Roadha Mihaaru
ބަންގަލަދޭޝްގެ ވޮލީ ޓީމާ އެކު އެކުވެރިކަމުގެ މެޗުތަކެއް

ބަންގްލަދޭޝްގެ ވޮލީ ޓީމާ އެކު ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް މިރޭ ފަށަނީ

07 ފެބުރުއަރީ 2022

ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން، ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗްތަކަކަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން، ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗްތަކަކަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ތިން މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، އިއްޔެ މެންދުރު ބަންގްލަދޭޝް ގައުމީ ޓީމު ވަނީ މާލެ އައިސްފަ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ހޯލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރެ އެވެ. ދެވަނަ މެޗު އަންނަ ބުދަ ދުވަހުގެ ރޭ އަދި ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ރާއްޖޭގެ ގައުމީ ވޮލީ ޓީމު ވަނީ މިދިޔަ މަހު ފަރިތަކުރުންތައް ފަށައިފަ އެވެ. ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވެސް ޓީމަށް އިރުޝާދު ދިން ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

މިދިޔަ މަހުގެ ސެންޓްރަލް ޒޯން މުބާރާތަށް ފަހު، ވޮލީ ބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްވައިބީގެ އެހީތެރިކަމާ އެކު ރާއްޖޭގެ ޓީމު ބިދޭސީ ކޯޗަކާ ހަވާލުކުރަން ނިންމާފައިވީ ނަމަވެސް އާ ކޯޗު ހަމަޖެއްސުމުގެ ކަންކަން އަދި މުޅިން ފުރިހަމަ ނުވާތީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމީ ޓީމު ތައްޔާރުކުރަން ކާއްޓޭ އަށް ހަވާލު ކުރާށެވެ.

ބަންގްލަދޭޝްގެ ވޮލީ ޓީމާއި ރާއްޖޭގެ މެޗު ހަމަޖެއްސީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ބަންގްލަދޭޝަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ވޮލީބޯލް ފެޑެރޭޝަނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މަހުލޫފްގެ ދައުވަތަކަށް މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ރާއްޖޭގައި ވަނީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އަދި އެ އަށް ފަހު، ރާއްޖޭގެ ގައުމީ ޓީމު ވަނީ އިންޑިއާގެ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ވެސް ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން އެންމެ ފަހުން ބަންގްލަދޭޝްއާ ވާދަކުރި މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ ފަހަރު އުނދަގޫ ހާލަތެއްގައި އޮތް ރާއްޖޭގެ ޓީމުގެ ލިބަރޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ރާއްޖޭން ކުޅުނީ ލިބަރޯއެއް ނުލަ އެވެ. ނަމަވެސް ޓީމުގެ މިހާރުގެ ހާލަތު މުޅިން ތަފާތު ވާނެ ކަމަށާއި ފުލް ޓީމާއެކު ތައްޔާރުވާން ވެސް ވަގުތު ލިބިފައި ވުމުން އަމިއްލަ ގައުމުގައި ކުޅޭއިރު އެ ޓީމު ބަލިކުރެވޭނެ ކަމުގެ އުންމީދު ވެސް އެބައޮތް ކަމަށް ކާއްޓޭ ބުނެފައި ވެ އެވެ.

ރާއްޖެ އިން ވަނީ މި އަހަރުގެ ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ވެސް ހޯސްޓު ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.