Roadha Mihaaru
ހިމްނާ، ނިބާލް އަދި ޒިޔާން އަށް އޮލިމްޕިކް ސްކޮލާޝިޕް

ހިމްނާ، ނިބާލް އަދި ޒިޔާން އަށް ވެސް އޮލިމްޕިކް ސްކޮލާޝިޕް

10 ފެބުރުއަރީ 2022

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކް މުބާރާތަށް ކޮލިފައި ވުމަށް އެހީވުމުގެ ގޮތުން ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ފަރާތުން ދޭ އޮލިމްޕިކް ސްކޮލާޝިޕް، އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަނާއި ބެޑްމިންޓަންގެ ނިބާލް އަހުމަދުގެ އިތުރުން ޝޫޓިން އިން ޒިޔާން ޒިޔާއު އަށް ލިބިއްޖެ އެވެ.

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކް މުބާރާތަށް ކޮލިފައި ވުމަށް އެހީވުމުގެ ގޮތުން ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ފަރާތުން ދޭ އޮލިމްޕިކް ސްކޮލާޝިޕް، އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަނާއި ބެޑްމިންޓަންގެ ނިބާލް އަހުމަދުގެ އިތުރުން ޝޫޓިން އިން ޒިޔާން ޒިޔާއު އަށް ލިބިއްޖެ އެވެ.

އެތުލެޓިކްސް އިން ސްކޮލާޝިޕް ލިބުނު ހިމްނާ އަކީ މި ވަގުތު ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އަންހެން ދުވުންތެރިޔާ އެވެ. އެތުލެޓިކްސްގައި ހިމްނާ އަކީ 400 މީޓަރު ދުވުމަށް ހާއްސަ އެތުލީޓެކެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް ވެސް އޮތީ ހިމްނާ އަތުގަ އެވެ. ހިމްނާ ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަަން ގޭމްސްގައި 400 މީޓަރު އިވެންޓުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. މީގެ އިތުރުން ހިމްނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕާއި، ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ވާދަކޮށްފަ އެވެ.

ނިބާލް އަކީ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފިރިހެން ބެޑްމިންޓަން ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ނިބާލަކީ ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ފަހުގެ ތިން އަހަރުގެ ވެސް ވެސް ރަނަރަޕެވެ.

ޝޫޓިންގައި ޒިޔާން އަކީ 10 މީޓަރު އެއާ ޕިސްޓަލް ފިރިހެން ބައިގެ ގައުމީ ރެކޯޑު އޮންނަ އެތުލީޓެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އޮތް 14 ވަނަ އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕް އަދި އެ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް އަމިއްލަ ރެކޯޑު އާ ކޮށްފަ އެވެ. އަދި އޭނާ ވަނީ 10 މީޓަރު އެއާ ޕިސްޓަލް މިކްސް ޓީމު ބައިން ވެސް ގައުމީ ރެކޯޑު ހަދައިފަ އެވެ.

އެތުލީޓުންގެ ތެރެއިން ހުނަރާއި ކާމިޔާބީތަކަށް ބަލައި 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ އޮލިމްޕިކަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުން، ތަމްރީނުތައް ކުރިޔަށް ގެންދަން ދެވޭ ސޮލިޑަރިޓީ ސްކޮލާޝިޕްގެ ފަސް ފުރުސަތެއް ވަނީ ރާއްޖެއަށް ދީފަ އެވެ. ހިމްނާ އާއި ނިބާލް އަދި ޒިޔާންގެ އިތުރުން، ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އަދި ކުޅަދާނަ ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ވެސް ވަނީ އެ ފުރުސަތު ދީފަ އެވެ.

އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ހުރިހާ އެތުލީޓުންނަށް ވެސް 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން އެތުލީޓަކު ބޭނުން ސެންޓަރެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ދޭނެ އެވެ. ތަމްރީންތަކަށް މާލީ އަދި ފަންނީ އެހީތެރިކަން އައިއޯސީން ފޯރުކޮށްދޭނެ އެވެ.