Roadha Mihaaru
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!

އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!

12 މެއި 2019

ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށް ވާ ރޯޝަން ޖިއާންގެ ފުރާނަ ގެއްލުނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިފަ އެވެ. އެ ހާދިސާ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. އެމައްސަލާގައި އިހުމާލުވީ ކުންފުނީގެ ވެރިންނާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެކަމަކު އިމާރާތްތަކުގެ މަތިން އެތިއެތިގަނޑާއި ތަފާތު އެހެން އެއްޗެހި ވެއްޓުން ހުއްޓުމަކަށް ނާދެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށް ވާ ރޯޝަން ޖިއާންގެ ފުރާނަ ގެއްލުނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިފަ އެވެ. އެ ހާދިސާ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. އެމައްސަލާގައި އިހުމާލުވީ ކުންފުނީގެ ވެރިންނާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެކަމަކު އިމާރާތްތަކުގެ މަތިން އެތިއެތިގަނޑާއި ތަފާތު އެހެން އެއްޗެހި ވެއްޓުން ހުއްޓުމަކަށް ނާދެ އެވެ.

މާލޭގެ ހަނި މަގުތަކާއި ގޯޅިތައް އަދިވެސް އޮތީ ނުރައްކަލުން ފުރިފަ އެވެ. އިމާރާތް ކުރުމުގެ މަސައްކަތުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ހުރި ތަންތަނާއި ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ އިމާރާތްތަކުގެ ނުރައްކަލެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން އޭރު ނުކުމެ ބެލި އިރު ފެނުނީ ބައެއް ގޭގޭގެ ޝީޓްތައް ފުނޑުފުނޑު ވެފައިވާ ތަނެވެ. ވެއްޓިދާނެތީ އެއް ގެއެއްގެ މަތީ ފްލޯގެ ޝީޓް ދަށުގައި ހުރީ ޖުންގު ވިއްދާފަ އެވެ. ނަމަވެސް އެގޭގެ ހުރިހާ ފްލޯއެއްގައި އޭރު ވެސް މީހުން ދިރިއުޅެ އެވެ.

މި މައްސަލާގައި އެޅުނު ފިޔަވަޅެއް ނެތެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. އެއީ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިދޭ ގާނޫނެއް ނެތީމަ އެވެ.

"ބައެއް ތަންތަނުގެ ހާލަތު ގޯސް ކަމުން އެތަންތަނުގެ ވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ފަހުން މިފެންނަނީ އަނެއްކާވެސް ކުޑަކޮށް މަރާމާތުކޮށްލައިގެން ބޭނުން ކުރާ ތަން. އެއީ ރައްޔިތުންގެ މުދާ، އެމީހުންނަށް އާމްދަނީ ލިބޭ ތަންތަން. މީހުންގެ އަމިއްލަ ތަންތަން ވީމާ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް،" މާލޭގެ މޭޔަރު ޝިފާ މުހައްްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ގޮތުން ބާރު ލިބިފައިވާ ނަމަ، ބާވުމުގެ ސަބަބުން ނުރައްކާތެރި ހާލަކަށް ގޮސްފައިވާ ބައެއް ތަންތަން މިހާރު ވެސް ދައުލަތަށް ނެގިދާނެ އެވެ. އެހެންކަމުން އެފަދަ ތަންތަނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނުތައް ވަރަށް އަވަހަށް އަންނަން ޖެހެ އެވެ. އޭގެ އިތުރުން އިމާރާތްކުރުމާއި މީހުން ދިރިއުޅުމަށް ގެދޮރު ބޭނުން ކުރުމުގެ ހަރުދަނާ އުސޫލުތަކެއް ވެސް ގާނޫނުން ކަނޑައަޅަން ޖެހެ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ހަމައެކަނި އިމާރާތް ކުރުމެއް ނޫން، ގޭގޭގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ވެސް ގާނޫނުން ކަނޑައަޅަން ޖެހޭ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާ އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމުގައި ގާނޫނެއް ނެތުމުގެ އިތުރުން ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގެ ވެރިންނާ މުއާމަލާތް ކުރުމުގައި ދަތިތައް ހުރި ކަމަށް ވިދާޅުވި އެވެ. "ހުރިހާ ތަންތަނުގެ ވާހަކައެއް ނޫން، އެކަމަކު ބައެއް ތަންތަނުގެ ވެރިން ނުވެސް އުޅޭ މާލެއަކު. ދެން އެބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރުން ވެސް މި އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައި،" ޝިފާ ވިދާޅުވި އެވެ.

ދައުލަތުގެ އިމާރާތްތަކެއް ވެސް ނުރައްކަލުގައި

ބާވުމުގެ ސަބަބުން ނުރައްކާތެރި ހާލަތުގައި ހުރި އާއްމުންގެ އިމާރާތްތައް ނުނެގުނަސް އެފަދަ ހާލަތްތަކުގައި ހުރި ދައުލަތުގެ އިމާރާތްތައް ސަރުކާރަށް ނެގިދާނެ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިއްސުރެ އެ ހާލަތަށް ގޮސްފައިވާ ބައެއް އިމާރާތްތައް އަދިވެސް އެބަ ހުއްޓެވެ. ބޭނުން ވެސް ކުރެ އެވެ.

މީގެ އެއް މިސާލަކީ ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ކޮންމެ ދުވަހަކު ޖަމާވާ، އަދި ސަރުކާރުގެ މުހިއްމު އިދާރާތަކެއް ހުންނަ ސަރަހައްދެއްގައި ހުރި ހުރަވީ ބިލްޑިންގާއި ޣާޒީ ބިލްޑިންގެވެ. މީގެ ތިރީހަކަށް އަހަރު ކުރިން އިމާރާތްކޮށްފައިވާ އެ ދެ ތަނުގެ ބޭރުން ފެންނަނީ ވީރާނާ ކަމެވެ.

ހުރަވީ ބިލްޑިންގުގެ ބެލްކަންޏަކުން ބައެއް ވެއްޓި މީހަކަށް އަނިޔާވި ހާދިސާއެއް 2016 ގައި ހިނގި އެވެ. މިދިޔަ އޭޕްރިލް މަހު ވެސް އެތަނުން ބައެއް ވެއްޓުނެވެ. އެކަމަކު ތަން ހުސްކޮށް ތަޅާލެވޭ ވަރެއް އަދިވެސް ނުވެ އެވެ.

ތޮއްޖެހިފައިވާ މާލޭގައި ހުރި މިފަދަ އިމާރާތްތަކުގެ ސަބަބުން އާންމު ނުރައްކަލެއް މިވަނީ ކުރިމަތިވެފަ އެވެ. މި ހުންނަނީ ހާދިސާއެއް ހިނގަންދެން ލަސްކުރެވޭނެ ކަންކަމެއް ނޫނެވެ.