Roadha Mihaaru
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެ

އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެ

10 ޖުލައި 2019

ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން އެ ތަނުގައި މަސައްކަތްކުރަން އުޅުނު ބަންގްލާދޭޝް މަސައްކަތު މީހެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން އެ ތަނުގައި މަސައްކަތްކުރަން އުޅުނު ބަންގްލާދޭޝް މަސައްކަތު މީހެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ޖާހް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކުން އިމާރާތްކުރަމުން ދިޔަ ގެއެއްގައި މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.

ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި މަރުވީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގި އިމާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ވަނީ، އެ އިމާރާތުގެ ހަތް ވަނަ ބުރި އަށް އެއްޗެހި އުފުލަން ބޭނުންކުރި ލިފްޓެއްގެ ކޭބަލް ކަނޑައިގެން ގޮސް މީހަކާ އެކު ވެއްޓިގެން ވެސް އަނިޔާވެފަ އެވެ. އެ ހާދިސާގައި ވެސް ވަނީ މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ.

މި ދެ ހާދިސާ ވެސް، ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިމާރާތްކުރާ ތަންތަނުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފަ އެވެ. މި އަހަރު ކުރީކޮޅު މާލޭގައި ވެސް ވަނީ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަ އަންހެން ކުއްޖަކު ވެސް މަރުވެފަ އެވެ. އަދި އޭގެ ފަހުން ވެސް ބޮލަށް ގަލެއް ވެއްޓިގެން ވެސް މީހަކު މަރުވެފައިވެ އެވެ. މި ހާދިސާތަކާ ގުޅިގެން، އިހުމާލުވި ފަރާތްތައް ޖޫރިމަނާކޮށް ބައެއް މީހުންގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ވެސް ކޮށްފަ އެވެ.