Roadha Mihaaru

ފުއްގިރި މައްސަލަ: ޝަރީއަތް އަވަސް ކުރާތީ ޔާމީންގެ ކަންބޮޑުވުން

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

30 އެޕްރީލް 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، ވަކީލުންނާ ބައްދަލުކުރައްވަން ކޯޓުން ފުރުސަތު ދިނަސް، ހަފުތާ ބަންދު ދުވަސްތަކެއް ދިމާވުމުން ކަރެކްޝަންސްގެ އުސޫލު އޮތް ގޮތުން އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ދައުވާ ކުރަނީ އެ މަނިކުފާނުގެ މައްޗަށް ކަމަށް ވާއިރު، ވަކީލުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދިނުމަށް ފަހު ބަޔާން ހުށަހަޅަން ފުރުސަތު ދޭން ޔާމީން އެދިވަޑައިގަތެވެ.

ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވިގޮތުގައި، މި މަސް ތެރޭގައި ތިން ފަހަރަށް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުނު ކަމަށް ކަރެކްޝަންސްގެ ލިޔުންތަކުން އެނގެ އެވެ. އިފްތިތާހީ ބަޔާނަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީންގެ ތަފާތު ތިން މައްސަލައެއް އެކި ކޯޓުތަކުގައި އޮތުމުން އެ މައްސަލަތަކުގެ މަޝްވަރާތައް ޔާމީނާ އެކު ޖަލުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެ މައްސަލާގައި އެކަމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާތީ މިއަދު އިފްތިތާހީ ބަޔާން ހުށަނޭޅޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ފުއްގިރި މައްސަލާގެ މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ

ފުއްގިރި މައްސަލާގެ މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ

ޔާމީންގެ ކަންބޮޑުވުންތަކާ ގުޅިގެން ދައުލަތުން އެދުނީ އަންނަ އަންގާރަ ދުވަހު ބާއްވާ އަޑުއެހުމުގައި ހެކިބަސް ނަގަން ފެށުމުގެ ކުރިން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ޔާމީނަށް ދެއްވުމަށެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ މާދަމާއަކީ ވެސް ބަންދު ދުވަހަކަށް ވާތީ ކަރެކްޝަންސްގެ އުސޫލު އޮތް ގޮތުން ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ކަރެކްޝަންސްއާ ވާހަކަ ދައްކައިގެން މާދަމާ އެ ފުރުސަތު ލިބޭ ގޮތް ހަމަޖެއްސިދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ ބަންދު ދުވަސްތަކުގައި ވެސް ވަކީލުންނާ ބައްދަލު ކޮށްގެން ޝަރީއަތް އަވަސް ކުރަންޖެހޭ ހިސާބަށް މި މައްސަލަ ދިޔައީތޯ ސުވާލު އުފެދޭ ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ ނަމަ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ޝަރީއަތް ބާއްވަންވީ ނޫންތޯ ޔާމީން ވިދާޅުވި އެވެ.

ގާޒީ ނަދީމް ވިދާޅުވީ ޝަރީއަތްތައް މެދުކެނޑުމެއް ނެތި އަވަހަށް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލު ކަމަށެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ ގާނޫނު އޮތް ގޮތުން މި ޝަރީއަތް އަވަސްވާ ނަމަ، އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް އަވަސް ވާން ޖެހޭނެ ކަމަށެވެ. ހުރިހާ ކޯޓަކަށް ވެސް އޮންނާނީ އެއް އުސޫލުތަކެއް ކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ގާޒީ ވިދާޅުވީ އިސްތިއުނާފް މައްސަލައަކީ ފުއްގިރި މައްސަލައާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. ޔާމީންގެ ވަކީލުންގެ އެދުމުގެ މަތިން، އިފްތިތާހީ ބަޔާން ހުށަހެޅުން އަންނަ ބުދަ ދުވަހަށް ފަސްކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދުވަހު އިފްތިތާހީ ބަޔާނަށް ފަހު، ހެކިބަސް ނެގުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ފައިސާ ލޯންޑާ ކޮށްދިން ކަމަށް ބުނެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ވެސް ކުރެ އެވެ.

ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގެ ދައުވާ އަށް ސަން ކުންފުނިން އިންކާރުކުރި އެވެ. އެ ކުންފުނީގެ ވަކީލުން ވިދާޅުވީ އެއީ ހަގީގަތާ ހިލާފް ދައުވާއެއް ކަމަށާއި އަދި އެއީ ކުށުގެ އުންސުރު ފުރިހަމަނުވާ ދައުވާއެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.