Roadha Mihaaru

ޔުވެންޓަސް އިން އިންޓަ އަށް ހުރަސް އަޅައިފި

ވާދަވެރި އިންޓަ މިލާން 1-0 އިން ބަލިކޮށް ޔުވެންޓަސް އިން އެ ޓީމު އިޓާލިއަން ލީގުގެ އެއް ވަނަ އަށް އެރިޔަނުދީ ހިފަހައްޓައިފި އެވެ.

ޔުވެންޓަސް އިން އިންޓަ އަށް ހުރަސް އަޅައިފި

ވާދަވެރި އިންޓަ މިލާން 1-0 އިން ބަލިކޮށް ޔުވެންޓަސް އިން އެ ޓީމު އިޓާލިއަން ލީގުގެ އެއް ވަނަ އަށް އެރިޔަނުދީ ހިފަހައްޓައިފި އެވެ.

އެއް ވަނައިގައި 56 ޕޮއިންޓާ އެކު އޮތް ނަޕޯލީ މި ހަފުތާގައި ކުޅުނު މެޗުގައި ލާޒިއޯއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެހެންވެ ރޭ ޔުވެންޓަސް އަތުން މޮޅުވެގެން އިންޓަ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު މި މެޗުން ބަލިވުމުން އެ ޓީމު އޮތީ 54 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އަކީ މި ސީޒަނުގެ ވެސް ފޭވަރިޓެވެ. އެކަމަކު ބޮޑެތި ބައެއް މެޗުތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ލީގުގައި އެންމެ ކުރިއަށް އެރޭ ގޮތް ނުވެ އެވެ. އެ ޓީމު ވަނީ ވާދަވެރި އޭސީ މިލާން އަތުން ވެސް 2-1 އިން ބަލިވެފަ އެވެ.

އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ ކުޅުންތެރިން މޮޅަށް ކުޅުނު ކަމަށާއި އެކަމަކު މޮޅުނުވެވުމުން ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ގޯލު ކުރިމަތީގައި މިއަށް ވުރެ ސަމާލުވާން. ފުރަތަމަ ހާފުގައި ވެސް ލިބުނު ލީޑު ނަގާނެ ފުރުސަތު،" އޭނާ ބުންޏެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލް ޖެހީ 74 ވަނަ މިނެޓުގައި ފްރެންސިސްކޯ ކޮންސިއާސޯ އެވެ.

މި މޮޅަކީ ގަދަ ހަތަރެއް ހޯދުމަށް ޔުވެންޓަސް ކުރާ މަސައްކަތުގައި ލިބުނު މުހިއްމު މޮޅެކެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި 51 ޕޮއިންޓާ އެކު އޮތީ އެޓަލާންޓާ އެވެ.

"މި މޮޅާ އެކު އަހަރެމެންގެ އިތުބާރު ބޮޑުވެއްޖެ،" ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާ ބުންޏެވެ. "ކުޅުންތެރިން ޕްރެކްޓިހުގައި ކުރާ ބުރަ މަސައްކަތުގެ ބަދަލު މި ލިބުނީ."