Roadha Mihaaru
އޮލިމްޕިކްސްއާ މެދު ސުވާލު އުފެދި ތައްޔާރީތަކަށް ހިޔަނި

ޓޯކިޔޯ އޮލިމްޕިކްސް ބޭއްވޭނެކަމާ މެދު ޝައްކު؛ ރާއްޖޭގެ ތައްޔާރީތަކަށް ވެސް ހިޔަނި

19 މެއި 2021

ޖުލައި މަހު ޖަޕާންގައި ފަށަން ތާވަލުކޮށްފައިވާ އޮލިމްޕިކްސް ގޭމްސް ބޭއްވޭނެކަމާ މެދު ސުވާލު އުފެދިފައިފައި ވުމުން، ރާއްޖޭގެ ތައްޔާރީތަކަށް ވެސް ހިޔަނި އެޅިފައިވާ ކަމަށް އެސޯސިއޭޝަންތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖުލައި މަހު ޖަޕާންގައި ފަށަން ތާވަލުކޮށްފައިވާ އޮލިމްޕިކްސް ގޭމްސް ބޭއްވޭނެކަމާ މެދު ސުވާލު އުފެދިފައިފައި ވުމުން، ރާއްޖޭގެ ތައްޔާރީތަކަށް ވެސް ހިޔަނި އެޅިފައިވާ ކަމަށް އެސޯސިއޭޝަންތަކުން ބުނެފި އެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ގޭމްސް، ކޮވިޑް-19ގެ ސަބަބުން މިއަހަރަށް ރީޝެޑިއުލް ކޮށްފައި ވަނީ، ޖުލައި 23 އިން އޯގަސްޓް 8 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށެވެ. ގޭމްސް އާ ދެމެދު 10 ހަފުތާގެ މުއްދަތެއް އޮތް އިރު ޖަޕާންގެ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ބޭނުން ވަނީ މި އަހަރު ވެސް ގޭމްސް ނުބޭއްވުމަށެވެ.

ކޮވިޑްގެ ހާލަތު ޖަޕާންގައި އަނެއްކާ ވެސް ގޯސްވާން ފެށުމުން އެ ގައުމުން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ، ޖަޕާނުގައި ކޮވިޑް ޖެހގެން މަރުވާ މީހުންގެ އަދަދު މަދުވިޔަސް، އުނދަގޫ ހާލަތެއްގައި ގޭމްސް ބާއްވަން އުޅޭތީ ޖަޕާންގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑެވެ. އެ ގައުމުގެ ބައެއް އެތުލީޓުންގެ ހިޔާލު ވެސް ވަނީ ދެކަފި ވެފަ އެވެ.

ގޭމްސް ބޭއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީން ކަމެއް ދެވޭނެ އެއްވެސް ފަރާތެއް ނެތެވެ. އޭގެ ނުރަނގަޅު އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފަ އެވެ.

"އެތުލީޓުންނަށް އެބަ އަސަރުކުރޭ،" އޮލިމްޕިކްސް އަށް ތައްޔާރު ވުމަށް ރާއްޖޭގެ އެތުލީޓުންނަށް ހުރި ހުރަސްތަކާ ބެހޭގޮތުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) "މިހާރު" އަށް ވިދާޅުވި އެވެ.

"މިއީ އާންމު ހާލަތުގައި ބާއްވާ ގޭމްސްއެއް ނަމަ އަޅުގަނޑުމެންގެ ޓާގެޓް އެތުލީޓުން ވެސް ތިބޭނީ ރާއްޖެއިން ބޭރުގެ ޓްރޭނިންއަށް ފޮނުވާލާފައި، ގިނަ ކުދިން މާލޭގައި ތިބި އިރު މާލެ ވެސް މިއޮތީ ފާޑަކަށް ލޮކްޑައުންއެއްގައި. ޓްރޭނިންއަކަށް ނުއެއް ދެވޭ. ރާއްޖެ އެކަންޏެއް ނޫން ވަރަށް ގިނަ ގައުމުތަކަށް ވެސް ވަނީ މި މައްސަލަ ކުރިމަތި ވެފަ."

މަރުޒޫގް ވިދާޅުވީ، އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލާ އެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކިފައި ވަނީ ގޭމްސް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ކަމަށެވެ.

"ޕްރިކްއޭޝަން މެޝާތައް ވަރުގަދަކޮށްގެންވެސް ގޭމްސް ބޭއްވުމުގެ ވިސްނުންތަކެއް އައިއޯސީން ވެސް ގެންގުޅެނީ." އޭނާ ވިދާޅުވި އެވެ.

އޮލިމްޕިކްސްއަށް ކޮލިފައި ނުވާ ގައުމުތަކަށް ފުރުސަތު ދެނީ އޮލިމްޕިކްސްއިން ކަނޑައަޅާ ކުޅިވަރުތަކުންނެވެ. "ވައިލްޑް ކާޑް"ގެ ދަށުން މިހާތަނަށް ރާއްޖެއަށް ފުރުސަތު ދީފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންއަށެވެ.

