޮލާއި މޫނާއި ފައި ވަރަށް ބޮޑަށް ޗިސްވެފައިވާ ކަމަށެވެ.

"ލިބިފައިވާ ގެއްލުންތައް ސާފުކޮށް ބުނަން ވެސް ނޭނގޭ. ގިނަ ކަށިތައް ހުރީ ޗިސްވެފައި،" މިހާރު އައިސީޔޫގައި އޮތް އެ މީހާގެ ހާލާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އޭނާގެ ހާލު ވަރަށް ސީރިއަސް."

ހޮސްޕިޓަލުން ބުނިގޮތުގައި އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެންނެވެ. އަދި ބާރަށް ދުއްވި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، އެވަގުތު މަގު ހުރަސްކުރަން އުޅުނު ހުސެންގެ ގައިގައި ޖެހުނީ އެވެ.

އެކަމަކު ސައިކަލް ދުއްވަން އިން މީހާ އެވަގުތު ފިލީ އެވެ. ފަހުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ހުސެން މަގު ހުރަސްކުރީ އިޝާ ނަމާދަށް، މިސްކިތަށް ދާށެވެ. އެކްސިޑެންޓު ހިނގީ ވެސް މިސްކިތް ކައިރީގަ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވީ ހުސެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހޭ ނެތް ނަމަވެސް މިހާރު ހޭއަރާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ އަންހެނަކާއި ކުޑަކުއްޖެކެވެ. އެކަމަކު އެމީހުންނަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.