Roadha Mihaaru
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި

ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި

18 ޑިސެމްބަރ 2016

ޓިއުރިން (ޑިސެމްބަރު 18) - އިޓާލިއަން ލީގުގައި ރޭ ރޯމާ 1-0 އިން ބަލިކޮށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 25 ލީގު މެޗުން މޮޅުވުމުގެ ރެކޯޑާ ހަމަކޮށް ޔުވެންޓަސް އިން ލީގު އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ޑިސެމްބަރު 18) - އިޓާލިއަން ލީގުގައި ރޭ ރޯމާ 1-0 އިން ބަލިކޮށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 25 ލީގު މެޗުން މޮޅުވުމުގެ ރެކޯޑާ ހަމަކޮށް ޔުވެންޓަސް އިން ލީގު އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ޔުވެންޓަސް އެއް ވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް 17 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާން ރޭ ކުޅުނު މެޗުން އެޓަލާންޓާއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ ޓީމަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިިން އެވެ. މިއީ މި ސީޒަނުގައި ހިގައިން ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

ޔުވެންޓަސް އިން މީގެ ކުރިން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 25 މެޗުން މޮޅުވެ، ރެކޯޑް ހެދީ އޮގަސްޓް 2013 އިން ފެށިގެން ނޮވެމްބަރު 2014 އަށެވެ.

ލީގުގައި އެންމެ ފަހުން ރޯމާ އަށް ޔުވެންޓަސް ބަލިކުރެވުނީ މީގެ ފަސް އަހަރު ކުރިންނެވެ. ރޯމާގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނީ ޔުވެންޓަސް ހުރިހާ ގޮތަކުން ބެލިޔަސް ރޯމާ އަށް ވުރެ ވަރުގަދަ ކަމަށެވެ.

"އިންޑިވިޖުއަލީ ބެލިޔަސް ޔުވެންޓަސް ޓީމު އޮތީ ހުނަރުން ފުރިފައި. އިދިކޮޅަށް ނުކުންނަ ޓީމުތަކަށް އެ ޓީމުގެ ކުޅުންތެރިން ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން. ޔުވެންޓަސް ލީގުގައި އެ އޮތީ ހައްގު މަގާމެއްގައި،" ސްޕަލެއްޓީ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ ބޮޑު ލީޑެއް ލިބުނަސް ފަސޭހަ ކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ހަތް ޕޮއިންޓުގެ ލީޑެއް ލިބުނަސް އެބަ އެނގޭ އަދި ބައިވަރު މެޗުތަކެއް އެބަހުރިކަން. ފަސޭހަކޮށްލައިފިނަމަ އަތުން ގެއްލޭނެ ޕޮއިންޓްތައް އިތުރުވެ ޕްރެޝަރު ބޮޑުވާނެ،" އަލެގްރީ ބުންޏެވެ.