"އޮލިމްޕިކްސް އޮންނާނެތޯ ނޯންނާނެތޯ ސުވާލު ވެސް އަޅުގަނޑުމެންނަށް ވެސް އެބައޮތް އެކަމަކު އޮންނާނެ ކަމަށް ވިސްނައިގެން މިއޮތް ފުރުސަތުގެ ތެރެއިން ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ." ސްވިމިން އެސޯސިއޭޝަންގެ ނައިބުރައީސް އިސްމާއީލް އަލީ ވިދާޅުވި އެވެ.

އޮލިމްޕިކްސްއަށް ދެވޭނެކަމަށް ބެލެވޭ ޓާގެޓް އެތުލީޓުންގެ ތެރެއިން ސްވިމިންގައި ތިބީ ހަތަރު އެތުލީޓުންނެވެ. އެ އެތުލީޓުންގެ ތެރެއިން ގޭމްސްއަށް ދާނީ ދެ އެތުލީޓުންނެވެ. އޮލިމްޕިކްސް އަށް ފޮނުވާ ފެތުންތެރިން ވާންޖެހޭނީ، ދުނިޔޭގެ ސްވިމިން ފެޑެރޭޝަން (ފީނާ) އިން ގަބޫލުކުރާ އިންޓަނޭޝަލް މުބާރާތްތަކެއްގައި ވާދަކޮށް ވަކި ޓައިމިންގައި ނިންމާ ފެތުންތެރިންނަށެވެ. އެ ކެޓަގަރީގައި ތިބި ފެތުންތެރިންގެ ތެރެއިން ސްވިމިން އެސޯސިއޭޝަނުން ވަނީ ހަތަރު ފެތުންތެރިން ޝޯޓް ލިސްޓް ކޮށްފަ އެވެ.

އޮލިމްޕިކްސްއަށް ސްވިމިން އިން ޝޯޓްލިސްޓުވި އެތުލީޓުން

އައިޝަތު ސައުސަން

އައިޝަތު ސާޖިނާ

އަލީ އިމްއާން

މުބާލް އައްޒާމް

މި ހަތަރު ފެތުންތެރިންގެ ތެރެއިން ސައުސަން ފިޔަވައި، އަނެއް ތިން އެތުލީޓުން ތިބީ ރާއްޖެއިން ބޭރުގައި ޓްރޭނިންތަކުގަ އެވެ. އޮލިމްޕިކްސްގެ ސްކޮލާޝިޕެއްގެ ދަށުން ސާޖިނާ އިނީ މެލޭޝިއާގަ އެވެ. މުބާލް ހުރީ އޮސްޓްރޭލިއާގަ އެވެ. ފީނާގެ ސްކޮލާޝިޕެއްގެ ދަށުން އިމްއާން ހުރީ ރަޝިއާގަ އެވެ.

އިސްމާއީލް ވިދާޅުވީ، މެލޭޝިއާ އާއި އޮސްޓްރޭލިއާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސާޖިނާ އާއި މުބާލްއަށް ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ރަޝިއާގެ ކަޒާންގައި ޓްރޭނިން ހަދަމުން ގެންދާ އިމްއާންގެ ޓްރޭނިންތައް، ކޮވިޑްގެ ހާލަތުގައިވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާކަން އިސްމާއީލް ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ ކުޅިވަރު ކުޅޭތަންތަން ބަންދު ކޮށްފައި ވުމުން ސައުސަންގެ ޓްރޭނިންތައް ވެސް މިހާރު ކުރިއަކަށް ނުގެންދެވެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ، އޮލިމްޕިކްސްއަށް ހަ އެތުލީޓެއް ޝޯޓްލިސްޓް ކޮށްފަ އެވެ. އޮލިމްޕިކްސްއަށް ފޮނުވާނީ ޓައިމް ޓްރަޔަލްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާ އެތުލީޓެވެ.

އެތުލެޓިކްސް އިން ޝޯޓްލިސްޓުވި އެތުލީޓުން

އައިޝަތު ހިމްނާ ހަސަން

އައިޝަތު ޝަބާ ސަލީމް

މަރްޔަމް ރޫޔާ އަލީ

ހަސަން ސާއިދު

އިބާދުﷲ އާދަމް

އަހްމަދު ނަޖްދާން އަބްދުﷲ

"ގޭމްސްއަށް ތައްޔާރު ވަމުން ދަނިކޮށް މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިއްޖެ ކޮވިޑްގެ ފިޔަވަޅުތަކާ ގުޅިގެން،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އަހްމަދު މުންތަގިމް ވިދާޅުވި އެވެ.

"ރާއްޖެ އެކަންޏެއް ނޫން އެހެން ގައުމުތަކަށް ވެސް ޔަގީންކަމެއް ނެތް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތުގައި އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރު ވެވޭނެ ކަމެއް."

އޭނާ ވިދާޅުވީ އަންނަ މަހުގެ 18 ވަނަ ދުވަހު ފައިނަލް ޓައިމް ޓްރެޔަލް ބާއްވާނެ ކަމަށެވެ. ބްރެޒިލްގެ ރިއޯޑީޖެނީރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން ސާއިދު ވަނީ އެއް ވަނަ ހޯދައި، ފުރަތަމަ ބުރަށް ކޮލިފައި ވެފަ އެވެ. އެއީ އޮލިމްޕިކްސްގައި ރާއްޖޭގެ 33 އަހަރުވީ ތާރީހްގައި އޮލިމްޕިކްސްގެ މަރުހަލާއެއް ރާއްޖޭގެ އެތުލީޓަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.