Roadha Mihaaru
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން

އާރަށުގެ މައްސަލައިގެ ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން: އިސް ގާޒީ

10 ފެބުރުއަރީ 2022

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން އަވަސް ކުރީ އެ މަނިކުފާނަށް ދައުވާކުރާ ހުރިހާ މައްސަލަތައް އެއްކޮށް ނިންމުމަށް ކަމަށް އެ މައްސަލަތައް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން އަވަސް ކުރީ އެ މަނިކުފާނަށް ދައުވާކުރާ ހުރިހާ މައްސަލަތައް އެއްކޮށް ނިންމުމަށް ކަމަށް އެ މައްސަލަތައް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ޔާމީނަށް ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ކުރިން ހަމަޖެއްސީ އަންނަ ނޮވެމްބަރު މަހަށެވެ. އެކަމަކު ފަހުން ވަނީ ތާވަލް ބަދަލުކޮށް، އަންނަ ޖޫން މަހު ހުކުމް އިއްވާ ގޮތަށް ހަމަޖައްސައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ ޝަކީލް ވިދާޅުވީ، ހުރިހާ މައްސަލަތަކެއްގައި ކޯޓުން އަމަލުކުރާ އުސޫލަކީ އެކަކުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރާ ނަމަ، އެ ހުރިހާ މައްސަލަތަކެއް އެއްކޮށް ނިންމުން ކަމަށެވެ. އަދި އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީނަށް ދައުވާ ކުރާތީ، އެ މައްސަލައާ އެކު އާރަށުގެ މައްސަލަތައް ވެސް ނިންމަން ތާވަލަށް ބަދަލު ގެނައީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ފުއްގިރި މައްސަލަ ވެސް ބައްލަވަމުން ގެންދަވާ އިސް ގާޒީ ޝަކީލް ވިދާޅުވިގޮތުގައި، އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުމަކާ ގާތަށް ގޮސްފައިވާއިރު، އާރަށް މައްސަލަ އޮތީ އެ އަށް ވުރެ ފަހަތުގަ އެވެ. އެހެންވެ، ދެ މައްސަލަ އެއްކޮށް ނިންމޭނެ ގޮތަށް ތާވަލަށް ބަދަލު ގެނައީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވީ، ތާވަލެއް ދުރާލައި ކަނޑައަޅާފައި އޮތަސް، ދިމާވާ ކަމެއްގެ ސަބަބުން ތާވަލެއް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ. އަދި ވަކި މައްސަލައަކަށް ވާތީ ތަފާތު އުސޫލެއް ގެންގުޅުމުގެ ވިސްނުމެއް ނޯންނާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތާ ގުޅިގެން ބައެއް މީޑިއާތަކުން ނަފްރަތު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ވެސް އިސް ގާޒީ މިއަދު ފާޅުކުރެއްވި އެވެ. އިސް ގާޒީ ވިދާޅުވީ އެ ޝަރީއަތް ކުރިއަށް ގެންދަނީ ހުޅުވާލައިގެން ކަމަށް ވާއިރު އަދި ކޯޓުގެ ފަރާތުން މައުލޫމާތު ދޭން މުވައްޒަފުން ތިބޭއިރު ސިއްރު މަސްދަރުތަކާ ހަވާލާދީ ބައެއް މީޑިއާތަކުން މައުލޫމާތު ފެތުރުމުން އާންމުންގެ ހިތްތަކުގައި ކޯޓާ މެދު ނަފްރަތު އުފެދޭ ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ނުކުރަން އިސް ގާޒީ އެދިވަޑައިގަތެވެ.