Roadha Mihaaru
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ

ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސް އަށް ނުކުޅެވޭނެ

15 ފެބުރުއަރީ 2022

ޕެރިސް (ފެބްރުއަރީ 15) - ޔޫއެފާ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުގައި، ސާޖިއޯ ރާމޯސް އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ފެބްރުއަރީ 15) - ޔޫއެފާ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި މިރޭ ފްރާންސްގެ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުގައި، ސާޖިއޯ ރާމޯސް އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ރާމޯސް ހުރީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. އެހެންވެ މިރޭ ޕީއެސްޖީ އިން ރެއާލްއާ ދެކޮޅަށް ކުޅޭ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގު މެޗުގައި އޭނާ އަށް ނުކުޅެވޭނެކަން އެޓީމުން ވަނީ ޔަގީން ކޮށްދީފަ އެވެ.

ރެއާލް މެޑްރިޑަށް 16 ސީޒަން ކުޅެދީ، މިދިޔަ އަހަރުގެ ޖުލައި މަހު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޕީއެސްޖީއާ ގުޅުނު ޑިފެންޑަރުގެ ފަޔަށް އަނިޔާވީ މިދިޔަ މަހު ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

އަނިޔާގެ ސަބަބުން ރާމޯސް އަށް ޕީއެސްޖީއާ އެކު ސީޒަނުގެ ފުރަތަމަ 14 މެޗު ގެއްލުނުއިރު، އޭނާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއަށް ފަހު ޑިސެމްބަރު މަހު ވެސް ވަނީ ފައިގެ މަސްގަނޑަކަށް ތަދުވެގެން ލީގުގެ ތިން މެޗު ގެއްލިފަ އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވި ރާމޯސް ވަނީ މިހާތަނަށް ޕީއެސްޖީ އަށް ފަސް މެޗު ކުޅެދީފަ އެވެ. އެއީ ފްރެންޗް ކަޕުގެ މެޗެއްގެ އިތުރުން ލީގު ހަތަރު މެޗެއްގަ އެވެ. މީގެ ތެރެއިން ފުރިހަމަ ވަގުތުގެ ކުޅުން ފުރިހަމަކުރީ ދެ މެޗެއްގަ އެވެ. ރާމޯސް އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ޕީއެސްޖީއާ އެކު އޭނާގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްފަ އެވެ.

ރާމޯސް އަށް ނުކުޅެވުނަސް ޕީއެސްޖީގެ ނޭމާ އަންނަނީ މިދިޔަ ނޮވެމްބަރު މަހު އޭނާގެ ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ވަމުންނެވެ.

ރެއާލް މެޑްރިޑުގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުގައި ވެސް ހުރީ އަނިޔާގަ އެވެ. ނަމަވެސް މިރޭގެ މެޗަށް ނެގި ޓީމުގައި ބެންޒެމާ ވަނީ ހިމަނައިފަ އެވެ. އަދި އޭނާއަށް މެޗުގައި ކުޅެވޭނެކަން ޔަގީން ކުރަށް ޕެރިހުގައި މިއަދު ފިޓްނެސް ޓެސްޓުތަކެއް ހަދަން ތައްޔާރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީ އާއި ރެއާލް މެޑްރިޑުގެ އިތުރުން، މެންޗެސްޓާ ސިޓީ އާއި ޕޯޗުގަލްގެ ސްޕޯޓިން ބައްދަލުކުރާ މެޗު ވެސް މިރޭ ކުޅޭނެ އެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.