Roadha Mihaaru
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

18 ޑިސެމްބަރ 2016

ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. މި އަހަރުގެ އެވޯޑް ދެނީ ފަސް ދާއިރާއަކަށް ހާއްސަ ކޮށްގެންނެވެ.

އެ ދާއިރާތަކަކީ:

1. ސިޔާސީ އަދި އާއްމު ހިދުމަތުގެ ދާއިރާ

2. އިގުތިސާދީ ދާއިރާ

3. އިޖުތިމާއީ ދާއިރާ

4. އަންހެނުންނަށްކުރާ އަނިޔާ އަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

5. ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑާ މެއިންސްޓްރީމް ކުރުމުގެ ދާއިރާ

އާންމުންނާއި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކަށް ވެސް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މާޗް 8 ގަ އެވެ. އެއީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެވެ.

ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު މިއަދު ވިދާޅުވީ ރެހެންދި އެވޯޑަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާ ކުރާނީ އެކަށް ހާއްސަ ކޮމެޓީއަކުން ކަމަށެވެ.

"ރެހެންދި އެވޯޑަށް ހާއްސަކޮށް އުފައްދާފައިވާ ގާބިލް، ފަންނީ ކޮމެޓީއަކުން އެ އެވޯޑަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާ ކުރާނީ. މަދުވެގެން އަށް މީހުންނަށް އެވޯޑު ދޭން ހަމަޖައްސާފައި މިއޮތީ،" ޝަކީބު ވިދާޅުވި އެވެ.

މިއީ މި އެވޯޑު ދޭ ތިން ވަނަ އަހަރެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ 14 އަންހެނަކަށް މިހާތަނަށް ރެހެންދި އެވޯޑު ދީފައިވެ އެވެ.

މި އެވޯޑު ލިބޭ މީހުންނަށް ދެނީ ހާއްސަ އެވޯޑަކާއި ބެޖެކެވެ.